ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މަރުވި ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް (29އ) ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަނިކޮށް ވެސް ހަމަލާދީފައިވާ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ، ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކި ހުށަހަޅައިފައެވެ. އަދި ދިފާއުން ވެސް ވަނީ ހެކި ހުށަހަޅައިފައެވެ. އެހެންވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ގާޒީ ނިންމަވާފައިވަނީ އެއް މަސް ދުވަސްތެރޭގައި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި ހުކުމްކުރުމަށެވެ.

މިއަދު ބޭއްވި ޒިޔަދަމް މަރުގެ މައްސަލައިގެ ޝަރީއަތަކީ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތެވެ. މިއަދު ދައުލަތުގެ ފަރާތުން އިއްވި ހުލާސާ ބަޔާނުގައި ވިދާޅުވީ، ދައުވާ ލިބޭ ދެ މީހުން ޒިޔަދަމްއަށް ހަމަލާދިނުމުން އޭނާ ވެއްޓިފައިވަނިކޮށް ބަޔަކު ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނިކޮށް ވެސް ދައުވާ ލިބޭ ފަރާތްތަކުން އައިސް ވަޅިން ހަމަލާދީފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ފަރާތުން ލިބެމުންދިޔަ ހަމަލާތަކުން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައިދަނިކޮށް ފަހައި އަތުލައި އަނެއްކާވެސް ހަމަލާދީފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޒިޔަދަމްއަށް ހަމަލާ ދިނުމަށްފަހު ދައުވާ ލިބޭ ދެ މީހުން ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބި މީހުންނަށް ބިރު ދައްކައި "މިއީ މުންޑޫ ޑޯން" ކަމަށް ބުނެ އިންޒާރުދިން ކަމަށް ހުލާސާ ބަޔާނުގައި ދައުލަތުން ވިދާޅުވިއެވެ.

އޭގެ އިތުރުން ޒިޔަދަމްގެ ބައްޕަ ކައިރިއަށް ގޮސް މައްސަލައާ ގުޅޭގޮތުން ކަމެއްކޮށްފިނަމަ "ލޮލަށް ވަޅި ހަރާނަން" ކަމަށްބުނެ އިންޒާރުދީފައިވާ ކަމަށާއި އޭރު ޒިޔަދަމްގެ ބައްޕަ ހުރީ ހޮސްޕިޓަލުގައި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޝަރީއަތަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު ވެސް ދައުލަތަށް ހުލާސާ ބަޔާން އިއްވައި ނުނިމޭތީ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި އެބައި ކުރިއަށް ގެންދިއުމަށެވެ. އަދި އެ ޝަރީއަތުގައި ދިފާއަށްވެސް ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމަށެވެ. މި މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނީ އީދު ބަންދަށްފަހުއެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ.