ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީއާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓުން އެމްްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގުސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލު މީހުން ބިނާކުރުމެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ގައުމީ ފެންވަރުގެ ސަނަދެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވީ، 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ގައުމު ތަރައްގީ ކުރުމުގައި ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެކުންފުނިން ކުރާނެ ކަމުގައެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލު ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ. ހަ މަސްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ދިހަ ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރާނެއެވެ.
މި ޕްރޮގްރާމަކީ އެޗްޑީސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗްޑީސީފައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދޭނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.