ޚަބަރު

ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖައްސައި އަނިޔާ ކުރި މައްސަލައެއް ބަލަނީ

މެދުރާއްޖެ ތެރޭ ރަށެއްގައި ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖައްސައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި އަލިފާން ޖައްސައި އަނިޔާކޮށްފައިވަނީ އެކުއްޖާގެ ބައްޕައެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ނޯތު ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު އަނިޔާކުރިކަމުގެ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އަނިޔާކުރީ އެކުއްޖާގެ ބައްޕަ ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

ފުލުހުން ބުނީ އެކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.