ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގާނޫނީ ޒިންމާ އަދާކުރުމުގެ ބަދަލުގައި މަސައްކަތް ކުރަނީ އަމިއްލަ އެދުމަށް ކަމަށް ވިދާޅުވެ، ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު އެ ކޮމިޓީން އިސްތިއުފާދެއްވައިފިއެވެ.
ނިހާދު މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނީ ޒިންމާ އަދާނުކުރާ ކޮމިޓީއެއްގައި ހުންނަވަން ބޭނުންނުވާ ކަމަށާއި އެކަން ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.
"ޖުޑިޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމައި އަމިއްލަ އެދުމަށް އުޅުމުން ކަޑަ،" ނިހާދު ވިދާޅުވިއެވެ.
ޖުޑިޝަރީ ކޮމިޓީން ނުނިންމައި ހުރި މައްސަލަތަކުގެ ތެރޭގައި ބާ އިމްތިހާނުގެ މައްސަލަ އާއި ހައިކޯޓު މައްސަލަ އާއި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ އިތުރުން ހެއްކާ ބެހޭ ގަނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ހިމެނެއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފާޑު ވިދާޅުވެ، އެ ކޮމިޓީން ނިހާދު އެކަހެރިވެފައި މިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ނިންމި ނިންމުމާމެދު ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ސުވާލު އުފައްދައިފައި ވަނިކޮށެވެ.
ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ޗެއާކުރައްވާ ކޮމިޓީއެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައެވެ. އަދި އިންތި ފެކްޝަނާއި ޗެއާޕާސަން އިންތިހާބުގައި ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފެކްޝަން ގެންދަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ. ނިހާދު ތާއިދުކުރައްވަނީ ޗެއާޕަސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލްއަށެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި އެ ކޮމިޓީގެ ނައިބު މުގައްރިރު މުސާ ސިރާޖު ވަނީ ޖޭއެސްސީ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރިގޮތާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލު އުފައްދައިފައެވެ. ސިރާޖަ ތާއިދުކުރައްވަނީ އިމްތިޔާޒު ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރުމަށެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގައި ސިރާޖު އެކަންކަން ފާހަގަކުރުމުން ނިހާދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ކޮމިޓީގެ ބޭނުމަކީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށެވެ.