އއ. މަތިވެރި އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވައާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، އަމްސާ ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާ ބާއްވައި، އީދު ދުވަހު މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ގުރު ނެގުން ރޭ ބޭއްވީ އއ. މަތިވެރި ސެކަންޑް ހޯމް ރެސްޓޯރެންޓުގައެވެ. އަމްސާ ކަޕް 2022 ގައި ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ މަތިވެރިއަށް ނިސްބަތްވާ ހަ ޓީމަކާއި ރަށުން ބޭރުގެ ތިން ޓީމެވެ. ރަށުން ބޭރު ޓީމުގެ ތެރޭގައި އއ. ބޮޑުފޮޅުދޫގެ ދެޓީމާއި މާލޭ ލެގޫންސް ސްޕޯޓްސް ކްލަބު ހިމެނެއެވެ.
މިއަހަރުގެ އަމްސާ ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި އއ. މަތިވެރި ޒެނިކް ސްޕޯޓްސް ކްލަބާއި، ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބާއި، މާންސް އާއި ސިލްވާ ސްޕޮޓް ޓީމާއި، ހަސްލާސް އެފްޓީ އާއި، ސިސް ޓްއަރިސްޓް ވިލާ ޓީމު ހިމެނެއެވެ. އަދި ރަށުން ބޭރު ޓީމުގެތަކުގެ ތެރޭގައި އއ. ބޮޑުފޮޅުދޫގެ އާރުބީޖީ ސްޕޯޓްސް ކްލަބާއި، ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ ލެގޫންސް ސްޕޯޓްސް ކްލަބެވެ.
އަމްސާ ކަޕް 2022 ގައި ބައިވެރިވެފައިވާ ޓީމުތަކުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި، ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ކުޅެފައިވާ ގިނަ ކުޅުންތެރިން ހިމެނޭނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ އަމްސާ އިން ވަނީ މައުލޫމާތުދީފައެވެ.
މުބާރާތުގެ މެޗުތައް ފިތުރު އީދުގެ ފުރަތަމަ ދުވަހަ ފަށަން ނިންމާފައިވާ އިރު، މުބާރާތް ކުރިއަށް ދާނީ ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދާ ގޮތަށް މުބާރާތް ރޭވިފައިވާ އިރު، މި މުބާރާތުގައި ޖުމުލަ 19 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އީދުގެ ފުރަތަމަ ދުވަހު ހަވީރު ވާދަކުރާނީ އއ. ބޮޑުފޮޅުދޫގެ ދެ ޓީމު ކަމަށްވާ އާރުބީޖީ އާއި ޔަންގް ޕްލޭޔާސްއެވެ.
މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން އަމްސާގެ ރައީސް އަލީ ރަމީޒު "ވަން"އަށް ވިދާޅުވީ މުބާރާތުގައި މިފަހަރު ތިމާވެށީގެ ހާއްސަ ކެމްޕޭނެއް ލޯންޗުކުރުމަށް ވިސްނާ ކަމަށެވެ. އެގޮތުން ސިންގަލް ޔޫސްޑް ޕްލާސްޓިކާ ދެކޮޅަށް މުބާރާތުގައި ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.
"އަމްސާ ކަޕްގައި މިފަހަރު ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ ބާވާތްތައް ދަނޑުގައި ބޭނުންކުރުމަކީ މަނާކަމެއް. އަދި އެފަދަ ބާވަތެއްގެ އެއްޗެއް ބޭނުންކޮށްފިނަމަ އެކަމަށް ޖޫރިމަނާ ވެސް ކުރެވޭނެ. އަސްލު ބޭނުމަކީ ކުޅިވަރުގެ ތެރެއިން ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތި ބޭނުންކުރުން ހުއްޓުން،" އަލީ ރަމީޒު ވިދާޅުވިއެވެ.
އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. ވޭތުވެދިޔަ ދެއަހަރު ކޮވިޑު-19ގެ ސަބަބުން މުބާރާތް ބޭއްވިފައި ނުވި ނަމަވެސް، މިފަހަރު އަނެއްކާވެސް ފޯރިއާއެކު މުބާރާތް ކުރިއަށް ގެންދަން އަމްސާ އިން ވަނީ ތައްޔާރުވެފައެވެ.
މިއަހަރުގެ އަމްސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. އަދި މުބާރުގެ ޓްރެވެލިން ޕާޓްނަރައަކީ ނެވި ސްޕީޑެވެ.
އަމްސާ ކަޕްގެ މެޗުތައް ކުރިއަށްދާ ގޮތުގެ ތަފްސީލު އަމްސާ ކަޕް ފޭސްބުކް ޕޭޖާއި އަމްސާ ކަޕުގެ ހާއްސަ މޯބައިލް އެޕްލިކޭޝަނަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އަމްސާ ފޭސްބުކް ޕޭޖް: https://www.facebook.com/amsacup ، މުބާރާތަށް ހާއްސަ އެޕްލިކޭޝަން: https://copafacil.com/amsacup2022
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް