ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު 1:30ގައި ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހު މިއަދު މެންދުރު 1:30ގައި ރާއްޖޭގެ ޓީވީ ސްޓޭޝަންތައް މެދުވެރިކޮށް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާން ކުރެއްވުމަށެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް މެއި މަހުން ފެށިގެން ބޮޑުކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ، އެ ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލްތައް ދެއްވަމުން ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލުންނަށް އާ އޮނިގަނޑާއެކު 32،000 ރުފިޔާ ލިބޭނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި ޖުމްލަ 9،119 ޓީޗަރުން މަސައްކަތް ކުރަމުން ގެންދެއެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.