ޚަބަރު

ޗައިނާއިން ލޯނުތައް ރީސްޓްރަޗްކާ ކުރަންދެން ދަރަނި ދެއްކުން މަޑުޖައްސާލަންޖެހޭ: ނަޝީދު

އަލީ ޔާމިން

ރާއްޖޭން ޗައިނާގެ އަތުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރަންދެން އެ ލޯނުތައް ދެއްކުން މަޑުޖައްސާލަންޖެހޭ ކަމަށް ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދޫރުދަރުޝަން ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ދޫކުރި ލޯނުތަކުން ހިންގާ މަޝްރޫއުތައް ދެނީ ޓެންޑާކުރުމެއް ނެތި ކަމަށާއި އެ ލޯނުތައް ނަގައިގެން އަޅާ އިމާރާތަކުން ނުވަތަ ކަމަކުން، އެ ލޯނު ދެއްކުމުގެ ގާބިލުކަން ނުލިބޭ ކަމަށެވެ.

"ރާއްޖެއިން ނަގާފައިވާ ދަރަނީގެ 70 ޕަސަންޓު ހަމައެކަނި ޗައިނާއިން ނަގާފައި އޮތުމަކީ ވަރަށް ދެރަކަމެއް. އެ ލޯނުތައް ދެއްކުން މަޑުޖައްސާލައި ރީސްޓްރަޗްކާ ކުރަން ބޭނުމީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ނަގާފައިވާ ލޯނުތަކެއް ނޫން ކަމަށެވެ. އަދި ޗައިނާއިން ލޯނުތައް ލިބުން އަވަސްވަނީ ކުރަންޖެހޭ ކަންކަން ނުކޮށް، ލޯނު ދޫކުރާތީ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއިން ލަހުން ލޯނު ލިބުނަސް، އެ ލޯނުގެ ބުރަދަން ކުޑަ. ފުރިހަމަ ޓެންޑާއެއްކޮށް، ދެފުށްފެންނަ ނިޒާމެއްގެ ދަށުން ލޯނުތައް މި ލިބެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރާއްޖެއިން ދައްކާނެ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖުމުލަ ދަރަންޏަކީ 80 ބިލިއަން ރުފިޔާއެވެ. އެއީ 2020ގެ ނިޔަލަށް ރާއްޖެއިން ދައްކަންޖެހޭ 66.6 ބިލިއަން ރުފިޔާއާއި މިދިޔަ އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވި، 13.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 61 ޕަސަންޓަކީ އެތެރޭގެ ދަރަަންޏެވެ. ބާކީ 39 ޕަސަންޓަކީ ބޭރުގެ ދަރަންޏެވެ. އެހެންކަމުން ގާތްގަނޑަށް 24 ބިލިއަން ރުފިޔާއަކީ ރާއްޖެއިން ޗައިނާއަށް އަދާކުރަންޖެހޭ ދަރަންޏެވެ،