އިސްލާމް ދީނުގައި އީދުތައް ޝަރުއުކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަކަށް ނޫން ކަމަށާއި ނަމަވެސް އެކަން ޝަރުއުކުރެއްވީ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށްޓަކައި ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ އީދު ހުތުބާގައި ބުނީ މުސްލިމުން އީދު ނަމާދަށްޓަކައި އެއްވާ އެއްވުމުން ފެނިގެން މިދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމަށާއި ކުޑަކުދިންނާއި ބޮޑުތި މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފަގީރުންނާއި މުއްސަނދީންގެ މެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރިކަން ކަމަށެވެ. އަދި އެބައިމީހުން އެއްކައުވަންތަ ރަސްކަލާނގެ ހަޟްރަތުގައި, އެކަލާނގެއަށް ހަމްދާއި ސަނާ ދަންނަވައި, އެކަލާނގެ މަތިވެރިކޮށް ތައުޒީމު ކުރާ މަންޒަރު ކަމަށެވެ.

"އިސްލާމް ދީނުގައި އީދުތައް ޝަރުއުކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަކަށް ނޫނެވެ. ނަމަވެސް އެކަން ޝަރުއުކުރެއްވީ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށްޓަކައެވެ. އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުއްވުމަށްޓަކައެވެ. އީދުގެ ދުވަސްތަކުގައި ހެޔޮފޯރުކޮށް އުޅުމާއި އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތި އަދަބެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމު ކަނޑައެޅުމަށާއި ކޮންމެ މީހަކު ވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް އަދި މާތްﷲ ގެ ހައްގުތައް އަދާކުރުމަށް ގޮވާލައިފައެވެ.

"އީދު ދުވަހު އަރަމުންދާ އިރާއެކު ތިބާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުކުރާށެވެ. ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ބެބުޅުމުން ތިބާގެ މޫނު ބަބުޅައިލާށެވެ. ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކުރާށެވެ. ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރާށެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހުތިފާލުތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫން ކަމަށެވެ. އަދި ތަނަވަސްކަން ލިބިގެންވާ މީހުން މި ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ, އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.