ޚަބަރު

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ބަޖެޓުން އިތުރަށް 488.6 މިލިއަން ހަރަދު ކުރަންޖެހޭ

އިބްރާހިމް ޒަކީ

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އިތުރު 488 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކޮންގެ އަހަރަކު އިތުރު 31.3 މިލިއަން ރުފިޔާ އެކަމަށް ހަރަދު ކުރަންޖެހޭނެ ކަމަށާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމަށް 4.4 މިލިއަން ހަރަދު ކުރަންޖެހޭނެ ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން، 419.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހޭނެ ކަމަށާއި، އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލްސްގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން 6.7 މިލިއަން އަދި އެ ދާއިރާގެ އެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން 23.2 މިލިއަން ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުވައްޒަފުންނަށް ހައްގު މުސާރަ ދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ.

އެގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް މިގެނައީ ހެޔޮ ބަދަލެއް ކަމަށާއި، ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވަމުން އަންނައިރު، މި ބޮޑުކުރި މުސާރައަކީ ރާއްޖޭގެ އިގުތިސާދަށް ބަލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދެވޭނެ މުސާރަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އަންނާނެ ބަދަލު