"އީދު އައީ ހިނިތުން ވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން، ރީތިވިހާ ލަވަކިޔަމުން، މާމަލުގައި ނަލަ ކުލަޖައްސަމުން،" ހިތްގައިމު މި ލަވަ އީދު ދުވަހު އަޑު ނީވޭނަމަ، އީދު "ފީލެއް" ނާދެއެވެ. މި ލަވައަކީ އީދު އިތުރަށް ފުރިހަމަ ކޮށްދީ، އެންމެންގެ މޫނަށް ހިނިތުންވުން ގެނެސްދޭ ލަވައެކެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު "އީދު އައީ ހިނިތުންވުމެއްނެތި"އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ރާއްޖެ އާއި މުޅި ދުނިޔެވެސް އޮތީ ކޮށްޓެއްގައި "ބަންދު"ވެފައެވެ. ވޭތުވެދިޔަ ދެ އަހަރު އީދުގައިވެސް އެތައް ބަޔަކު ތިބެންޖެހުނީ ގޭގައެވެ. އެތައް ބަޔަކު މާލޭގައި ބަންދުވެފައެވެ. ރަށްރަށުގައި ވެސް މީހުން ތިބެން ޖެހުނީ މަޖަލުން ބާކީވެ، އެކަހެރިވެފައެވެ.

އެހެނަސް މިއަހަރުގެ ފިތުރު އީދު ވެގެން މިދަނީ ހުރިހާ ގޮތަކުންވެސް ހާއްސަ އީދަކަށެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އެންމެން އެކުގައި އީދު ފާހަގަ ކުރަން ފުރުސަތު ލިބިގެން ދިއުމެވެ. އެއްވެސް ހުރަހެއް ނެތި މާލެ ބަންދާއި ރަށު ބަންދުން ވީއްލިގެން އެކި ސަރަހައްދުތަކަށް އީދަށް ދާން ލިބުނު ފަހަރަކަށްވުމެވެ. މިފަހަރުގެ ކުޑައީދުގެ ބަންދު ދުވަސްތައް ގިނަވުމަކީވެސް މި އީދު ހާއްސަ ވެގެންދާ އެއް ސަބަބެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ ފިހާރަތަކާއި މަގުމަތި އޮތީ ފުރާލައިފައެވެ. އީދު ދުވަހުގެ އީދު ހެދުން ގަތުމަށް އެތައް ބަޔަކު މަގުތައް މަތީގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރަކީ ފާއިތުވި ދެ އަހަރު އެންމެ ބޮޑަށް "މިސްވި" އެއް ކަމެވެ.

މީގެ އިތުރުންވެސް މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެއާޕޯޓާއި ޖެޓީ ސަރަހައްދުގައި ދަމާލާފައި އޮތް ކިޔޫތައް ފެނިފައި އީދުގެ ހަނދާންތައް އަލުން ދިރުވާލިކަން ޔަގީނެވެ. ލޯންޗްތަކާއި ފްލައިޓްތަކުގައި އެކި ރަށްރަށަށް އީދަށް ފުރައިގެންދިޔަ އެތައް ބަޔަކު ފެނުމުން އަނެއްކާވެސް އީދު "ފީލް" އަތުވެއްޖެއެވެ.

ކޮވިޑްގެ ބިރުވެރި ދުވަސްތަކަށްފަހު އެންމެން މިނިވަންވެ، އީދަކަށް މަރުހަބާ ކިޔުމަށް އެތައް ރަށަކުން އައީ ތައްޔާރުވަމުންނެވެ. އެގޮތުން މާސްކު އެއްލައިލުމަށްފަހު، ރޭ މިވަނީ އީދުގެ ފުރަތަމަ ހަރަކާތްތައް ރަށްރަށުގައި ފަށައިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ވަނީ އީދު ހުޅު ޖަހައި، އީދަށް މަރުހަބާ ކިޔައިފައެވެ. އަދި ދެ އަހަރަށްފަހު މިއަދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވިގެންދިޔަ ކަމީވެސް އީދު އިތުރަށް ފުރިހަމަކޮށްލަދިން ކަމެކެވެ.

މީގެ އިތުރުންވެސް މިއަދު ވަނީ ބައެއް ރަށްރަށުގައި ބޮޑު އީދުގައި ކުޅޭ ބައެއް ކުޅިވަރުތައްވެސް ކުޅެފައެވެ. އޭގެ ތެރޭގައި ކުލަ ޖެހުމާއި މާލި ނެރުން ފަދަ ހަރަކާތްތައްވެސް ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުލަ ގަދަ އެތައް ހަރަކާތްތަކެއްވެސް މިފަހަރު އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި މުބާރާތްތަކާއި އީދު ޝޯތަކާއި ބީޗް ކުޅިވަރުތަކުގެ އިތުރުން ސަގާފީ ހަރަކާތްތައްވެސް އޮތީ ރާވައި، އީދުގައި ފޯރި ނެގުމަށް ތައްޔާރަށެވެ.

ދެ އަހަރަށްފަހު "ނޯމަލް" އީދެއް ފާހަގަ ކުރުމަށް ލިބުނު ފުރުސަތުގައި ގިނަ ރަަށްތަކެއް ވަނީ މީހުން ގޮސް ފުރާލައިފައެވެ. އެންމެންވެސް ބޭނުންވަނީ އެއް ކަމެކެވެ. އެއީ ކުރީން އީދުތަކުގައި އައި "ފީލް" އަލުން އަނބުރާ ހޯދުމެވެ. މިފަހަރު މި އައީ ހަމަ ޔަގީނުންވެސް އެންމެންގެ އީދެކެވެ.