ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.
ޒިފްލީނާ މިކަން ފާހަގަކުރެއްވީ ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓާސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ޒިފްލީނާ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި މި ބަލިމަޑުކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެނުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު، އެ ދާއިރާގައިވެސް ގިނައިން މަސައްކަތްކުރަމުން އަންނަނީ އަންހެނުންކަންވެސް ފާހަގަކުރެއްވި އެވެ.
ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓާސް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު މިނިސްޓީރިއަލް ޑައިލޮގުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒިފްލީނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ.
އެގޮތުން ލޮކް ޑައުން އާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ލޮކްޑައުންއަށްފަހު ރިޕޯޓުކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަމަށްވެސް ޒިފްލީނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމާ ގުޅިގެން ބަލިމަޑުކަމުގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައި، ގެވެށި އަނިޔާގެ އަމަލުތައް ރިޕޯޓްކުރާނެ ހާއްސަ ހޮޓްލައިނެއް ގާއިމުކޮށް، ހޭލުންތެރިކުރުމަށް ޖެންޑާ މިނިސްޓްރީން "ގެވެށި ގުޅުން"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ލޯންޗުކުރެއްވިކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ޒިފްލީނާ އިތުރަށް ވިދާޅުވީ ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮވިޑް-19ގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު