ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލާއި ވިލަރެއާލް ވާދަކުރާނެއެވެ. ލިވަޕޫލްގެ ދަނޑުގައި ދެޓީމުން މިރޭ ނުކުންނަ މެޗުގެ ފެވަރިޓުންނަކީ ގިނަބައެއްގެ ނަޒަރުގައި ލިވަޕޫލެވެ. އެހެން ނަމަވެސް ވިލަރެއާލް "އަންޑަ އެސްޓިމޭޓް" ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެ ޓީމުން މިހާތަނަށް ނެރުނު ނަތީޖާތަކުން ސާފެވެ.

ނޮކްއައުޓް ބުރުގައި ވިލަރެއާލް ސެމީއާ ހަމައަށް ދިޔައީ ޔޫރަޕުގެ އެންމެ ވަރުގަދަ ކްލަބުތައް ކަމަށްވާ ޔުވެންޓަސްއާއި ބަޔާން މިއުނިކްވެސް ކަޓުވާލައިފައެވެ. ހާއްސަކޮށް އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް ދެ ލެގުން ބަޔާން ކަޓުވާލި ކަޓުވާލުމަކީ ވިލަރެއާލްއަށް ހާއްސަ ކާމިޔަބީއެކެވެ.

"އަހަރެން ބަދަލަކަށް ނުކުމެ ބަޔާން ކޮޅަށް ޖެހި ގޯލަކީ ހަޔާތުގައި ދުވަހަކުވެސް ހަނދާން ނެތޭނެ ގޯލެއް ނޫން. އެ ގޯލުގެ މުހިއްމުކަން އަހަންނަށް އެވަގުތުވެސް އަންދާޒާއެއް ނުކުރެވުނު. ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުޅި ޓީމަށް އެ ގޯލު އެހާ ހާއްސަ ވާނެ ކަމެއް ނޭނގި އަހަންނަށް ފުރަތަމަ ހުރެވުނީ ހުއްޓިފައި. ސަޕޯޓަރުންނަށް ބަލައިލުމުން ފެނުނީ އުފަލުން ރޮވިފައި ތިބިތަން. އެއީ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު އިހުސާސް،" ވިލަރެއާލްގެ ޒުވާން ތަރި ސެމިއުލް ޗުކުވޭޒީ ބުންޏެވެ.

އެފްރިކާގެ ނައިޖީރިއާއަށް ނިސްބަތްވާ ޗުކުވޭޒީއަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ވަރަށް ހާއްސައެވެ. 2016 ވަނަ އަހަރު އާސެނަލްއަށް ކިރިޔާ ނުގޮސް ވިލަރެއާލްއަށް ދިޔަ ޗުކުވޭޒީއަށް މި ސީޒަންގެ ކުރީކޮޅުގައި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް، އެނބުރި އައިސް އޭނާ ދަނީ ތަފާތު ފޯމެއްގައި ކުޅެމުންނެވެ.

"އަހަރެމެންނަށްވެސް އެނގޭ އެންމެން އުންމީދުކުރަނީ މެޗުން ލިވަޕޫލް މޮޅުވާނެ ކަމަށް. އެހެންވީމަ ޕްރެޝަރު އޮތީ ލިވަޕޫލަށް. އެހެން ވަނީ ލިވަޕޫލްގެ ސްޓައިލުން. އެހެން ނަމަވެސް އަހަރެމެން ޓީމު ދަށެއް ނުކުރެވޭނެ. އަހަރެމެންގެ ސްޓައިލުގައި ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކުޅެން ތައްޔާރު. ޓީމުގައި ހުރީ ކާމިޔާބު މޮޅު ކޯޗެއް. މުހިއްމީ ނަތީޖާ ނެރުން،" ޗުކުވޭޒީ ބުންޏެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު ދަތުރަކީ އުނައި އެމެރީއާއި ވިލަރެއާލްއަށް ހާއްސަ ދަތުރެކެވެ. "ޔެލޯ ސަބްމެރިންސް"ގެ ނަމުން މަޝްހޫރުވެފައިވާ ވިލަރެއާލްއަކީ އާބާދީގެ ގޮތުން ކުޑަ ސަރަހައްދަކަށް ނިސްބަތްވާ ޓީމެއް ނަމަވެސް، އެ ކްލަބަކީ ސްޕެއިންގެ ނަން ހިނގާ، ހަރުދަނާ ކްލަބަކަށް ވެއްޖެއެވެ.

އުނައި އެމެރީއަކީ "ކަޕް ކިންގް" ގެ ނަމުން މަޝްހޫރު ކޯޗެކެވެ. ވިލަރެއާލްއިން މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތަށްޓެއް ހޯދި އިރު، އެ ތަށްޓަކީ އެމެރީގެ ކޯޗިން ކެރިއަރުގައި ހޯދި ޔޫރޮޕާ ލީގުގެ ހަތަރުވަނަ ތަށްޓެވެ. މީގެ ކުރިން އޭނާ ޔޫރޮޕާ ލީގު ތިން ފަހަރަށް ހޯދީ ސެވިއްޔާއާ އެކުގައެވެ.