މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކަސްޓަމްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް 68 މީހަކު ބޭނުންވާ ކަމަށާއި ވަޒީފާ އަދާކުރަން ޖެހޭނީ މާލެ އޭރިޔާގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ކަމަށެވެ.
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރެއްގެ މުސާރައަކީ 5000 ރުފިޔާއެވެ. ނޮން-ޕްރެކްޓިސިން އެލަވަންސް ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސަންޓް (1,750 ރުފިޔާ) ލިބޭނެއެވެ. ސާވިސް އެލަވަންސް ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ ލިބޭއިރު ކޮއްތުފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ ލިބޭނެއެވެ. އަދި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ އާއި ބަންދު ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ހިމެނެއެވެ.
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތުތަކަކީ ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެއެވެ.
ކަސްޓަމްސްގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗް ކުރަން ޖެހޭނެއެވެ. އަދި ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރާނެގޮތުގެ ޔުސާ މެނުއަލް ކަސްޓަމްސްގެ ވެބްސައިޓުގެ ޑައުންލޯޑްސްއިން ފެންނާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 35 އަހަރާދެމެދު މީހުންނަށެވެ. އުމުރުފުރާ ބަލާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަސްޓަމްގެ ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ 2:00އާ ހަމައަށެވެ. އަދި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް ޝޯޓު ލިސްޓުކުރެވޭ ފަރާތްތަކުގެ ނަންތައް ސަރުކާރުގެ ގެޒެޓުގައި އިއުލާން ކުރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު