ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ މިއަދު އިރުއޮއްސި 6:00އާ ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާދަމާ 02 މެއި 2022 އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށްވާތީ ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ އެންމެ ފަހު ވަގުތަކީ މިއަދުގެ އިރުއޮއްސި 6:00އާ ހަމައަށް ކަމަށެވެ. އަދި މިއަދު ފިތުރު ޒަކާތް ބަލައިގަންނާނީ ބަނޑޭރި ޕޭއާއި މިނިސްޓްރީގެ ކައުންޓަރުން ކަމަށް ބުންޏެވެ.

ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 107,132 ފަރާތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 5.6 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.