އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރުމަށްފަހު، ދައުލަތަށް ލިބެން ޖެހޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ކަމާގުޅުން ހުރި އިދާރާތަކަށް އެ ކޮމިޝަނުން އަންގައިފިއެވެ.
އޭސީސީން މިއަދު ބުނީ، އެ ފައިސާ އަކީ ވޭތުވެދިޔަ އެއްމަސްދުވަހުގެ ތެރޭގައި، ތަހުގީގުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ ފައިސާ ކަމަށެވެ. އެއީ 1,570,814.44 (އެއްމިލިއަން ފަސްސަތޭކަ ހަތްދިހަހާސް އަށްސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި) ކަމަށްވެސް އޭސީސީން ބުންޏެވެ. ނަމަވެސް އެކަން އެންގީ ކޮން އިދާރާތަކަށް ކަމެއް އޭސީސީން ނުބުނެއެވެ.
މިހާރު އޮތް އޭސީސީއަކީ، މަސައްކަތްތައް ކުރިއަށްގެންދާލެއް ލަސްކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުން، އެ ކޮމިޝަނުގައި ތިއްބެވި މެންބަރުން ވަކިކޮށް އަލަށް އެކުލަަވައިލި ކޮމިޝަނެކެވެ.
މިހާރު އޮތް ކޮމިޝަނަށް މެންބަރުން އައްޔަން ކުރީ، މިއަހަރުގެ މެއި 17 ގައެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެފައި ވަނީ، އެކި ގޮތްގޮތުން ގެއްލިގެން ގޮސްފައިވާ، ދއުލަތުގެ ފައިސާ ހޯދުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ގާނޫނީ ހުރަހެއް އޮތްތޯ ބަލަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ނަތީޖާ ނެރެދީގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ކޮމިޝަންގެ މަސައްކަތް އަވަސްކުރުން މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވެފައިވަނީ އޭސީސީގެ މަސައްކަތްތައް އަވަސްކުރަން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން