ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ މުސްލިމް ކުޅުންތެރިންގެ އަދަދު މިދިޔަ ދެތިން އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އެކަމުގެ ސަބަބުން ޕްރިމިއާ ލީގުގެ ސަގާފަތްތަކަށްވެސް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ހާއްސަކޮށް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކަށް އިހުތިރާމުކުރުމަށް ޕްރިމިއާ ލީގުން ވަނީ އެކި ފަހަރުތައް މަތިން ބަދަލުތައް ގެނެސްފައެވެ.

އެގޮތުން ޖާޒީތަކުގައި ރަލާއި ބިޔަރު ފަދަ ތަކެތީގެ އިޝްތިހާރުތައް ޖެހުން ހުއްޓާލުމާއި، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ރާ ފުޅީގެ ބަދަލުގައި ވަކި ހާއްސަ އެވޯޑެއް ދިނުން ހިމެނެއެވެ. އަދި އެއާއެކު އެންމެ ފަހުން ލީގުގެ އުސޫލުތަކަށް ގެނައި ބަދަލަކީ ރަމަޟާން މަހަށް ހާއްސަކޮށް މުސްލިމް ކުޅުންތެރިން މެޗު ތެރެއިން ރޯދަ ވީއްލަން ޖެހިއްޖެ ނަމަ، އެކަމަށް ހާއްސަކޮށް ގެނައި ބަދަލެކެވެ.

ލީގުގެ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ކްލަބުތަކުންވެސް ވަނީ ރަމަޟާން މަހާ ދިމާކޮށް މުސްލިމް ކުޅުންތެރިންނަށް ލުއިތައް ހޯދައިދޭން މަސައްކަތްކޮށްފައެވެ. އެގޮތުން ކްލަބުތަކުގެ މުސްލިމް ކުޅުންތެރިން ވަނީ އެކަމަށް ޝުކުރުވެސް އަދާކޮށްފައެވެ.

"ރަމަޟާން މަހުގައި މެޗުތައް ކުޅުމަކީ އުނދަގޫ ކަމެއް. އެހެންވީމަ ރަމަޟާން މަސް އައުމުގެ ކުރިން ޓީމުގެ އިސް ފަރާތްތަކާއި ކޯޗާވެސް އަހަރެމެން މަޝްވަރާކުރަން. އެއީ ޝެޑިއުލްތައްވެސް ބަދަލުކުރެވޭނެ ގޮތެއް ހެދުމަށް. ކުރިން އޮންނަ ގޮތުން މެންދުރު ފަރިތަކުރުންތައް އޮންނަ ނަމަވެސް ރަމަޟާން މަހު ހެނދުނަށް ތަމްރީނުތައް ހަދައިދޭނެ ކްލަބުން. އެއީ އޭރުން ހެނދުނު ތަމްރީނުތައް ނިންމާފައި އަހަރެމެންނަށް ލިބޭނެ ރެސްޓް ކޮށްލާނެ ވަގުތު،" ލިވަޕޫލުގެ ސެނެގާލް ތަރި ސަޑިއޯ މާނޭ ބުންޏެވެ.

މާނޭގެ އިތުރުންވެސް ލިވަޕޫލްގައި މުސްލިމް ތިން ކުޅުންތެރިޔަކު ކުޅެމުން ދެއެވެ. އެއީ މުހައްމަދު ސަލާހާއި ނަބީ ކެއިޓާގެ އިތުރުން އިބްރާހީމާ ކޮނާޓޭއެވެ. މާނޭގެ އިތުރުން އެ ހުރިހާ ކުޅުންތެރިންވެސް ރަމަޟާން މަހުގެ މެޗުތަކުގައިވެސް ފެންނަނީ ތަފާތު މޮޅުކޮށެވެ. މާނޭގެ ނަޒަރުގައި ރަމަޟާން މަހުގައިވެސް ފޯމު ދަމަހައްޓަން އެންމެ ބޮޑަށް އެހީތެރިވަނީ ކްލަބުންނެވެ.

"ހެނދުނު ނޫން ގަޑިއެއްގައި ތަމްރީނުތައް އޮންނަ ނަމަ ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާނެ. ލިވަޕޫލުން އިތުރު ކަންކަންވެސް ފަަސޭހަކޮށްދޭ. އެގޮތުން ކްލަބުގައި ހުންނަ ނިއުޓްރިޝަނިސްޓް އަހަރެމެންގެ ކެއުމުގެ ކަންކަމަށް ފުރިހަމައަށް ބަލައި، އެކަމަށް ލަފާ ދޭނެ. އެ ހުރިހާ ކަމެއް ފަހިކޮށްދޭތީ އަސްލު ރޯދައަށް ހުރެވެސް ކުޅެވެނީ،" މާނޭ ބުންޏެވެ.

މާނޭ ފާހަގަވެފައިވަނީ އިސްލާމް ދީނުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ހިތްތިރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ރޯދަ މަހާ ދިމާކޮށް މާނޭގެ އުފަން ގައުމުގެ އެކިއެކި ފައުންޑޭޝަންތަކަށް ބޮޑެތި އެހީތައްވެސް ދޭ މާނޭ އަންނަނީ ރޯދަ ވީއްލުން ފޯރުކޮށްދޭންވެސް ސެނެގާލްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

މުސްލިމް އިތުރު ކުޅުންތެރިންތަކެއްވެސް ލީގުގައި މިހާރު ކުޅެމުން އަންނަ އިރު، އެހެން ކްލަބުތަކުންވެސް އެ ކުޅުންތެރިންގެ އަޅުކަމަށް ފުރުސަތު ދޭން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަވެއެވެ. އެއީ ލީގަށް އަންނަ ހެޔޮ ބަދަލެކެވެ. އެ ބަދަލުތައް އިނގިރޭސިވިލާތުގެ އިތުރުން އެހެން ގައުމުތަކުންވެސް ފެންނަމުން ދެއެވެ. އެއީ އިސްމާލީ އުސޫލުތަކަށް ކުޅިވަރުން ދޭ އިހުތިރާމެވެ. ހެޔޮ ފެށުމެކެވެ.