ޚަބަރު

ކޯސްޓުގާޑަށް ބޭނުންވާ ބައެއް ސާމާނު ޔޫއެންއޯޑީސީން ހަދިޔާކޮށްފި

މުހައްމަދު އިޝާން

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ކޯސްޓު ގާޑަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ، ހުޅުމާލެ ކޯސްޓް ގާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓު ގާޑަށް ދެ ރިބް އާ، ކޯސްޓު ގާޑުގެ އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއާނެސްއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ޔޫއެންއޯޑީސީގެ ފަރާތުން ކޯސްޓު ގާޑަށް ބޭނުންވާތަކެތި ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ކޯޑިނޭޓާ ޕާނިލް ރަސްމުސެންއެވެ. އެ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޗީ މިޑްރީ އާއި ކޯސްޓް ގާޑުގެ ކޮމާޑަންޓް ކާނަލް އިބްރާހީމް ހިލްމީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަޕާން ސަރުކާރުން އާއި ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފާއި ކޯސްޓް ގާޑަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓާކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަސީލަތްތައް ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދިވެހި ސިފައިންނާއި ކަނޑުމަތީގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިން ފަދަ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ޔޫއެންއޯޑީސީ އާއި ޖަޕާން ސަރުކާރުން ދީފައިވާ އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓް ގާޑުގެ ގާބިލިއްޔަތު އިތުރުވެފައިވާ ކަމަށެވެ.