ލައިފް ސްޓައިލް

އުމުރުން އެންމެ 4 އަހަރުގައި 7 ބަހުން ވާހަކަދައްކާ ކުއްޖެއް!

ވާހަކަދެއްކޭ އަޑުއިވޭނަމަ އަމިއްލަ ގައުމުގެ ނުވަތަ ތިމާ އުޅެ ބޮޑުވާ މާހައުލުގައި އިވޭ ބަހަކުން ވާހަކަދައްކަން އުނދަގުލެއް ނުވާނެއެވެ. އަދި ދެން ފޮތުން ބަލައިގެން އިރުޝާދު ލިބިގެން ނުވަތަ އަބަދު އަޑުއަހައިގެން ބަހެއް ފަރިތަކުރެވިދާނެއެވެ. އެކަމަކު އެންމެ ފަސްއަހަރު ނުވާއިރު ކުއްޖަކަށް ހައެއްކަ ބަހުން ވާހަކަދައްކަން އެހާ ފަރިތަކޮށް އެނގުނީމަ ހައިރާންނުވެ ހުރެވިދާނެހެއްޔެވެ.

އަމިއްލަ ގައުމުގެ ބަސްކަމަށްވާ ރަޝިޔާގެ ބަހާއިއެކު ޖުމްލަ 7 ބަހަކުން ފަރިތަކަމާއެކު ވާހަކަ ދައްކާ މިކުޑަ އަންހެންކުއްޖާގެ އުމުރަކީ ކޮބައިކަމަށްތޯއެވެ. އެންމެ ހަތަރު އަހަރުގެ ބެލާ ޑެވިޔާޓްކިނާއާ ބެހޭ ގޮތުން ދުނިޔޭގެ މަޝްހޫރު "ލިންގުއިސްޓުން"، ތަފާތު ބަސްބަހުން ވާހަކަ ދެއްކުމުގެ ގާބިލުކަން ހުންނަ މީހުން ބުނަނީ ކީކޭ ކަމަށްތޯއެވެ. މިހާ ޅައުމުރުގައި މިފަދަ ފުރިހަމަ ގޮތަކަށް ރާގާއި ބަސްތައް، އެބަސް ނިސްބަތްވާ ހިސާބެއްގެ ހަމަތަކާއި ގަވާއިދުތައް، އެންމެ ފުރިހަމައަށް، ވާހަކަ ދެއްކުމުގައި ބޭނުން ކުރަނީ ކޮންފަދަ އުކުޅަކުންބާވައެވެ. ޓީވީ ޝޯ، "އެމޭޒިންގ ޕީޕަލް" އިން މަޝްހޫރުވެގެން ދިޔަ ބެލާގެ އެވީޑިޔޯގައި ސުވާލުތަަކަކަށް ޖަވާބުދިނުމާއި، ލަވަކިޔުމާއި އަދި އަމިއްލަ ތައާރަފެއް ބެލާ ދީފައި ވަނީ ތަފާތު ބަސްތަކަކުންނެވެ.

މިކުޑަކުޑަ ކުއްޖާއާ ބެހޭ ގޮތުން ތަފާތު ކޮމެންޓްތައް ކޮށްފައިވެއެވެ. މިއިން ކޮންމެ ކޮމެންޓެއްގައިވެސް، ކޮންމެ ފަރާތަކުންވެސް ކުއްޖާގެ ގާބިލުކަމާމެދު އަންތަރީސްވާކަން ހާމަކޮށްފައިވެއެވެ. ހުނަރުވެރިކަމާމެދު ހަގީގަތުގައިވެސް ހައިރާންވެ، ޝޯހުވާ ވާހަކަ ފާހަގަ ކޮށްފައިވެއެވެ.

ބެލާގެ މަންމަ ޔޫލިއާ ޑެވިޔާޓްކިނާ ބުނާގޮތުން އޭނާގެ ދަރިފުޅަކީ މާ އާދަޔާހިލާފު ހުނަރުވެރި ކުއްޖަކީ ނޫނެވެ. އެކުއްޖާއަށް ބަސް އުނގަންނައި ދިނުމަށް އޭނާވަނީ ގަދައަޅައި މަސައްކަތްކޮށްފައެވެ. އެންމެ ތުއްތު އިރުއްސުރެ ވަގުތާއި ހިންމަތް އެކަމަށް އޭނާ ހުސްކުރިކަމަށް ޔޫލިއާ ބުނެފައިވެއެވެ. ޔޫލިއާ ބުނެފައިވާ ގޮތުގައި ކޮންމެ ކުއްޖަކީ ހަބަސް ނުވަތަ ހަތް ބަހުން ވާހަކަ ދައްކަން ޖެހޭ ކުއްޖެއް ނޫނެވެ. އެކަމަކު މަދުވެގެންވެސް ދެތިން ބަހަކުން ކުއްޖާއަށް ވާހަކަ ދައްކަން އެނގުމަކީ މުހިންމު ކަމެކެވެ. ބެލާ މިހުރިހާ ބަހަކުން ވާހަކަ ދައްކަން ދަސްކޮށް އެނގުނު ކަމުގައިވިޔަސް، ހަޔާތުގެ ހުރިހާ ހިސާބެއްގައި، ކޮންމެ ފަހަރަކު، މިހުރިހާ ބަހަކުން ވާހަކަދައްކަން ބެލާއަށް ނުޖެހޭނެކަންވެސް އޭނާގެ މައިންބަފައިން ގަބޫލު ކުރޭމެއެވެ.

ބެލާ ސުކޫލަށް ދާން ފެށުމުން އެންމެ ބޮޑަށް އިސްކަން ދީގެން، ސަމާލުކަން ދޭނީ އިނގިރޭސި، ފްރެންޗް އަދި ޗައިނީޒް ބަހުން ވާހަކަ ދެއްކުމަށް ކަމަށް ޔޫލިއާ ބުނެފައިވެއެވެ. އަދި ކުލާހުގައި ބެލާ ބަސްކިޔުމަށާއި ލިޔުމަށް މާބޮޑު ޝައުގެއް ނުބަހައްޓާތީ އެކަމާ ކަންބޮޑު ނުވާކަމަށްވެސް ބެލާގެ މަންމަ ބުންޏެވެ. ހަމައެހެންމެ، އެއުމުރުގެ ކުއްޖަކަށް އެނގެންޖެހޭ ވަރަށްވުރެ މާރަނގަޅަށް، މާބޮޑަށްވެސް ފުރިހަމައަށް ބެލާއަށް އަކުރުކިޔުމާއި ލިޔުން އެނގޭނެތީވެ ކުލާހުގައި އަލަށް ކިޔަވައިދޭން ފެށުމުން ބެލާ ފޫހިވެދާނެތީވެސް ކަންބޮޑު ނުވާކަމަށް ޔޫލިއާބުނެއެވެ. ސަބަަބަކީ ކުލާހުގައި ނަގައިދޭ ހުރިހާ ފިލާވަޅުތަކަށް ބެލާ ފަރިތަވުމުން އެހެން ބަސްތަކުން އެފިލާވަޅުތައް ކުރިއަށް ގެންދެވޭނެކަމަށް ޔޫލިއާ ގަބޫލުކުރާތީއެވެ. އަދި އޭގެ ސަބަބުން އެއުމުރުގެ އެހެނިހެން ކުދިންނަށްވެސް ތަފާތު ބަސްތައް ދަސްވުމަށް ފަހިވާނެ ކަމަށްވެސް ޔޫލިއާ ގަބޫލު ކުރެއެވެ.

ބެލާގެ މަންމަ ޔޫލިއާއަކީވެސް ތަފާތު ބަސްބަހުން ވާހަކަދައްކައި ލިޔަން ކިޔަން ދަންނަ ލިންގުއިސްޓެކެވެ. ވޭތިވެދިޔަ ހަތްއަހަރު ޔޫލިއާ ކުރަމުން އަންނަ މަސައްކަތަކީ ކުދިންނަށް އިނގިރޭސިބަސް އުނގަންނައިދިނުމެވެ. ބެލާގެ ބައްޕައަކީ ރޭޑިޔޯ ރިސާޗް ކުރާ މީހެކެވެ. އަދި މޮސްކޯގެ ޑިވެލޮޕްމެންޓް އިންސްޓިޓިއުޓެއްގައި މަސައްކަތް ކުރާ މީހެއްމެއެވެ. ދެމަފިރިންނަކީ މެދުފަންތީގެ ދިރިއުޅުމެއް އުޅެމުން އަންނަ، ބައެކެވެ. އެހެންކަމަށްވިޔަަސް ބޭލާއަށް ބަސް ދަސްކޮށްދީ އުނގަންނައިދިނުން އެންމެ މުހިންމު، އެންމެ ފުރަތަމަ ހަރަދު ކުރާ ކަމަކަށް ހެދިއެވެ.

ބެލާގެ މައިންބަފައިން ބޭނުންވީ ބެލާ އިނގިރޭސިން އެއްވެސް ކުށެއް ނެތި، ސާފު އިނގިރޭސި ރާގަށް ވާހަކަދެއްކުމެވެ. އިނގިރޭސި ލިޔަންކިޔަން ނޭނގުމުން ލިބިދާނެ ގެއްލުން އެނގޭތީއެވެ، އެންމެ ފުރަތަމަ ބަސްކިޔަން ފަށައިގަތް ހިސާބުން އިނގިރޭސިންނާއި ރަޝިޔާ ބަހުން ބެލާއާ ވާހަކަ ދައްކަމުން ގޮސް 10 މަސްވުމުން އެއަށް ފްރެންްޗް ބަސް އިތުރުކުރީކަމަށް ޔޫލިއާ ބުނެފައިވެއެވެ.

ވާހަކަދައްްކަން ފެށުމުގެވެސް ކުރިން ބެލާ ފޮތްކިޔަން ފެށްޓިއެވެ. އެހެން އެކަން ވާން މެދުވެރިވި ސަބަބަކީ އެންމެ ފަސްމަހުގައި ބަސްކާޑުތައް ދީގެން ފަރިތަކުރުވަން ފެށުންކަމަށް ބެލާގެ މައިންބަފައިން ބުނެއެވެ. އަދި ހަމައެގޮތަށް، ކުދި މަންޒަރުން ވާހަކަ ކާޑުތައްވެސް ދީގެން އޭގައި ހުންނަ ކުދިކުދި ވާހަކަތަކަށް ދަރިފުޅުގެ ސިކުނޑި ހުޅުވަން މަސައްކަތްކުރިކަމަށް އެމީހުން ކިޔައިދިނެވެ. މީގެ ނަތީޖާއަކަށްވީ އެއް އަހަރުގައި ބެލާ ކުދި ވާހަކަ ކާޑުގެ 60 ކާޑަށް ފަރިތަވުމެވެ. އަދި ހަމައެންމެ ދެއަހަރުގައި ބަސްތައް އެއްކޮށްގެން ފަސޭހަކަމާއެކު ކިޔަން ފެށިއެވެ. ދެއަަހަރުގައި ބެލާ ޗައިނީސް ބަހަށް އަހުލުވެރިކުރުވިއެވެ. އަދި ތިންއަހަރާއި ހަތަރު އަހަރުގައި ސްޕެނިޝް އާއި ޖަރުމަނުބަހަށް ދޫފަރިތަ ކުރުވައި ހުރިހާ ބަހެއްގެ ގަވާއިދާއި ރާގާއި މަހުރަޖާއި ހަމަ ތަފާތުކުރުވައި ރީތިކުރުވަމުން ދިޔަކަމަށް ބެލާގެ މައިންބަފައިން ކިޔައިދީފައިވެއެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި މިގޮތަށް ތަފާތު ބަސްތަކުން އެއްފަހަރާ ވާހަކަދެއްކުމަކީ ސިކުނޑީގެ ބައިބައި ހުޅުވި މަސައްކަތް ކުރަން ފަށާ ކަމެކެވެ. އެކި ބަސްބަހުން ހުންނާނީ އެކި މަހުރަޖާއި ތަފާތު އެކި ރާގުކަމަށްވާއިރު އެހުރިހާ ކަމަކަށް އެއްފަހަރާ މަސައްކަތް ކުރަން ޖެހުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ތަރައްގީއެެކެވެ.