ޚަބަރު

ޝާހިދުގެ ހުތުބާ: ލީޑާޝިޕްގެ އެންމެ މުހިންމު އަސާސަކީ މައާފުކުރުމާއެކު ރަހުމުކުރުމުގެ ގާބިލުކަން ހުރުން!

1

ލީޑާޝިޕްގެ އެންމެ މުހިންމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މައާފުކުރުމާއެކު ކުރިމަގަށް ވިސްނައި އަނެކުންގެ މައްޗަށް ރަހުމުކުރުމުގެ ގާބިލުކަން މީހާގެ ކިބައިގައި ހުރުން ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރު ޝާހިދު ވަނީ އދ.ގެ މައި މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައިފިއެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސަކު އެ ޖަމިއްޔާގެ މައި އިދާރާގައި އިމާމުވެ ހުކުރު ކުރެއްވެވި ފުރަތަމަ ފަހަރެވެ. އެ ހުކުރު ނަމާދުގައި އިސްލާމީ ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެގައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި، އދ. ގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވިއެވެ.

ޝާހިދުގެ ހުކުރު ހުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާ ވެސް އެކަލޭގެފާނު ވަށައިގެން ހިނގަމުންދިޔަ އަނިޔާވެރި ކަންތައްތަކަށާއި އެކަލޭގެފާނުގެ ސަހާބީންނަށް ކުރިމަތިކުރަމުންދިޔަ ވޭންދެނިވި ދުއްތުރާތަކަށް ބަދަލު ހިއްޕެވުމެއް ނެތި އިސްކުރެއްވީ ސުލްހަ އާއި ސިލްމު ކަމަށާއި އެކަލޭގެފާނު ފެއްޓެވީ އިޖުތިމާއީ އަދާލަތުގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް އިސްލާމީ މުޖުތަމައެއް ބިނާކުރެއްވުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް އުނގަންނައިދެއްވީ ރަހުމުކުރުމާއި އަޅައިލުމާއި އޯގާތެރިކަން އިސްކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

"ލީޑާޝިޕްގެ އެންމެ މުހިންމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މައާފުކުރުމާއެކު ކުރިމަގަށް ވިސްނައި އަނެކުންގެ މައްޗަށް ރަހުމުކުރުމުގެ ގާބިލުކަން މީހާގެ ކިބައިގައި ހުރުން. ވަކިން ހާއްސަކޮށް ތިމާއާ ދެކޮޅަށް ނޭއްގާނީ އަމަލުތައް މާޒީގައި ހިންގާފައިވާ މީހުންނާ މެދު ހިތްތިރިކުރުން،" ޝާހިދު ވިދާޅުވިއެވެ.

ހުތުބާ ދެއްވަމުން ޝާހިދު ވިދާޅުވީ މި މައްސަރުގައި މުސްލިމުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބުކޮށް، ފިތުރު އީދު ނަމާދު ފެށުމުގެ ކުރިން ޒަކާތް ނެރެން ޖެހޭ ކަމަށާއި އެއީ ތައުބާވުމަށާއި މީހާގެ ނަފްސު ތާހިރުކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ. އަދި އެއީ މާތްﷲ އާ ކުއްތަންވުމަށް އިންސާނާ ކުރަން ޖެހޭ ހެޔޮ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ފިތުރު ޒަކާތަކީ މުހިންމު އިޖުތިމާއީ ފިލާވަޅުތަކެއް ދަސްކޮށްދޭ ހެޔޮ އަމަލެއް. އެއީ މުޖުތަމައުގެ ފަގީރުންނާއި ނިކަމެތިންނާ ދެމެދުގެ ފަރަގު ކުޑަކޮށްދީ އަޅުގަނޑުމެން ގާތްކޮށްދޭ ހެޔޮ އަމަލެއް. މިއިން އަޅުގަނޑުމެންގެ މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށްދޭ. މި ހެޔޮ އަމަލުން އަޅުގަނޑުމެންގެ މުޖުތަމައުގައި ދަތި ހާލުގައި އުޅޭ މީހުންނަށް ދީލަތިވެ، އޯގާތެރިވެ، ހަމްދަރުދީވުމަށް ދަސްކޮށްދޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ހުތުބާގައި އިތުރަށް ވިދާޅުވީ އަމިއްލަ ބާރު ނުހިނގާ ކަންކަމުގައި މާޔޫސްވާ ހިނދު، ގަދައަޅައި މަސައްކަތްކުރަންވީ އަމިއްލަ ބާރުގެ ދަށުގައިވާ ރަނގަޅު ކުރެވިދާނެ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ކަމަށާއި އެގޮތުން އަމިއްލަ ދިރިއުޅުމުގެ ކަންކަން އިސްލާހުކުރެވިދާނެ ކަމަށެވެ. އަދި ކަންކަން ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެން މަސައްކަތުގައި ދެމިތިބެންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.