އީދުގެ އުފާފާޅުކުރުމުގެ ތެރޭގައި އިޖުތިމާއީ ހަމަހަމަކަން ގާއިމުކޮށް، މުޖުތަމައުގައި ތިބި ނާޒުކު ގިންތިތަކުގައި ތިބި މީހުންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި މިއަދު ވިދާޅުވީ ފިތުރު އީދާ ބައްދަލުވުމުގެ އުފާވެރިކަން އިހުސާސް ކުރެވެނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ އާއި ރޭއަޅުކަމުގެ މަތިވެރި ނިއުމަތް ހާސިލުކުރުމުގެ ހެޔޮ ނަސީބު ލިބިފައިވާތީ ކަމަށެވެ.
"ރޯދައިގެ މަތިވެރި ރޫހާނީ ހަކަތައިން ދިރުން ލިބިގެން ތިބެ، ފިތުރު އީދާ ބައްދަލުކުރާ އިރު، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، މި އުފާވެރި އީދުގައި އިޖުތިމާއީ ގުޅުންތަކާއި އާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް އިސްލާމް ދީނުގައި ދީފައިވާ ހާއްސަ ސަމާލުކަމެވެ. އީދުގެ އުފާފާޅުކުރުމުގެ ތެރޭގައި އިޖުތިމާއީ ހަމަހަމަކަން ގާއިމުކޮށް، މުޖުތަމައުގައި ތިބި ފަގީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ..،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާ ބޮޑަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށާއި އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ހިޔާލު ބަދަލުކޮށްލައި ވާހަކަދައްކައިލުމަށް ވަގުތުކޮޅެއް ހާއްސަކޮށްލުމަކީ ވެސް އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭގެ އިތުރުން ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، އީދުގެ އުފާފާޅުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގައި އީދުގެ އުފާފާޅުކުރުން އޮތީ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައިކަން ރައީސް ފާހަކުރެއްވިއެވެ.
"ކޮންމެ މީހަކުވެސް އެމީހެއްގެ އަވައްޓެރިންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު އީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖުތަމައުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެކެވެ. އޭގެ އިތުރުން މުޖުތަމައުގައި ތިބި ނިކަމެތިންނާއި ފަގީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަމެވެ..،" ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ އީދު ނަމާދުކުރުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު