ދާދިފަހަކުން ސޯޝަލް މީޑިޔާގައި އާންމުވެގެން ދިޔަ، އަންހެނެއްގެ ހިތާމަވެރި ހާލަތުގެ މަންޒަރާއި ވާހަކަތައް ފެނިގެން އެމީހާގެ މައުލޫމާތު ހޯދައި އޭނާގެ އުފާވެރި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔަގޮތް "ވަން" އިން ވާނީ ހިއްސާ ކޮށްފައެވެ. ތ.ތިމަރަފުށީ/ ލުނބޯމާގޭ، އައިޝަތު މޫސާއަށް ދިމާވި ސިއްހީ މައްސަލައަކީ ކޮންކަމަކުން ޖެހޭ، ކިހިނެއްވާ، ކޮންބައްޔެއްކަން، އެނގުނުއިރު, އޭނާގެ ކަނާތުފައި ވަނީ މުޅީން މަރުވެ ބުރިކޮށްލަން ޖެހިފައެވެ. އެހިސާބަށް ކަންތައް ދިޔައިރުވެސް، އޭނާއަށް ދިވެހިރާއްޖޭގެ ސިއްހީފަރުވާދޭ އެއްވެސް ތަނަކުން އަދި އާންމުމީހެއްގެ ފަރާތުން ވިޔަސް މިއީ ކިހިނެއްވާ ކަމެއްތޯ އެނގިފައެއް ނެތެވެ. އިންޑިޔާއަށް ދިއުމާހަމައަށެވެ. އިންޑިޔާއިން މިއީ ކިހިނެއްވާ ބައްޔެއްކަން މާބޮޑަށް ފަހުމުކޮށް ނުއެނގުނަސް، މިބައްޔަކީ ޖަރާސީމަކުން ޖެހޭ ކޮންނަމެއް ކިޔާ ބައްޔެއްކަން އެނގުނެވެ. އެއީ ސެޕްސިސް އެވެ. އަލަށް އަޑު އެހި ނަމެކެވެ.
ރާއްޖޭގެ ކާމިޔާބު ޑޮކްޓަރު، މުހައްމަދު އަލީ ވަނީ ސެޕްސިސްއާ ބެހޭ ގޮތުން "ވަން" އަށް ވަރަށް ތަފުސީލުކޮށް މައުލޫމާތު ދެއްވައިފައެވެ.
މިއީ އަމިއްލަ ހަށިގަނޑަށް ހަށިގަނޑުން އަންނަ ރީއެކްޝަނެއް ނުވަތަ އިންފެކްޝަނެއް ޖެހުމުން އެ ރަނގަޅު ނުވާނެކަން ހަށިގަނޑަށް އެނގުމުން އެބައި ހަށިގަނޑުން ނައްތާލުމަށް ހަށިގަނޑު އަމިއްލައަށް ދޭ ރައްދަކުން ޖެހޭ ބައްޔެކެވެ. ސެޕްސިސްއަކީ ހަށިގަނޑުން ހަށިގަނޑަށް ދޭ އެންމެ މަތީ ދަރަޖައިގެ ނުރައްކާތެރިކަމާއިދެކޮޅު ވަރުގަދަ ރައްދެކެވެ. މިއީ އާއިލާގެ ފަރާތުން ނުވަތަ އެހެން ގޮތަކުންވެސް ވާރުތަ ވާ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެނަސް، ސެޕްސިސްއަކީ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔަކެވެ.
ސެޕްސިސް ޖެހޭ ގޮތަކީ، ޖަރާސީމު ޖެހިފައި ހުންނަ ގުނަވަނުން ގޮސް، އެޖަރާސީމު ލޭގެ ތެރެއަށް ފެތުރުމުންނެވެ. މިހެން ކަންތައް ދިމާވުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒަމުގެ ސެލްތަކުން އެޖަރާސީމު މެރުމަށްޓަކައި، މަސައްކަތް ކުރަން ފަށައެވެ. މިގޮތަށް ކުރާ މަސައްކަތުގެ ތެރޭގައި، މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އަސަރުކުރެއެވެ. މިއީ ހަށިގަނޑުން އަންނަ ރިއެކްޝަނެވެ. ނުވަތަ ހަށިގަނޑުން ދޭ ރައްދުދިނުމެވެ. މިއީ މާބޮޑަށް، މާ އާންމުކޮށް ފެންނަ ބައްޔަކަށް ނުވިޔަސް މިކަމަކީ ސަމާލުވާން ޖެހޭފަދަ ކަމެކެވެ.
ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ޖެހޭ އިންފެކްޝަނަކުންވެސް، ނުވަތަ ޖަރާސީމަކުންވެސް ސެޕްސިސް ޖެހިދާނެއެވެ. އެހެންނަމަވެސް އާންމުކޮށް ޖެހޭނީ ތިރީގައި މިދަންނަވާ ފަދަ ހާލަތެއް ދިމާވެފައި ހުރި މީހަކަށެވެ.
ސެޕްސިސް ޖެހުމުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވާނެއެވެ. މިފަދަ އެއްވެސް އަލާމާތެއްް ފެނިއްޖެ ނަމަ ވީއެންމެ އަވަހަށް ޑޮކްޓަރެއްގެ އެހީ ލިބިގަންނާށެވެ. މިއީ ފަރުވާކުޑަކޮށް، އަޅައިނުލައި، ދޫކޮށްލާވަރުގެ އާދައިގެ ކަމެއް ނޫނެެވެ. ހާއްސަކޮށް ކުޑަކުއްޖަކަށް ތިރީގައި ހިމަނާފައި އެވާ ކުޑަކުދިންގެ ގައިން ފެންނާނެ ސެޕްސިސްގެ އަލާމާތްތަކުން އެއްވެސް ކަމެއް، ކިރިޔާވެސް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ، ނުވަތަ ކަމާބެހޭ ހާއްސަ ޑޮކްޓަރެއްގެ އެހީ ހޯދާށެވެ.
ތިރީގައި ފުރަތަމަ މި ހިމަނާލަނީ ބޮޑެތި މީހުންނަށް ސެޕްސިސް ޖެހިއްޖެނަމަ ހަށިގަނޑުން ފެންނާނެ އަލާމާތްތަކެވެ.
ސެޕްސިސް ދެނެގަންނާނެ ގޮތާއި ސެޕްސިސްއަށް ފަރުވާ ކުރަނީ ކިހިނެއްކަމާއިމެދު ތިރީގައި މިހިމަނާލަނީ ޑޮކްޓަރ މުހައްމަދު އަލީ ދެއްވާފައިވާ އިރުޝާދުތަކެކެވެ. މިބަލި ދެނެގަނެވޭނެ ގޮތްތައް އެނގިފައި އޮތުމުން، އަދި މިކަމަށް ހޭލުންތެރިވެފައި ހުރުމުގެ ސަބަބުން އަމިއްލައަށް މިއީ ކިހިނެއްވާ ކޮން ކަމެއްކަން އެނގުމުން މިއަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ.
ކުރިންވެސް ދެންނެވި ފަދައިން އައިޝަތު މޫސާ އަށް މިބަލީގެ އަލާމާތްތައް ފެނި، ގައިގައި ފޮޅު ނެގުމުންވެސް ކިހިނެއްވާ ކަމެއްކަން ނޭނގުމުގެ ހިތި ނަތީޖާއަކީ މިއަދު މިބަލީގައި އެއްފައި ނެތިގެން ގޮސްފައިވާއިރު، އަނެއްފައިވެސް ޖަރާސީމުގައި ވަރަށްބޮޑަށް ހަލާކުވަމުންދާ ކަމެވެ. އަދި މުޅި ހަށިގަނޑަށް މިބަލީގެ އަސަރު ވަރަށްބޮޑަށް ކޮށްފައިވާކަމެވެ. އެހެންކަމުން މިބައްޔާ ބެހޭ ގޮތުން ދެނެގަނެ، ބައްޔަށް ދޭ ފަރުވާވެސް އެނގިފައި އޮތުމުން، (އަމިއްލައަށް ބައްޔަށް ފަރުވާ ހޯދުމަށް ޑޮކްޓަރުންނާ ހަމައަށް ދިއުމުން، އައިޝަތު މޫސާއަށްދިމާވި ގޮތަށް "ބެލި ޑޮކްޓަރުންނަށް ނޭނގުނު ނަމަ") އެނގޭނެ ސިއްހީ ފަރުވާދޭ ފަރާތަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރެވޭނެއެވެ.
ސެޕްސިސްގެ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދެއްކުމުން މިއީ ކިހިނެއްވާ ކޮން ބައްޔެއްތޯ އާންމުކޮށް ޑޮކްޓަރުންނަށް ދެނެގަނެވޭނެއެވެ. ބައެއް ފަހަރަށް ލޭގައި ޖަރާސީމު ހުރިތޯ ބަލަން ކަލްޗާ ހަދާނެއެވެ. އެކި ގުނަވަންތަކުގައި އިންފެކްޝަން ހުރިތޯ ކަލްޗާ ހަދާނެއެވެ. އަދި އެކި ކަހަލަ ސްކޭންތައްވެސް ހަދާނެއެވެ.
ސެޕްސިސްއަށް ފަރުވާ ކުރުމާ ބެހޭ ގޮތުން ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވިގޮތުގައި ޑޮކްޓަރުން މިބައްޔަށް ދޭފަރުވާގެ ތެރޭގައި، ޖަރާސީމަށްދޭ ބޭސް ދިނުމާއި ހަށިގަނޑަށް ލައްވާފައި ހުރި އެއްޗަކުން އިންފެކްޝަން އަރާނަމަ، އެއެއްޗެއް ނެގުން، އައިވީ ކޮށް ދިޔާއެއްޗެހި ދިނުމާއި ބައެއް ފަހަރަށް ލޭގެ ޕްރެޝަރު ދަށްނަމަ މަތިކުރަން ދޭ ބޭސް ދިނުމާއި އަދި ސެޕްސިސްގެ ސަބަބުން ކިޑުނީ ފޭލްވަމުންދާނަމަ ޑައިލެސިސް ހެދުން ފަދަ ފަރުވާތައް ހިމެނެއެވެ.
ކޮންމެ ބައްޔަކީވެސް ފަރުވާއެއް އޮންނާނެ ބައްޔަކަށްވާފަދައިން، އަދި ބަލީގެ ކުރީކޮޅު ބައްޔާމެދު ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅިއްޖެނަމަ، އެބައްޔަކުން ރައްކާތެރިވެވިދާނެއެވެ. ހަމައެގޮތަށް ސެޕްސިސްއަކީވެސް މިބައްޔާމެދު ފަރުވާތެރިވެ، ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މިގޮތުން ސެޕްސިސް އިން ރައްކާތެރިވުމަށްޓަކައި، ޖަރާސީމެއް ޖެހޭތާ ކުރީކޮޅު ރަނގަޅަށް ފަރުވާކުރުން، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުން، ޖަހަން ޖެހޭ ވެކްސިންތައް ޖެހުމާއި، ދުޅަހެޔޮ، މިންހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުން، ދުންފަތް، ސިނގިރޭޓް، ވޭޕް ފަދަ ތަކެތިން ދުރުހެލިވުމާއި ހަކުރުބަލި ފަދަ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ބަލިތައް ކޮންޓްރޯލްކޮށް ބެލެހެއްްޓުން ހިމެނޭކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ބައްޔާމެދު ހޭލުންތެެރިވުމަކީ ބަލިން ރައްކާތެރިވެވެން އޮތް ފުރަތަމަ މަގެވެ. އަދި ބަލިން ރައްކާތެރިވުމަށް ދެނެގަނެގެން، އެގޮތަށް މަސައްކަތް ކުރުމަކީ އެބަލިން ތިމާ ސަލާމަތްވުމަށް އޮތް ފުރުސަތެކެވެ. ކަންކަމާމެދު ހޭލުންތެރިވުމަކީ ލިބޭ ފައިދާއެކެވެ. ކުރިއެރުމެކެވެ. ސަބަބަކީ، ދުޅަހެޔޮ، އަމާން އަދި ކާމިޔާބު ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ ހޭލުންތެރިވުން ކަމަށްވާތީއެވެ.