ހިޔާނާތްތެރިވުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރިވެ އަދި އަނިޔާވެރިވުމަށް ފުރުސަތުވެސް ނުދޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދީފިއެވެ.
ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ މީހަކާމެދުވެސް ހުށަހެޅޭ މައްސަލަތައް އަދި ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށްދީފައިވާ ކަމަށެވެ.
"މި ސަރުކާރުން ހިޔާނާތްތެރިވުމަށް ޖާގައެއް ނުދޭނެ. އެއްވެސް މީހަކާމެދު ތަފާތު ކުރުން ނުގެންގުޅޭނެ. އަދި އެއްވެސް މީހަކަށް އަަނިޔާވެރި ނުވާނެ، އަނިޔާވެރި ވުމަށް ފުުރުސަތެއްވެސް ނުދޭނެ. އެފަދަ ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ. ސަރުކާރުން އެދެނީ ދައުލަތުގެ އެއްވެސް ބާރަކުން ވެސް އަދި މުއައްސަސާއަކުން ވެސް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށް،" އަލީ ޒާހިރު ވިދާޅުވިއެވެ.
ސަރުކާރުން ނަޝީދަށް ރައްދު ދެއްވާފައި މިވަނީ، އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި އެމަނިކުފާނު ވެސް އަބަދުވެސް ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ ސަރުކާރަށް އިތުބާރު ލިބޭނެ ކަންކަން ކަމަށެވެ.
"އެމްޑީޕީ އާއި އަދި އަޅުގަނޑުވެސް އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިފެ ކަމެއް، އެއްވެސް ސަރުކާރަކުން ހިޔާނާތްތެރިނުވުން. އެކަކާއި އަނެކަކު ތަފާތު ނުކުރުން، އަނިޔާވެރިނުވުން، އެމްއެމްޕީއާރްސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން" ނަޝީދު ވިދާޅުވިއެވެ.
ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުން ލަސްވުމެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެ މައްސަލަ ފުރަތަމަ ބަލަމުންދިޔައީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެ މައްސަލަ ބަލަމުން އަންނަނީ އޭސީސީންނެވެ.
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދެ ފަހަރަކު ފޮނުވިއެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުރަތަމަ ހުށަހެޅީ 4 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް ބައެއް ކަންކަން ފުރިހަމަކުރުމަށް އަންގައި، އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ.
އޭސީސީން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެފަހަރު ވެސް އެ މައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރުމަށެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ޑިސެމްބަރު މަހުގެ ފަހުކޮޅު އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާދީފައެވެ. ގާނޫނީ ހުސްކަމެއްގައި އޮތުމަށްފަހު އޭސީސީއަށް އާ މެންބަރުން އައްޔަންކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން ބޮނޑުވެފައިވާއިރު އެމްޑީޕީ ވެސް ވަނީ ދެ ފަޅިއަކަށް ބެހިފައެވެ.
ޗެއާޕާސަންގެ އިންތިހާބަށް ނަޝީދުގެ ތާއިދާއެކު އިމްތިޔާޒު ވާދަކުރައްވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަޑޫ ސޯލިހުގެ ތާއިދާއެކުއެވެ. އިމްތިޔާޒުގެ ޓީމުން ފައްޔާޒުގެ ޓީމަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާއިރު ބައެއް ފަހަރު ނަޝީދު ވެސް އެ މޭރުމުން ވާހަކަދައްކަވައެވެ.
އެގޮތުން އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށާއި އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށާއި މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށާއި އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިމްތިޔާޒަށް ތާއިދުކުރައްވާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށާއި ފައްޔާޒަށް ކުރާ ތުހުމަތުތަކަށް ފައްޔާޒުގެ ޓީމުން ވެސް ދަނީ ރައްދު ދެމުންނެވެ. ނަމަވެސް ރައީސް ސޯލިހު އިމްތިޔާޒުގެ ޓީމަށް ރައްދު ދިނުމުގެ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު