ދުނިޔެ

އަދުގެ ދުނިޔެ: އިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާގެ ދައުރެއްނެތް!

އިމާދު ލަތީފު

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް އައީ އެމެރިކާގެ ބޮޑުވެގެންވާ ރޭވުމަކުން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. މި ތުހުމަތު އޭނާ ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. މި ތުހުމަތުގައި އެއްވެސް އަސާސެއް އެކުލެވޭތޯ ބެލުމަށް ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް ކޮމިޓީން މިހާރު ވަނީ ޚާއްސަ ތަހުގީގެއްވެސް ހިންގައިފައެވެ. މިއީ ސަރުކާރުގެ ކަމާގުޅޭ އެންމެ އިސް އިދާރާތަކުގެ ވެރިންނާއި އަސްކަރިއްޔާގެ އެކި ގޮފިތަކުގެ ވެރިން ހިމެނޭ ކައުންސިލެކެވެ. އެފަރާތުން ހިންގި ތަހުގީގާއި ކުރި ދިރާސާތަކަށްފަހު ހުކުރު ދުވަހު ބުނެފައިވަނީ އިމްރާން ޚާން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމުގައެވެ. އިމްރާނުގެ ވެރިކަން ބަދަލުކުރުމުގައި ބޭރު ގައުމެއްގެ އެއްވެސް ރޯލެއް ނެތްކަމުގައެވެ.

އުމުރުފުޅުން 69 އަހަރުވީ އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް އައީ ގާނޫނު ހަދާ މަޖިލީހުން އޭނާގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްކުރުމުންނެވެ. އިމްރާން ވިދާޅުވާ ގޮތުގައި މިއީ ޔުކްރޭނުގެ ހަނގުރާމަ ފެށުނު ފަހުން އޭނާ ރަޝިޔާއަށް ވަޑައިގެން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއާ ބައްދަލު ކުރައްވާފައިވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އެމެރިކާއިން ރޭވި ރޭވުމެކެވެ. ރަޝިޔާއަށް ވަޑައިނުގަތުމަށް އެމެރިކާއިން ވަނީ އިންޒާރުވެސް ދީފައެވެ. އިމްރާނުގެ މި ތުހުމަތުތައް އެމެރިކާއިންވެސް ވަނީ ދޮގުކޮށްފައެވެ. އެމެރިކާއިން ދައުރެއް އަދާކުރިކަމަށް އިމްރާން ޚާން ވިދާޅުވާ ވިދާޅުވުންތައް ބިނާ ކުރައްވަނީ ޕާކިސްތާނުގައި ހުންނަވާ އެމެރިކާގެ ސަފީރާއި އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އެބޭފުޅުންގެ ވެރީންނަށް ފޮނުއްވި ޑިޕްލޮމެޓިކް ކޭބަލްތަކުގައިވާ ވާހަކަތަކުގެ މައްޗަށެވެ.

އިމްރާން ޚާން ހަވާލާ ދެއްވި އެންމެހައި ކޭބަލްތަކާއި އޭގެ އަސްލަށް ބަލައި އަދި އެމެރިކާގައި ހުންނެވި ޕާކިސްތާނުގެ ސަފީރު ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރުމަށްފަހު ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވަނީ ބޭރު ގައުމެއްގެ އަތެއް އޮވެގެން ޕާކިސްތާނުގެ ސަރުކާރު ބަދަލުކުރިކަމަށް ބުނެވޭނޭ އެއްވެސް ހެއްކެެއް ނެތްކަމުގައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި އިމްރާން ޚާނު މަގާމުން ދުރުކުރުމުގެ ކަންކަމަށް މަގުފަހިކުރާން ފެށިފައިވަނީ ރަޝިޔާއަށް އޭނާ ކުރެެއްވި ދަތުރުފުޅުގެ ކުރިން ކަންވެސް ފާހަގަކޮށްފައިވެއެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާއިންވެސް މިކަމާގުޅޭ ގޮތުން ދިރާސާތަކެއް ކުރުމަށްފަހު އެ އިދާރާއަށް ފެންނަ ގޮތް ބަޔާންކޮށްފައި ނެޝަނަލް ސިކިއުރިޓީ ކައުންސިލަށް ރިޕޯޓެއް ހުށައަޅައިފައިވެއެވެ. އޭގައިވެސް ބުނެފައިވަނީ އެފަދަ ކަމެއް ނެތް ކަމުގައެވެ.

އިމްރާން ޚާންގެ ތުހުމަތަކީ ދޮގެއްކަމަށް ނެޝަނަލް ސިކިއުރިޓީ ކައުންސިލުން ހުކުރުދުވަހު ނިންމުމުގެ ކުރިން އިމްރާން ވިދާޅުވަމުން ގެންދެވީ އެ ކައުންސިލުންވެސް އޭނާގެ ތުހުމަތުގެ ސައްހަކަމަށް ހެކިވާ ކަމުގައެވެ. އެހެން ވިދާޅުވެފައި މި މައްސަލަ ތަހުގީގު ކުރުމަށް ފަނޑިޔާރުގެއަށްވެސް އިމްރާން ޚާން ވަނީ ހުށައަޅުއްވައިފައެވެ. އެކަމަކު މިހާރު މިވީގޮތުން އެކަން ދެން ކުރިއަކަށް ނުގެންދެވޭނެއެވެ. އެޒާތުގެ ކަމެއް ކުރިއަށް ގެންދެވޭނީ އެއީ އެކަށީގެންވާ ހެކި ހުރިކަމެއް ކަމަށް ނެޝަނަލް ސިކިއުރިޓީ ކައުންސިލަށްވެސް ފެންނަނަމައެވެ. އިތުރަށް ހޯދައި ބަލަންޖެހޭ ކަމެއް ކަމަށް އެފަރާތަށްވެސް ގަބޫލުކުރެވޭނަމައެވެ. މައްސަލަ ޖެހިގެން އުޅޭ ދަތުރުފުޅެއް އިމްރާން ޚާން ކުރެއްވީ ފެބްރުއަރީ ސައުވީހުގައެވެ. އެއީ ރޫސީ ސިފައިން ޔުކްރޭނަށް އެރި ދުވަހެވެ.

އިމްރާން ޚާނަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ނަގަން އުޅުނު ވޯޓަށް އެއްފަހަރަށްވުރެ ގިނަ ފަހަރުމަތިން އިމްރާން ޚާން ހުރަސްވެސް އެޅުއްވިއެވެ. އެކަން ކުރެއްވީ އޭނާގެ ތުހުމަތަށް ނެޝަނަލް ސިކިއުރިޓީ ކައުންސިލްގެ ރުހުން އޮތްކަމަށް ވިދާޅުވެފައެވެ. އެންމެފަހުން އެމަޖިލީހުގައި ވޯޓެއް ނެގުނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. އެވޯޓުން އިމްރާނަށް ބޮޑުވަޒީރުކަން ވަނީ ގެއްލިފައެވެ. އެޔާއެކު މަގުމައްޗަށް ނުކުމެވަޑައިގެންވެސް އިމްރާން ތަކުރާރު ކުރައްވަމުން ގެންދަވަނީ މި ތުހުމަތެވެ. ކަރާޗީ އާއި ލާހޯރާއި އިސްލާމް އާބާދުގައި ބޭއްވުނު ބޮޑެތި ބޮޑެތި އެއްވުންތަކުގައި އޭނާ ވަނީ މިވާހަކަތައް ތަކުރާރު ކުރައްވައިފައެވެ. އަދި ލަސްނުކޮށް ރައްޔިތުންނަށް ބަސްބުނެ ގޮތް ނިންމުމުގެ ފުރުސަތު ދިނުމަށްވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.

ޕާކިސްތާނުގައި އިންތިޚާބު ބޭއްވުމަށް ކުރީއްސުރެ ހަމަޖެހިފައިވަނީ އަންނަ 2023 ވަނަ އަހަރުއެވެ. އެ ތާރީޚު އަވަސްކުރުމަށް އައު ބޮޑުވަޒީރު ޝަހުބާޒު ޝަރީފުވެސް ބޭނުންފުޅުވެއެވެ. ފަހަރުގައި މިއަހަރުގެ އޮކްޓޫބަރުމަސް ހިސާބުގައި އިންތިޚާބު ބޭއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު މިއީ އަދި މުޅިން ނިމިފައިވާ ކަމެއް ނޫނެވެ. އައު އިންތިޚާބެއް ބާއްވައިފިނަމަ އަލުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ފުރުސަތު އިމްރާން ޚާނަށް އެބައޮތެވެ. އެކަމަކު މިހާރު މަންޒަރު ފެންނަ ގޮތުންނާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ ރުހުންވެސް އިމްރާނަށް ނެތުމާއެކު އޭނާގެ ކުރިފުޅުމަތީގައި އޮތް ރާސްތާ އަމާނެއް ނޫނެވެ. ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވިޔަސް އެބޭފުޅަކަށް ސިފައިންގެ ރުހުމާއި ތާއީދު ވަރަށް މުހިއްމުވާނެއެވެ.