ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ އެއް އެޖެންޓް މިނޯ ރައިއޯލާ މަރުވެއްޖެއެވެ.

ރައިއޯލާ މަރުވިކަން އޭނާގެ އާއިލާއިން ވަނީ ޔަގީން ކޮށްދީފައެވެ. ރައިއޯލާ މަރުވެފައި ވަނީ އުމުރުން 54 އަހަރުގައެވެ. އޭނާ މަރުވެފައި ވަނީ ދުވަސްތަކެއް ވަންދެން ހާލު ދެރަކޮށް އުޅުމަށްފަހުއެވެ.

ރައިއޯލާއަކީ ނުފޫޒު ގަދަ، އެންމެ ވަރުގަދަ ތަރިންގެ އެޖެންޓެކެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑެތި ޓްރާންސްފާތައް ފުރިހަމަ ކޮށްފައިވާ ކުޅުންތެރިންގެވެސް އެޖެންޓެއްގެ ގޮތުގައި ރައިއޯލާ ފާހަގަވެފައިވެއެވެ. އެގޮތުން ރައިއޯލާއަކީ ޕައުލް ޕޮގްބާގެ އިތުރުން އާލިންގް ހާލަންޑް އަދި ޒްލަޓާން އިބްރަހިމޮވިޗް ފަދަ ތަރިންގެވެސް އެޖެންޓެވެ.

އިޓަލީ އަށް އުފަންވި ނަމަވެސް ރައިއޯލާ އުޅެ ބޮޑު ވެފައި ވަނީ ނެދަލެންޑްސްގައެވެ. ރައިއޯލާ އެންމެ ފުރަތަމަ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ނެދަލެންޑްސްގެ ލެޖެންޑަރީ ފޯވާޑް ޑެނިސް ބާގްކެމްޕް އާއި ޗެކް ރިޕަބްލިކްގެ ހުނަރުވެރި މިޑްފީލްޑަރު ޕަވެލް ނެޑްވެޑް ހިމެނެއެވެ.

ސުޕަ އެޖެންޓް ރައިއޯލާއަކީ "ކޮންޓްރަވާޝަލް" އެޖެންޓެއްވެސް މެއެވެ. އެގޮތުން ގަވާއިދާ ހިލާފަށް އެޖެންޓެއްގެ ގޮތުގައި އަމަލުކުރުމުން 2019 ވަނަ އަހަރު ފީފާ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ރައިއޯލާ ވަނީ ތިން މަހަށް ސަސްޕެންޑްކޮށްފައެވެ. ރައިއޯލާ އަށް އަދަބުދިން އެންމެ ބޮޑު އެއް ސަބަބަކީ ކުޅުންތެރިންގެ ޓްރާންސްފާތަކުގެ ތެރެއިން އޭނާ ނަގާ އެޖެންޓް ފީ ބޮޑުވުމެވެ.