ލ. ހިތަދޫ ކައުންސިލުން، އެރަށް ކައިރީގައި އޮންނަ މެންދޫގައި އެއާޕޯޓެއް ހެދޭތޯ ބަލަން ދިރާސާ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ހިތަދޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ފަރާތުން މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ދިރާސާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
- އިންޖިނިއަރިން އެސެސްމެންޓް އެންޑް އިވޮލުއޭޝަން ރިޕޯޓް
- އެންވަޔަރަންމެންޓަލް އެސެސްމެންޓް ރިޕޯޓް
- ރިސްކް އެސެސްމެންޓް ރިޕޯޓް
- ބިޒުނަސް އެނަލަސިސް އެންޑް ފައިނޭންޝިއަލް އިވޮލުއޭޝަން ރިޕޯޓް
މެންދޫގައި އެއާޕޯޓެއް ހެދޭތޯ ބަލަން ހަދާ ސްވޮޓު އެނަލަސިސްގައި ހިމަނާ ރިޕޯޓުތައް ނިންމައި އެކައުންސިލާ ހަވާލު ކުރަންޖެހޭނެ ކަމަށްވެސް ބުންޏެވެ.
އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު އަންނަ މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި މިކަމަށް ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުންނަށްވެސް ހުށަހެޅޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ދިވެހި ރުފިޔާ އިން މި މަސައްކަތުގެ އަގު ހުށަހަޅާންޖެހެ އެވެ. އޭގެ އިތުރުން މަސައްކަތް ނިންމާނެ މުއްދަތުވެސް ތަފުސީލާއެކު ބަޔާންކުރަންޖެހެ އެވެ.
ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަންޖެހޭ އިރު ބެންކު ގެރެންޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅާންޖެހެ އެވެ.
ބިމުގެ ބޮޑުމިނުގައި 65.6 ހެކްޓަރުގެ މެންދޫއަކީ ހިތަދޫއާއި ކުނަހަންދޫއާ ދެމެދު ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ އޮންނަ ރަށެކެވެ.
ހިތަދޫ ކައުންސިލް ރައީސް އިބްރާހިމް ޝައްމޫން "ވަން" އަށް މިއަދު ވިދާޅުވީ މިއީ ހިތަދޫ އާއި އެރަށާއި ކޯޒްވޭ އަކުން ގުޅާލާ ކުނަހަންދޫ އާއި އަދި އެ އަތޮޅު މާމެންދޫ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ތަރައްގީ ކުރަން ޕްލޭން ކުރާ އެއާޕޯޓެއް ކަމަށެވެ.
ޝައްމޫން ވިދާޅޫވީ މެންދޫގައި އެއާޕޯޓެއް ތަރައްގީ ކުރެވޭތޯ ބަލަން ދިރާސާ ހެދުމަށްފަހު އެކަން ސަރުކާރުގެ އިދާރާތަކާ ހިއްސާ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން މިހާރު މިބަލަނީ މެންދޫގަ އެއާޕޯޓެއް ހެދުމަކީ ފީސެބަލް ކަމެއްތޯ. ހަގީގަތުގަ ކޯޒްވޭ އަކުން ކުނަހަންދޫ އާއި ހިތަދޫ ގުޅާލީމަ އެ ދެމެދަށް މެންދޫވެސް ވަންނާނެ. ކޯޒްވޭގަ ގޮސް ދަނޑުވެރިކަން ކުރުމަށްވުރެ މާ ރަނގަޅުވާނެ އެއާޕޯޓެއް ތަރައްގީ ކުރީމަ. އޭރަށް ސަރުކާރަށްވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ." އޭނާ ވިދާޅުވި އެވެ.
ޝައްމޫން ވިދާޅުވީ ލާމުގައި ދެ ރިސޯޓެއް އޮންނަ އިރު މެންދޫގައި އެއާޕޯޓެއް ހަދައިފި ނަމަ އެ ރިސޯޓަށް އަންނަ މީހުންނަށްވެސް ފައިދާވާނެ ކަމަށެވެ. އެގޮތުން ކުރަން ޖެހޭނީ 10 މިނިޓުގެ ދަތުރެއް ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްލޭންގައި ކުނަހަންދޫ ކައުންސިލާއި ހިތަދޫ ކައުންސިލާއި މާމެންދޫ ކައުންސިލުން ތިބީ އެކަތިގަނޑަކަށް ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދަޅުވި އެވެ.
ލ. އަތޮޅު ކައްދޫގައި މިހާރުވެސް ޑޮމެސްޓިކް އެއާޕޯޓެއް އޮވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު