ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިޝަރީޒް މިނިސްޓްރީން ހިންގާ ޕްލާންޓް އެންްޑް އެނިމަލް ޔުނިޓުން ވައްކަން ކުރި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ، އެމީހުން އެ ޔުނިޓުން ވައްކަންކޮށްފައި ވަނީ އެތަނުގެ ދޮރެއް ހަލާލުކޮށްލައިގެން ވަދެ، މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އެމީހުން ވައްކަންކޮށްފައި ވަނީ ދޫނި ލެބުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ވަގަށް ގެންދިޔަ ކަމެއް ފުލުހުން ނުބުނެއެވެ. ބުނީ، ވައްކަން ކުރި ދެމީހުން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެެހެންކަމުން ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެއާޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ.