ރިޕޯޓް

މުއިއްޒު ސާބިތުކޮށްދެނީ ބޯންމެރޯ ހެދުމުގެ ނަސީބު ނެތަސް ކާމިޔާބު ދިރިއުޅުމެއް ހޯދިދާނެކަން!

(ހަށިގަނޑުގައި ހުންނަ ރެޑްބްލަޑް ސެލްސްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ދައުރު އަދާ ކުރާނީ ހީމޮގްލޮބީން ކިޔާ ޕްރޮޓީންއަކުންނެވެ. މިމާއްދާ ހަށިގަނޑުގައި އުފައްދާ މިންވަރު ދަށް ވުމުން ހީމޮގްލޮބީން ނުވަތަ އެޗްބީ ދަށްވުމޭ ކިޔައެވެ. އެޗްބީ ދަށްވުމުގެ ސަބަބުން ހަށިގަނޑަށް ލޭ ބޭނުންވާ ވުމަކީ މިކިޔާ ތެލެސީމިޔާއެވެ. މިއީ އެއްވެސް ގޮތަކުން އަލާމާތްތަކެއް ފެނިގެން ޑޮކްޓަރުން ޑައިގްނޯސްކުރާ "ބައްޔެއް" ނޫނެވެ. އެކަމަކު މިއީ ހަށިގަނޑުގައި ހިނގާ ލެޔަށް އަންނަ ބަދަލުތަކަކުން ދިމާވާ ހާލަތެކެވެ. އާދެ، މިއީ އިންހެރިޓެޑް ބްލަޑް ޑިސްއޯޑަރއެކެވެ. މާނައަކީ ކުއްޖަކު އުފަންވުމަށް މެދުވެރިވާ މަންމައާއި ބައްޕައަކީ ތެލެސީމިއާ ބީޓާ ކެރިއަރުން ކަމަށް ވެއްޖެނަމަ އެކުއްޖާ މިވަނީ ތެލެސީމިއާ މޭޖާ ނުވަތަ ލޭއަޅަން ޖެހޭ ކުއްޖަކަށެވެ. މަންމައާއި ބައްޕަގެ ފަރާތުން، ބީޓާވާ ޖީން ގެ ދެކޮޕީ، (މާނައަކީ ފަރާތަކުން އެއް ކޮޕީ) އެކުވެގެން އުފެދޭ ކުއްޖާ މިވަނީ ލޭއަޅަން ޖެހޭ ތެލެސީމިއާ ކުއްޖަކަށެވެ.)

ތެލެސީމިއާ ކުދިންނަކީ ބަލި ކުދިންތަކެއްކަމަށާއި އެކުދިންނަށް އޮތް ހަމައެކަނި ހައްލަކީ ބޯންމެރޯ ހެއްދުން ކަމަށް ވިސްނައި، އެގޮތަށް ދެކޭ ފަރާތްތައް އަދިވެސް މަދެއް ނޫނެވެ. ތެލެސީމިއާ އަކީ ކިހިނެއްވާ ކޮން ކަމެއްކަން ނޭނގުމުގެ ސަބަބުން ގަބޫލު ކުރެވިފައި އޮންނަނީ މިފަދަ ކުއްޖަކު ދުނިޔެއަށް އަތުވެއްޖެނަމަ، އެކުއްޖަކަށް ދުނިޔޭގައި އުޅުމުގެ ފުރުސަތުތައް ވަރަށްވެސް ހަނިކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ތެލެސީމިއާއަށް ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މިކުދިންނާމެދު ދެކޭ ގޮތް ވަރަށްވެސް ތަފާތެވެ.

އާންމުކޮށް ގަބޫލުކުރެވިފައި ކުރީން އޮންނަނީ ތެލެސީމިއާ، ލޭއަޅާ ކުއްޖެއްނަމަ 12އަހަރު ނުވަތަ ފުރާވަރަށް އެރުމުގެ ކުރިން ބޯންމެރޯ ނުހެއްދިއްޖެނަމަ، ދުނިޔޭގައި ހުރުމުގެ އެއްވެސް އުއްމީދެއް ނޯންނަ ކަމަށެވެ. އެހިސާބުން އެކުއްޖަކު ދުނިޔޭގައި ހުރެއްޖެނަމަ އެއީ ވަރަށްބޮޑު ކަރާމާތެއްކަމުގައި ދެކޭ ހިސާބަށް މީހުންގެ ވިސްނުން ހުރި ދުވަހެއްވެސް ވޭތުވެއްޖެއެވެ. މިހާރުވެސް މަދުމަދުން މިފިކުރު ގެންގުޅޭ މީހުން އުޅުނު ކަމުގައިވިޔަސް، އަދުގެ ދުނިޔޭގައި ބޯންމެރޯ ނުހެދިއްޖެ ހާލަތެއްގައިވެސް ދުނިޔޭގައި، ދުޅަހެޔޮ، މިންހެޔޮ ހަޔާތެއް ވޭތުކުރެވޭނެ ކަމުގެ ހެކި ސާބިތުވާވަރަށް ތެލެސީމިޔާ މޭޖާއިން، ނޫނީ ލޭއަޅާ މީހުން އެބަތިއްބެވެ.

އެހެންކަމަށްވިޔަސް އަދިވެސް މިކުދިންނާ މެދު ދެކޭގޮތް ހަމައެންމެ އާދައިގެ، އެހެން އާންމު މީހުންނެކޭ އެއްހަމައެއްގައި މިކުދިންނަށްވެސް ފައިތިލަ ސާބިތުކޮށްލެވޭނެކަން ގަބޫލު ނުކުރެވޭ ފަރާތްތައް މަދެއް ނޫނެވެ. މިއީ ބަލިކުދިންކަމަށާއި އާންމު އެހެން ކުދިންނެކޭ އެއްގޮތަށް، ހަރަކާތްތެރިވެ، މަސައްކަތްތެރި ބައެއްގެ ގޮތުގައި ނޫޅެވޭނެ ކަމަށް ގަބޫލުކޮށް، މިކުދިން އެކަހެރިކުރުން އަދިވެސް މުޖުތަމައުން ފެނެއެވެ. މީގެ ސަބަބުން މިއަދު ދުނިޔޭގައި ފުރިހަމަ ސިއްހަތެއްގައި ތިބި ތެލެސީމިއާ ކުދިންގެ ތެރެއިން ބައެއް ކުދިން، އެކުދިން ވަރަށް އަވަހަށް މަރުވެދާނެ ކަމުގެ ބިރަށް، (އެކުދިން ދުނިޔޭގައި ނުތިބެދާނެކަމުގެ ކުށްހީގައި)، އަމިއްލައަށް އުފަންދުވަސްތައް ގުނުން ކަހަލަ ކަންތައް ކޮށްފައި އެބަހުއްޓެވެ. މިއީ މިހާރު ބޮޑުވެފައި މިއޮތް ޖެނެރޭޝަނުގެ ކުދިންނަށް، އެކުދިން ކުޑައިރު، މިހާރު މިއޮތް މިންވަރަށްވެސް ހޭލުންތެރިކަމެއް ނެތުމުން ހިނގާފައިވާ ކަންތައްތަކެވެ. ބުނެލަން ފަސޭހަވިޔަސް މިއީ ހިތަށް ތަސައްވުރު ކުރަންވެސް ދަތި މަންޒަރެކެވެ. ކުޑަކުއްޖަކު، މަރުގެ ވަގުތު އައިސް ޖެހެނީކަން އެނގޭތީ، އުމުރު އެހިސާބަށް ހިނގައިދާނެތީވެ އަމިއްލަ އުފަންދުވަސްތައް ގުނުމުން ހިތަށް އަސަރު ނުކުރޭތޯއެވެ. އޭރު ހީވެފަ އޮންނަނީ ތެލެސީމިއާ ކުއްޖެއްނަމަ، ބޯންމެރޯ ނުހެދިއްޖެނަމަ، މަރުވާނެކަމެވެ.

ތެލެސީމިއާއަކީ ބައްޔެއްކަމުގައި ގަބޫލުކުރާ ވިސްނުން ބަދަލުކުރަން ޖެހޭ ވަރަށް މިއަދު ދިވެހިރާއްޖޭގައިވެސް ތެލެސީމިއާ ކުދިން، އާދައިގެ މީހުންނާ އެއްހަމައެއްގައި މަސައްކަތްކޮށް، ކައިވެނިކޮށް، ދިރިއުޅުންތައް ބިނާކޮށްފައި އެބަހުއްޓެވެ. ހަގީގަތަކީ މިއީ އެއްވެސް ހާލެއްގައި ބައްޔެއް ނޫންކަމެވެ. މިއީ އާއިލީ ގޮތުން ވާރުތަވާ މައްސަލައެކެވެ. ނުވަތަ ޖެނެޓިކަލީ ވާރުތަވާ ހާލަތެކެވެ.

މާލެއަށް އުފަން މަންމައަކާއި ބައްޕައަކަށް ލިބިފައިވާ ކުދިންގެ ތެރެއިން ދެކުދިން ތެލެސީމިއާ މޭޖާއިންނަށް، ނުވަތަ ލޭއަޅާ ކުދިންނަށް ވީއިރު، އެދެކުދިންވެސް އެންމެ ހެޔޮ ހާލުގައި ދުނިޔޭގައި ތިބިކަމަކީ މިފަދަ އޮޅުންބޮޑު، ހަގީގަތެއްނެތް، ހޭލުންތެރިކަން ކުޑަ، ދޮގު މައުލޫމާތުތަކަށް ބިނާވެފައިވާ ހިޔާލުތަކާއި، ގަބޫލުކުރުންތަކަށް ފެންނަން އޮތް ވަރަށް ބޮޑު ހެއްކެކެވެ. މިދެކުދިންގެ ތެރެއިން، 32 އަހަރުގެ އަބްދުލް މުއިއްޒު ހަސަންއަކީ މިހާރު އެޗް.ޑީ.ސީގައި ވަޒީފާ އަދާކުރަމުން އަންނަ، ތައުލީމު ހާސިލުކޮށްގެން ވަޒީފާގެ މާހައުލަށް ނުކުމެ، މަސައްކަތް ކުރަން ފެށިތާ 15 އަހަރުވެފައިވާ ޒުވާނެކެވެ. ތެލެސީމިއާ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަމުން، މުއިއްޒު "ވަން"އާ ހިއްސާކުރީ އޭނާގެ ދިރިއުޅުމުގެ 32 އަހަރު ހޭދަކޮށްފައިވާ ގޮތުގެ ކުރު އެހެނަސް މުހިންމު ހުރިހާ މައުލޫމާތުތަކާއި ހަނދާންތައް ހިމެނޭ "ހުލާސާ'އެކެވެ.

މުއިއްޒު ކިޔައިދިން ގޮތުގައި އުމުރުން އެންމެ ދެމަހުން ފެށިގެން، އޭނާއަކީ ލޭއަޅަން ޖެހުނު ކުއްޖެކެވެ. ފުރާވަރުގެ އުމުރާ ހަމައަށް ދާންދެން ކޮންމެ މަހަކު އެއްފަހަރު ލޭއަޅަން ޖެހުނެވެ. ސްކޫލުގައިވެސް އެންމެ ހަރަކާތްތެރި، އެންމެ ހިންގުންތެރި ދަރިވަރުންގެ ތެރޭގައި ހިމެނިގެން ދިޔަ މުއިއްޒުއަށް ސްކޫލު ހަޔާތުގައި، ލޭއަޅާ ކުއްޖަކަށްވީތީ މަދު ފަހަރެއްގައި ނަމަވެސް 'ބަލި' ކުއްޖެއްގެ ގޮތުގައި ފާހަގަ ކުރެވި، ބައެއް ހަރަކާތްތަކުން އެއްފަރާތްކުރުން ކަހަލަ ކަންތައް މަދުންނަމަވެސް ދިމާވެފައިވެއެވެ. އެހެންނަމަވެސް ގިނަ ފަހަރަށް މިފަދަ މައްސަލަތައް މުއިއްޒާ ދިމާނުވިޔަސް އޭނާ ފާހަގަ ކުރި ގޮތުގައި މިއީ ވަރަށްބޮޑު ކުށްހީއަކަށް ބިނާކޮށް ކުރެވޭ ކަމެކެވެ.

"ވަރުބަލިވެ، ވެއްޓި ތަނެއް ބިންދައިގެން ގޮސް އަނިޔާވެދާނެ ކަމުގެ ބިރަށް ބައެއް އެކްޓިވިޓީ ތަކުގައި ބައިވެރި ނުކޮށްވެސް އެބަހުރި. އެކަމަކު ހަމަ އެވްރެޖް ގޮތެއްގައި ގިނަ މުދައްރިސުންވެސް އަދި އޮފީހުގައިވެސް، އަޅުގަނޑާމެދު ކަންތައް ކުރަނީ ތަފާތުކުުރުމެއް ނެތި!"

މުއިއްޒު ކިޔައިދިން ގޮތުގައި ބޯންމެރޯ ހެއްދުމަކީ އެންމެނަށް އޮންނާނެ 'ހަމައެކަނި' ފަރުވާއެއް ނޫނެވެ. ތެދެކެވެ. ބޯންމެރޯއަކީ ތެލެސީމިއާ ލޭއެޅުމުގެ ސިލްސިލާއަށް ނިމުމެއް އަންނަން އޮތް ހަމައެކަނި މަގެވެ. އެހެންނަމަވެސް މިފަރުވާ ހޯދުމަކީ ހުރިހާ މީހުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. މިގޮތުން މުއިއްޒުގެ ހާލަތަށް ބަލާއިރު އޭނާގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެއަކީވެސް ލޭއަޅާ ފަރާތެއްކަމުން އެގޮތުން ބޯންމެރޯ ހެއްދުމުގެ އެއުއްމީދު ފެނަށްވީއެވެ. މުއިއްޒު ބުނި ގޮތުގައި ބޯންމެރޯއަކީ އެންމެނަށް އޮތް ޕްރޮސެސްއެއް ނޫނެވެ. ތަފާތު އެތައް ބައިވަރު ސަބަބުތަކާހެދި ބޯންމެރޯ ނުހެދިދާނެއެވެ. އެހެންނަމަވެސް ލިބެން ހުރި ފަރުވާތަކާއި ކުރެވެން އޮތް ކަންތައްތަކުގެ ތެރެއިން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

"މަސައްކަތުގެ މާހައުލުގައި ނޫނަސް ކުޑައިރު ސްކޫލުގައި އުޅުނުއިރުވެސް ބައިވަރު ޗެލެންޖެސް އެބަހުރި ދިމާވެފަ، ތެދަށް ބުނަންޏާ ކުރީގަ މީހުންނަކަށް ނޭނގޭ، ޓީޗަރުންނަކަށްވެސް، ސްކޫލު ކުދިންނަކަށްވެސް އަދި މަންމަމެނަކަށްވެސް ނޭނގެ މިއީ ކިހިނެއް ދިމާވާ ކަމެއްކަން، މައުލޫމާތެއް ނުހުރޭ، އަޅުގަނޑުމެން ތެލެސީމިއާ ކުދިންގެ ލައިފްސްޓައިލަކީ ކޮބައިކަން ނޭނގޭތީ އެބަހުރި އަޑު އިވެން ބޭނުންނުވާ ބައިވަރު އެއްޗިހި އިވިފަވެސް، އޭރު ވަރަށް ދެރަވޭ، ރޮއިފަވެސް ހުންނާނެ. އެކަމަކު މިހާރު އެނގޭ އެއީ ހޭލުންތެރިކަން ކުޑަވުމާއި މައުލޫމާތު ނެތުމުންދިމާވާ މައްސަލަތަކެއްކަން."

މުއިއްޒުއަކީ ސުކޫލުގައި އުޅުނު އިރުވެސް ޕްރައިމަރީ ގްރޭޑުގައި އަދި ސެކަންޑަރީ ގްރޭޑުތަކުގައި އުޅުނުއިރުވެސް ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތައް ސްކޫލުތަކުގެ މެނޭޖްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ ކުއްޖެކެވެ. މައިންބަފައިންގެ އަތުން އަމިއްލަ ދިރިހުރުމުގެ އެބޮޑު ބުރަ 'ވަޒީފާ' "ޓްރާންސްފިއުޝަން" ނުވަތަ ދެހަފުތާއިން، ތިންހަފުތާއިން އެއްފަހަރު އަޅަން ޖެހޭ ލޭ ހޯދުމުގެ ކަންތަކާއި ލޭހަދިޔާ ކުރާ ފަރާތް ނުވަތަ ޑޯނާރ ހޯދައިގެން، ލޭއެޅުމުގެ ކަންތައް މިހާރު ކުރަމުން އަންނަނީ މުއިއްޒު އަމިއްލައަށެވެ.

"މިހަފްތާގައި ލޭއަޅައިފިނަމަ އަނެއް ހަފުތާއަށް ލޭއެޅުމަށް ތައްޔާރުވާން ޖެހޭ. މިހާރު ރާއްޖޭގައި ތެލެސީމިއާ ނޫނަސް ލޭ ބޭނުންވާ ވަރަށް ގިނަ ކަންތައް އެބަހުރި، މާބަނޑު މީހުން، އެކްސިޑެންޓް، މާރާމާރީ ކަހަލަ ހާދިސާތަކުން އަނިޔާވާ މީހުން، ޑައެލެސިސް، ފަދަ ބަލިތަކުގެ ސަބަބުން ލޭ ބޭނުންވާ މީހުން ވަރަށް ގިނަ. އެހެންވީމަ ބްލަޑް ޑޯނާސް އިތުރު ވުމަކީ ހަމަ އެދޭ ކަމެއް."

މުއިއްޒު ކިޔައިދިން ގޮތުގައި ލޭ ރައްކާ ކުރުމާއި ލޭ ހޯދުމާއި ލޭހަދިޔާ ކުރުމާއި، އެއްތަނުން އަނެއް ތަނަށް، ލޭ ގެންދަން ޖެހިއްޖެ ހާލަތެއްގައި، އެވަރުވެސް ކުރެވޭ ވަރަށް ރާއްޖޭގައި މިކަންތައް ކުރިއަރުވަން އެބަޖެހެއެވެ. ލޭބޭނުންވާ ވަރަށްވުރެ، ލޭ ދޭން ތިބި ފަރާތްތައް މަދުވުމަކީ ރާއްޖޭގައި އޮތް ވަރަށްބޮޑު ގޮން ޖެހުމެކެވެ. ހަމައެހެންމެ މުއިއްޒު ހާއްސަކޮށް ފާހަގަ ކުރާ، ވަރަށްވެސް މުހިންމު އަދި ސަމާލުވާން ޖެހޭ ކަމެއް އެބައޮތެވެ. އެއީ ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން މިފަދަ ހުރިހާ ގޮތަކުން، ހުރިހާ ކަމަކަށް ވިސްނުމެވެ. އަމިއްލަ ނަފުސު އެންމެ ރަނގަޅަށް ތައްޔާރުވެގެން މީހަކާއެކު ހަޔާތެއް ފެށުމަށް މުއިއްޒު ނަސޭހަތްތެރިވެއެވެ. ކުއްޖަކު ދުނިޔެއަށް އައިސް ތެލެސީމިއާއަށް ޑައިގްނޯޒް ވުމަށްފަހު އެކުއްޖާ ދުނިޔޭގައި ދިރިހުންނަނީ އެތައް ބައެއްގެ މިންނެތް މަސައްކަތާއި، ހިތްވަރާއި، ހޭދައާއި އަދި އެތައް ވައްތަރެއްގެ ފަރުވާއާއެކުގައެވެ. މިއީ ބޭނުންވާގޮތްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިންމެވެ.

މުއިއްޒު ބުނިގޮތުގައި، މިއަދު އެނގެން މިއޮތް ވަރަކަށް އޭނާގެ މަންމަމެންގެ ހަޔާތުގައި ތެލެސީމިއާއަކީ ކޮންއެއްޗެއް ކަން އެނގޭކަށް ނެތެވެ. މީގެ ކުރީގައި ރާއްޖޭގައި ތެލެސީމިއާއަށް ޓެސްޓް ހެއްދޭނެ މަގެއް ނެތަސް، އަދި ދެން އައި ދުވަސްތަކުގައި ޓެސްޓު ހެއްދުން ތަކުލީފަކަށް ވެ ހަރަދަކަށް ވިޔަސް އަދު އެޒަމާނާއި ހާލަތު ބަދަލުވެފައި މިއޮތީ ފަސޭހަކަމާއި ހަލުވިމިނުގައި ހިލޭސާބަހަށް މިޓެސްޓު ހެދޭނެގޮތް ވެފައެވެ. ވީއިރު މިއަދު ތެލެސީމިއާ ލޭއަޅާ ކުދިން ގިނަވުމަކީ އެއީ އަމިއްލަ އިހުމާލެކޭ ބުނުމަކީ ގޯހެއް ނޫނެވެ. ސަބަބަކީ ކައިވެންޏެއް ކުރަން ގަސްދުކޮށް، އެފިޔަވަޅު އަޅާނީ އެކަކު އަނެކަކަށް ބައްދަލުވާ ހަމައެންމެ ފުރަތަމަ ހިނދުކޮޅުގައިކަމަށް ވާނީ ވަރަށްވެސް މަދު ފަހަރެއްގައެވެ. އެހެންކަމުން އެހިސާބަށް ގުޅުމެއް ގެންދިއުމުގެ މާކުރީގައި އެކަކު އަނެކަކަށް އަމިއްލަ ހާލަތު ދެނެގަނެ ހިއްސާ ކުރެވެން ވާނެއެވެ. ހަމަގައިމުވެސް އެއްވެސް މަންމައަކު އަދި އެއްވެސް ބައްޕައަކު، ލޯބިވެގެން، ބޭނުން ވެގެން އެކުގައި ހަޔާތެއް ފަށައިގެން އައިސް ލިބޭ ދަރިފުޅު، ލޭއަޅާ ކުއްޖަކަށްވެ، އެތަކުލީފާއި އެހޭދަ ކުރުމަކަށް ނޭދޭނެއެވެ.

"ތެލެސީމިއާ ކުއްޖަކަށް ލޭއަޅަން މަންމަޔަކު އެކަނި އައިސް އިންނަތަން ފެނުނު، އެއީ އަޅުގަނޑަށްވުރެވެސް ހަނގު އަންހެންކުއްޖެއްކަން ޔަގީން، އެކުޑަކުޑަ ބޭބީ ގޮވައިގެން އެއަންހެންކުއްޖާ އެކަނިމާއެކަނި ހުރިހާ ކަމެއްގައި އުޅުނީ، ބަލައިލިއިރު ކުއްޖާ ލިބުނީމަ، ތެލެސީމިއާ ކުއްޖެއްކަން އެނގުމުން ކުއްޖާގެ ބައްޕަ ދިޔައީ، އޭގެ ފަހުން އެއްވެސް ހަބަރެއް ނުވޭ. މިއީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ކޮންސާން،" މުއިއްޒުގެ ކަންބޮޑުވުމަކީ ހަގީގަތުގައިވެސް މިއަދު މުޖުތަމައުގައި އޮތް ބޮޑު މައްސަލައެކެވެ.

ލޯބިވާ ދަރިފުޅު، ހާލުގައި، ވޭން އުފުލަމުން ބޮޑުވާކަށް އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ބޭނުމެއް ނުވާނެއެވެ. ވީމާ، އެންމެ ފުރަތަމަ ތިމާ އަމިއްލަ ފިޔަވަޅު މަތީ ސާބިތުވާ ހިނދުން ފެށިގެން ތެލެސީމިއާ ޓެސްޓްކޮށް ނަތީޖާ އެނގިފައި އޮތުމަކީ ކުރިއަށް އޮތް ހަޔާތަށްޓަކައި އެޅޭ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅެކެވެ. މުއިއްޒު އެދެނީ ކޮންމެ ފަރުދަކުވެސް މިފަދައިން ފަރުދީ ޒިންމާ އަދާ ކުރުމަށެވެ. އަދި އަމިއްލަ އެދުމުން ފޯވެގެން، ކުޑަހިނދުކޮޅެއްގެ އުފަލަކަށްޓަކައި އިތުރު ފުރާނައެއް ވޭން އުފުލަން ޖެހޭފަދަ ފިޔަވަޅެއް ނޭޅުމަށް މުއިއްޒު ނަސޭހަތްތެރިވެއެވެ.

ރާއްޖެއަކީ، ދުނިޔޭގެ ފެންވަރުން ބަލާނަމަ، އަދި އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިޔާގެ ބޮޑު އާބާދީއެއް އޮތް ތަނަކަށްވާއިރު، މިއީ ކިހިނެއް ދިމާވާ ކަމެއްކަން އެނގޭ މިންވަރާއި މިހެން ކަންތައް ނުވާނެ ގޮތްތައް ދެނެގަނެ، އެގޮތަށް މަސައްކަތް ކުރުން މަދު ކަމަށް މުއިއްޒު ބުންޏެވެ.

ތެލެސީމިއާ އަކީ ހަމަ ކުއްލިއަކަށް ދިމާވާ މައްސަލައެއް ނޫނެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ވިސްނާ ހިސާބުން ތެލެސީމިއާގެ މައުލޫމާތު ނެތްކަމަށް ވާނަމަ، އެމައުލޫމާތު ހޯދައި ދެނެގަންނަން އެބަޖެހެއެވެ. ކައިވެންޏެއް ކުރާއިރު ތިމާ ލޯބިވާ މީހާއާ އެކުގައި ހަޔާތް ފެށުމަކުން އަދި ހުރިހާ ކަމެއް ނުނިމޭނެއެވެ. ތެލެސީމިއާއަށް ޓެސްޓުކޮށް ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ރައްކާތެރިކަމުގެ ދާއިރާގައި ނެތްނަމަ އެކަކު އަނެކަކަށް ހެޔޮއެދި ލޯބިވާ ބަޔަކު ކަމަށްވަންޏާ އެހިސާބުން ދެމީހުން ދެމަގުން ދަތުރު ފެށުމަކީ އެންމެ ރަނގަޅު ގޮތެވެ.