ގަލޮޅު ބިއްލޫރި ޖެހިގޭގައި ހުންނަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮފީސް ފާހާނައިގެ ފެން ލައިޓުން ވަދެ އެތަނުގެ ތިޖޫރި ފަޅާލައި ތިންހާހަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު ބަޔަކު އެ އޮފީހަށް ވަދެ އެތަނުގެ ތިޖޫރީގެ ތަޅު ހަލާކުކޮށްގެން އޭގައި ހުރި ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ވަގަށް ނެގިކަން އެނގުނީ މިއަދު ހެނދުނު އެތަނުގެ މުވައްޒަފުން އޮފީހަށް ދިޔުމުން ކަމަށެވެ.

ޝަހުބާން ވިދާޅުވީ މީޑިއާ ކައުންސިލް އޮފީހަށް ވަދެފައިވަނީ، ބިއްލޫރި ޖެހިގޭ ޕާކިން ޒޯން ފަޅިން އެ އޮފީހުގެ ފާހާނައިގެ ފެންލައިޓުން އެތެރެއަށް ވަދެގެން ކަމަށް ބެލެވޭ ކަމަށެވެ.

"މިތަނުގަ ހުންނާނެ އައިކޮމްގެ އޮފީސްވެސް. ބޭރު ދޮރުގަ ހުރީ ތަޅުލާފަ. އެއްވެސް ދޮރަކަށް ގެއްލުމެއް ދީފައެއް ނެތް. އެހެންވީމަ ހަމަ އެކަނި މިތަނަށް ވަދެވޭނީ ޕާކިން ޒޯން ތެރެއިން ލާފަ އައިސް ފާހާނާ ފެންލައިޓުން އަރައިގެން. އެގޮތަށް އަރާފަ ހުރި ކަމަށް މި ބެލެވެނީ. ތިޖޫރީ އެކަނި ފަޅާފަ ހުރީ. ތިޖޫރީގެ ތަޅު މަތާލައިގެން ހަލާކުކޮށްގެން." އޭނާ ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ އެ ތިޖޫރީގައި ހުންނާނީ ޕެޓީކޭޝް އަށް ބޭނުން ކުރަން ބަހައްޓާފައި ހުރި 3612 ރުފިޔާ ކަމަށެވެ. އަދި ވަގަށް ނަގާފައިވަނީ ހަމަ އެކަނި އެ ފައިސާ ކަމަށާއި އިތުރު އެއްވެސް އެއްޗެއް އެތަނުން ވަގަށް ނަގާފައިނުވާ ކަމަށެވެ. އަދި އެ އޮފީހުގައި ލެޕްޓޮޕާއި އެހެނިހެން އަގުބޮޑުތަކެތި ހުންނާނެ ކަމަށާއި ނަމަވެސް އެއިން އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލައި ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 9:15 ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.