ރ. މަޑުއްވަރީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ، އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ މިއަހަރުގެ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މިއީ މުބާރާތް 10 ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ. މިދިޔަ އަހަރު އަށް ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރު ޓީމުތައް ގިނަވުމާއެކު ފޯރި ގަދަވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ގްރޫޕް އޭ: ނޮދާންސް، ޕެންތާސް އެސްސީ، ބަދަވިއަންސް، އެފްސީ ވަން ރައުންޑް، އެފްސީ ޔުނައިޓެޑް

ގްރޫޕް ބީ: ޓީމު ވާލު، ބީބީ ނިއު ޖެނެރޭޝަން، ކާޅު އެސްސީ، ސްޕާޓިއަންސް އެސްސީ، ހަސް އެފްސީ

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ފިތުރު އީދުގެ ފުރަތަމަ ދުވަހުގެ ރޭ މަޑުއްވަރީ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ރޭ ދެމެޗު ކުޅޭނެއެވެ. އެއީ މުބާރާތް ހުޅުވުމުގެ ގޮތުން އެރޭ 9:00ގައި ކުޅޭ ގުރޫޕް އޭގެ ނޮދާންއާއި ޕެންތާންސް އެސްސީ ވާދަކުރާ މެޗުގެ އިތުރުން އެރޭ 10:00ގައި ގުރޫޕް ބީގައި އެންމެފަހުގެ ޗެމްޕިއަން ޓީމް ވާލު އަދި ބީބީ ނިއު ޖެނެރޭޝަން ވާދަކުރާ މެޗެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދެ ގުރޫޕުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުޅެން ހަމަޖެހިފައި ވަނީ ސެމީ ފައިނަލް މެޗުތަކެވެ. ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާ ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، ފައިނަލް ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރެ އަށެވެ.

މިފަހަރުގެ މުބާރާތަށް ޓީމުތަކުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ފާހަގަވެއެވެ. އެގޮތުން ޓީމުތަކުން ރާއްޖޭގެ ފުޓްސަލް ތަރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ގައުމީ ފުޓްސަލް ޓީމުގައިވެސް ހިމެނޭ ހުސައިން ޝަރީފް (އޮންލީ)އާއި އަލީ ހާފިޒް (ހާއްޕެ) ފަދަ ކުޅުންތެރިން ހިމެނެއެވެ. އޭގެ އިތުރުން އަޔާޒް އަހުމަދު (އަޔާ) އާއި އިބްރާހީމް މުބީން (މުއްކި) ވެސް މިފަހަރުގެ މުބާރާތުން ފެނިގެން ދާނެއެވެ.

މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދީފައިވެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް މިފަހަރު ވަނީ 30،000 އަށް ބޮޑުކޮށްފައެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. އެ އަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވާއިރު، މިއަހަރުގެ މެޗުތައްވެސް ލައިވް ކުރާނެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.