ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މޫސާރައިގެ އާ އޮނިގަނޑު މާދަމާ ރަސްމީކޮށް އިއުލާނުކުރަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑު މާދަމާގެ ވަގުތެއްގައި އިއުލާނުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ރައީސް އެކަން އިއުލާނުކޮށްދެއްވާނީ މާދަމާ އެމަނިކުފާނު ގައުމާ މުހާތަބުކުރައްވައި ދައްކަވާ ވާހަކަފުޅުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ޓީޗަރުންގެ ސަނަދުތަކުގެ ކޮޕީތައް އެޑިއުކޭޝަން މިނިސްޓްރީއަށް ހޯދަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް މެއި މަހުން ފެށިގެން ބޮޑުކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ، އެ ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލްތައް ދެއްވަމުން ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލުންނަށް އާ އޮނިގަނޑާއެކު 32،000 ރުފިޔާ ލިބޭނެ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި ޖުމްލަ 9،119 ޓީޗަރުން މަސައްކަތް ކުރަމުން ގެންދެއެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު