ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރި، އެ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 266 މައްސަލައެވެ. އެއީ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަތަކަށް ވުރެ 31 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ މަހުވެސް އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެފަދަ 126 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، އޭގެ ކުރީ މަހު ހުށަހަޅާފައިވަނީ އެފަދަ 106 މައްސަލައެކެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ.
- ޖިންސީ ހާނިއްކައިގެ 40 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ
- އިހުމާލުގެ 26 މައްސަލަ
- ނަފްސާނީ ހާނިއްކައިގެ 20 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން މައްސަލަ
- ނަހަމަ ގޮތުގައި ވިޔަފާރީގެ ފައިދާއަށް ބޭނުންކުރުމުގެ ތިން މައްސަލަ
- އެހެންކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ
މި މައްސަލަތަކުގެ އިތުރުން މިދިޔަ މަހު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 31 މައްސަލަ ޖެންޑާއަށް ހުށަހަޅާފައިވެއެވެ. އަދި އާއިލީ މައްސަލަތަކުގެ ގޮތުގައި 39 މައްސަލަ ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު