އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބުރިކަށީގެ 11 ތަނަކަށް ވަޅިޖެހި މައްސަލައިގައި ހިމެނޭ ސ. ފޭދޫ ހަވީރީ ނާޒް އިއުތިސާމް މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ މީގެ ތިން އަހަރު ކުރިން، 17 އޭޕްރީލް 2019 ވަނަ ދުވަހުގެ އެކެއްޖަހާ އެހާކަންހާއިރު އިއުތިސާމް މުހައްމަދު، އިތުރު ބަޔަކާއެކު ސ. ގަމުގައި ހުންނަ މޯލްޑިވިއަން އޮފީސް ކައިރީގައި ސ. ހިތަދޫ އިތާމުތްގެ މުހައްމަދު ފާރިހު އާ މާރާމާރީ ހިންގައި ފާރިހުގެ ބުރަކަށީގެ 11 ތަނަކަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާ އެކެވެ.
އެ މައްސަލައިގައި، އިއުތިސާމް މުހައްމަދުގެ އިތުރުން ސ. ފޭދޫ، ޝަބްނަމީވިލާ އަހްމަދު ލޫތާއި އެ ރަށު ރަންދޯދިގޭ އަހްމަދު ފަރީޝްގެ މައްޗަށްވެސް ދައުވާކުރިއެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ ތިން މީހުންގެ ތެރެއިން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އިއުތިސާމްގެ މައްޗަށެވެ. ހުކުމްގައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލުމުން، ދައުވާއަށް އިންކާރުކޮށް، ދިފާއުގައި 11 ޝަފަވީ ހެއްކާއި، ތިން ކިތާބީ ހެކި ހުށަހެޅި ކަމަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ނުވަ ޝަފަވީ ހެއްކާއި، ތިން ކިތާބީ ހެކި ހުށަހެޅިއެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އާއްމު ތިން މީހުން ކަމަށްވާ، އެ މާރާމާރީގައި އަނިޔާ ލިބުނު މުހައްމަދު ފާރިހު އާއި، ސ. ފޭދޫ އޭޝް އަހުމަދު އަޝްހަމް ޝަރީފް އާއި، އަލިވިލާގޭ މުހައްމައު މިންއާމް ޝަރީއަތުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ހިމެނޭ ވަޅި ޖެހުމުގެ ހާދިސާ ހަނދާން ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި، އެމީހުން ވަނީ އެ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ކުރެވޭނެ އެންމެ މުހިންމު ދަލީލަކީ ހެކިންގެ ހެކިބަސް ކަމަށާއި, ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ ހެކިބަހަކަށް ވެގެންނޫނީ، އެ ހެކިބަހަކީ ގާނޫނީ ގޮތުން ސައްހަ ދަލީލެއްކަމަށް ނުބެލެވޭނެ ކަމަށެވެ.
މި މައްސަލައިގައި ހެކި ގަރީނާތަކަށް ބަލާއިރު، ފާރިހުއަށް މާރާމާރީއެއްގައި އަނިޔާވިކަން ސާބިތުވި ނަމަވެސް އޭނާއާ މާރާމާރީ ހިންގައި، ތިލައިގައި ތިންއިންޗި ހުންނަ ވަރުގެ ވަޅިއަކުން އޭނާގެ ބުރިކަށީގެ 11 ތަނަކަށް އިއުތިސާމް ހަމަލާދީފައިވާ ކަން ސާބިތު ކުރުމަަށް ހުށަހަޅާފައިވާ ހެކިތަކުން ޔަގީނާ ގާތްކުރާ މިންވަރަށް އެ މައްސަލަ ސާބިތުވާކަމަށް އިގުތިނާއު ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، އިއުތިސާމްގެ މައްޗަށް ދައުލަތުން ކުރި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން، ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް