ސައުދި އަރަބިއްޔާއިން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާކުރާ ކަދުރު، މިއަހަރު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ ސައުދީން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު، މި ރޯދަ މަހުގެ ފަހު ދިހައިގައި ލިބޭވަރުވާނެ ކަމަށެވެ. އަދި ކަދުރު ރާއްޖެ ފޮނުވުން ލަސްވީ ކަދުރު މޫސުން ލަސްވުމުން ކަމަށާއި މިފަހަރު 50 ޓަނުގެ ކަދުރު ސައުދީން ރާއްޖެއަށް ހަދިޔާ ކުރާނެ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ރޯދަ މަސް ނިމެން އެންމެ ދުވަހަކަށް ވެފައިވާއިރު އަދިވެސް ކަދުރެއް ނުލިބެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ، ކަދުރު ލިބޭނެ ދުވަހެއް މިހާރު ސީދާ ދަންނަވަން ދަތި ކަމަށެވެ. އަދި ކަދުރު ހިފައިގެން އަންނަ ބޯޓު ރާއްޖެ ވަންނާނެ ދުވަހެއްވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދައިގެ ފަހުން ކަދުރު ލިބިއްޖެ ނަމަ އެ ބަހާނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން އަފްރާހު ވިދާޅުވީ ކަދުރު ބެހުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަދި ނޭނގެ ބަހާނެ ގޮތެއް. ކަދުރު ލިބުނީމަ އެކަމަށް ގޮތެއް ނިންމޭނީވެސް. މިހާރު އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ދަނީ ކުރަމުން. ގޮތެއް ނިންމީމަ ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސައުދީން ވަނީ 25 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ކަދުރުތައް ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށާއި މީހުންނަށެވެ.