ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ ކަމުގައި 2019 ވަނަ އަހަރުން ފެށިގެން ހިމެނިފައިވި ޖަޕާނުގެ ކާނޭ ޓަނަކާ މިހަފުތާގެ ހޯމަދުވަހު މަރުވެއްޖެއެވެ. މި އަންހެންމީހާގެ އުމުރަކީ 119 އަހަރެވެ.

ޖަޕާނުގެ ފުކުއޯކާ ސަރަހައްދުގައި ޓަނަކާ އުފަންވެފައިވަނީ 2 ޖެނުއަރީ 1903 ގައެވެ. އެއަހަރަކީ އެމެރިކާގެ ދެބެޔަކު މަތިންދާ ބޯޓެެއް އުފައްދައި އެންމެ ފުރަތަމަ އުދުހުމުގެ ތަޖުރިބާކުރި އަހަރެވެ. އަދި ނޯބަލް އިނާމު އެންމެ ފުރަތަމަ އަންހެނަކަށް ލިބުނު އަހަރުވެސްމެއެވެ.

ޓަނަކާ އެންމެ ފުރަތަމަ މީހަކާ އިނީ މީގެ ސަތޭކަ އަހަރު ކުރިންނެވެ. އެ ކައިވެނިން ހަތަރު ކުދިން ލިބުނެވެ. ޓަނަކާ މަރުވިއިރު އޭނާގެ އުފަން އެއްވެސް ކުއްޖަކު ދުނިޔޭގައި ނެތެވެ. ޓަނަކާގެ ހެޔޮ ހަޔާތުގައި އޭނާ ކުރި މަސައްކަތަކީ ވިޔަފާރި ކުރުމެވެ. އެގޮތުން ނޫޑްލްސް ފިހާރަޔަކާއި ކޭކު ފިހާރައެއްވެސް ހިންގާފައިވެއެވެ. އޭނާގެ މުސްކުޅި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މުސްކުޅިން ބަލަހައްޓާ ޚާއްސަ މަރުކަޒެއްގައެވެ.

ދުނިޔޭގައި ހުރި އުމުރުން އެންމެ ގިނަދުވަސްވީ މީހާގެ ރިކޯޑު ޓަނަކާއަށް ލިބުނީ 2019 ގައެވެ. އެ ރިކޯޑު ލިބުމާ ގުޅިގެން އޭނާގެ ދިގު ހަޔާތުން އެންމެ އުފާވެރި ވަގުތުކޮޅަކީ ކޮބައިތޯ މީޑިއާއިން ކުރި ސުވާލުގެ ޖަވާބުގައި ޓަނަކާ ބުނެފައިވަނީ އެއީ ދުނިޔޭގެ އެންމެ ބޮޑު މުސްކުޅިޔާގެ ރިކޯޑް ލިބުމުގެ އުފާ ކަށާއި އެންމެ އުފަލުގައި އެންމެ ހިތްހަމަޖެހިގެން އުޅެވެނީ މި އުމުރުގައި ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މުސްކުޅިންގެ އާބާދީ އެންމެ ބޮޑު ގައުމަކީވެސް ޖަޕާނެވެ. ޖަޕާނުގެ ޖުމްލަ އާބާދީގެ ތެރެއިން 28 އިންސައްތަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ފަހުގެ ތާރީޚުގައި އެންމެ ދިގު އުމުރަކަށް ދުނިޔޭގައި އުޅުމުގެ ރިކޯޑު އޮތީ 122 އަހަރާއި 164 ދުވަހު ދުނިޔޭގައި އުޅުމަށްފަހު 1997 ގައި މަރުވެފައިވާ ފަރަންސޭސި އަންހެނަކަށެވެ.