ޚަބަރު

އޮޅުވާލައިގެން ޕީޕީއެމްގެ އާއިލާއެއް އަދާލަތަށް ވެއްދި ކަމަށްބުނެ މައްސަލަ ކޯޓަށް ހުށަހަޅަނީ

މުހައްމަދު އިޝާން

އޮޅުވާލައިގެން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ އާއިލާއެއް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވެއްދި ކަމަށްބުނެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ. .

ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮޅުވާލައިގެން ޕީޕީއެމްގެ އާއިލާއެއް އަދާލަތު ޕާޓީއަށް ވެއްދިކަމުގެ ޝަކުވާ އިއްޔެ ވެސް ލިބިފައިވާ ކަމަށެވެ.

"ވެއްދި ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއް. އިނގިލީގެ ނިޝާން ދިމާނުވޭ. ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެން. ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެ ފަރާތްތައް ނޫން ކަމަށާއި، ނަންބަރަކީ ވެސް ނުބައި ނަމްބަރެއް ކަމަށް ވިދާޅުވި،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ދަފްތަރުގައި ތިބި މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ވާހަކަދައްކަވަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި މިފަހަރު އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ޕީޕީއެމްގެ މެމްބަރަކު އޮޅުވާލައިގެން އެހެން ޕާޓީތަކަށް ގެންދިއުން ހުއްޓުވާނެ ކަމަށާއި އެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައިވެރިވުމެެއް އޮތްތޯވެސް ބަލާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ތާއިދު ނެތިއްޔާ ސިޔާސީ ކަންކަމާ ނޫޅެންވީ ކަމަށެވެ.

"އަދާލަތަށް 10،0000 މީހުން ހަމަކުރީ މިފަދަ ނަހަލާލު ގޮތްގޮތަށްކަން ވަރަށް ސާފު،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އެ ތުހުމަތުތަކާ ގުޅިގެން އަދާލަތު ޕާޓީން ރޭ ވިދާޅުވީ، އެ ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް އެދި ލިބޭ ހުރިހާ ފޯމެއް އީސީއަށް ހުށަހަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

"މި ޕާޓީއަށް ލިބޭ ފޯމެއް އެއީ ސައްހަ ނޫން ފޯމެއްކަން އެނގިއްޖެނަމަ ނުވަތަ އެއްވެސް ފަރާތަކުން އެފަރާތެއްގެ ނަން އުނިކުރުމަށް ހުށަހަޅުއްވައިފިނަމަ އެފަރާތުގެ ނަން މި ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުން،" އަދާލަތު ޕާޓީން ބުންޏެވެ.

އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ މައްސަލައެއް އެ ޕާޓީގެ ފަރާތުން ވަނީ މިމަހުގެ 16 ވަނަ ދުވަހު އީސީއަށް ހުށަހަޅައިފައެވެ.

ސިޔާސީ އެހެން ޕާޓީތަކުން ވެސް ވަނީ ޕާޓީގެ ދަފްތަރުގައި ތިބޭ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕާޓީތަކުން ވަގު ފޯމު ހުށަހަޅާ މައްސަލަ ހުއްޓުވުމަށް އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުން ފެންނާނެހެން އެ ކޮމިޝަންގެ ވެބްސައިޓުގައި ދަފްތަރު އާންމުކުރަން ނިންމައިފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އެސްއެމްއެސް އަކުން އަންގަން ވެސް ވަނީ ނިންމައިފައެވެ.