Close
ޚަބަރު

ދަރިވަރުންގެ އަދަދަށް ބަލާފައި ޕްރިންސިޕަލުންގެ މުސާރަ އިތުރަށް ބޮޑުވާނެ

މުހައްމަދު އިޝާން

ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ އަދަދަށް ބަލާފައި ޕްރިންސިޕަލުންގެ މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރާއިގެ އޮނިގަނޑަށް ސަރުކާރުން ގެނައި ބަދަލުތަކުގެ މައުލޫމާތު ދިނުމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ދަރިވަރުންގެ އަދަދަށް ބަލާފައި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ އިތުރުކުރާނީ "ސްކޫލް އެންރޯލްމެންޓް އެލެވެންސް"ގެ ދަށުން ކަމަށެވެ.

"ޕްރިންސިޕަލަކަށް ވެއްޖިއްޔާ އެވްރެޖް ޓޭކްހޯމް މިހާރު 33،775 ރުފިޔާ ލިބޭނެ ޕްރިންސިޕަލަށް. އެ ސްކޫލެއްގެ ކުދިންގެ އަދަދަކީ 1500 އަށްވުރެ ގިނަވާކަމަށްވާނަމަ 5000 ރުފިޔާ ލިބިގެންދާނެ. ހަމަ އެގޮތަށް 1000 އާއި 1500 އާ ދެމެދު ކުދިންގެ އާބާދީއެއްގެ ސްކޫލަކަށް 4000 އިތުރަށް މިހާރު ޓޭކްހޯމް. އަޅުގަނޑުމެން މި ހުށަހަޅާ 33،775 ރުފިޔާގެ އިތުރަށް 4000 ރުފިޔާ ލިބިގެންދާނެ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގައި 49 ޑެޕިއުޓީ ޕްރިންސިޕަލުން އެބަތިބި ކަމަށެވެ. އެގޮތުން ރޭންކު އެކެއްގައި ފަސް ޑެޕިއުޓީ ޕްރިންސިޕަލުން އަދި ރޭންކު ދޭއްގައި 44 ޑެޕިއުޓީ ޕްރިންސިޕަލުން އެބަތިބި ކަމަށެވެ.

"ރޭންކު އެކެއްގައި މިހާރު ފަސް ޑެޕިއުޓީ ޕްރިންސިޕަލުން އެބަތިއްބެވި. އެވެރެޖްކޮށް އެ ބޭފުޅުން މިހާރު ގެންދަވަނީ 13،790 ރުފިޔާ. ޑެޕިއުޓީ ޕްރިންސިޕަލް ރޭންކު ދޭއްގައި މިހާރު 44 ހަތަރު ބޭފުޅުން އެބަތިއްބެވި، އެވްރެޖްކޮށް ޓޯޓަލް ހޯމްޓޭކް އެބޭފުޅުން ގެންދަވަނީ ގާތްގަނޑަކަށް 16،830 އާއި ޕޭ ފްރޭމްވޯކަކާ އެއްކޮށް ގާތްގަނޑަކަށް 26،023 ރުފިޔާ ލިބިގެންދާނެ،" އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އިތުރު 31.3 މިލިއަން ރުފިޔާ އެކަމަށް ހަރަދު ކުރަންޖެހޭނެ ކަމަށާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމަށް 4.4 މިލިއަން ހަރަދު ކުރަންޖެހޭނެ ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން 419.6 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށާއި، އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލްސްގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން 6.7 މިލިއަން އަދި އެ ދާއިރާގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން 23.2 މިލިއަން ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުވައްޒަފުންނަށް ހައްގު މުސާރަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް މިގެނައީ ހެޔޮ ބަދަލެއް ކަމަށާއި، ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވަމުން އަންނަ އިރު، މި ބޮޑުކުރި މުސާރައަކީ ރާއްޖޭގެ އިގުތިސާދަށް ބަލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދެވޭނެ މުސާރަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.