އަންނަ މަހުގެ 9 އިން 11 އަށް މާލޭގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތް، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީޓީ ކުޅުންތެރިންނާ ބައްދަލުކޮށް، މުބާރާތުގައި ޓީމުން ބޭނުންކުރާނެ ހާއްސަ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުހަބާ ވިދާޅުވެ، މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ. ޓީޓީއަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގެ ހާއްސަ ކަމެއްގެ ގޮތުގައި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުން ބޭނުންކުރާ ރަސްމީ ޖާޒީ އިފްތިތާހުކޮށްފައިވެއެވެ. އެ ޖާޒީ ކުޅުންތެރިން ވަނީ ރައީސަށް ވެދުމަށްވެސް އަރުވައިފައެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިންވެސް ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދައިފައިވެސް ވާ މުބާރާތެކެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއާ ބައިން އަންހެން ޓީމު ރިހި މެޑަލް ހޯދުމެވެ.

މިފަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެ ކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތަކަށްވީ އިރު، މުބާރާތް ފަސްކުރީ ކޮވިޑް 19 އާ ގުޅިގެންނެވެ. އެ މުބާރާތް އަލުން ރާއްޖޭގައި ބާއްވަން ނިންމީ މިނިސްޓަރު އަހުމަދު މަހުލޫފުގެ އިސް ނެންގެވުމާއެކު ޓީޓީ އެސޯސިއޭޝަނުން މަސައްކަތްތަކެއް ކޮށްގެންނެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ މުބާރާތުގައި ހަ ގައުމެއްގެ ޖޫނިއާ 85 ކުޅުންތެރިޔަކު ވާދަކުރާނެއެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގުލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.