ޚަބަރު

ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

މުހައްމަދު އިޝާން

ށ. ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

އެމްޓީސީސީން ބުނީ ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޓީ-ޖެޓީއެއް ތަރައްގީކޮށް ބަނދަރުގެ ޖާގަ މިހާރަށްވުރެ ދެގުނަ ބޮޑުކުރާނެ ކަމަށާއި އެގޮތުން އެ މަޝްރޫއު ނިމޭއިރު ބަނދަރުގެ ޖުމުލަ ދިގުމިނުގައި 786 ފޫޓު ހުންނާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ޖުމުލަ 210 މީޓަރުގެ އެއްގަމުތޮށި ތަރައްގީކުރުމާއި، ލޭންޑިން ކްރާފްޓް ފަދަ އުޅަނދުފަހަރު ކައިރިކުރުމަށް ރޭމްޕް ތަރައްގީކުރުމާއި، ބަނދަރު ބޭނުންކުރާ އުޅަނދުފަހަރު ވާ އެއްސުމަށް ބޮއި ހަރުކުރުމުގެ އިތުރުން ބަނދަރު ދިއްލުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީން ބުނީ ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމިގެންދާ އިރު، މިހާރު ބޭނުންކުރަމުން އަންނަ ނެރު ބަދަލުކުރެވިގެންދާނެ ކަމަށާއި އެގޮތުން ނެރުގެ ދެފަރާތުގައި ބޮޑުހިލައިން ފައިކަށިލުމާއި، 371 މީޓަރު ދިގުމިނުގައި ކަނޑުތޮށިލުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބަނދަރު ކޮނެގެން ނެގޭ ވެލި އެޅުމަށްފަހު 205 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި އެ ސަރަހައްދު ހިމާޔަތް ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުން ނިންމާގޮތަށް 43،829،602.92 (43.8 މިލިއަން) ރުފިޔާއަށެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.