ގއ. ކޮލަމާފުށި ބަނދަރުގެ މަޝްރޫއު އާއި ގުޅިގެން ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް އެރަށު ރައްޔިތުން ބޭނުންވާގޮތަށް ކުރަމުންނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބަނދަރުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ކޮލަމާފުށި ކައުންސިލުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގަރާރެއް ވެސް ފާސްކޮށްފައެވެ.
ކޮލަމާފުށި ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފު ރޭ "ވަން" އަށް ވިދާޅުވީ، ކޮލަމާފުށި ބަނދަރު ހެދުމުގެ މަޝްރޫއުގައި ބަނދަރުގެ ބޭރުތޮށި ޝީޓް ޕައިލް ކުރުމާއި، ބަނދަރު ބޭރުތޮށި އަރައިފައިބައި ބޭނުންކުރެވޭ ގޮތަށް މަގެއް ހެދުމަށް އެ މަޝްރޫއުގައި ހިމަނާފައިނުވާތީ އެކަންކަން މަޝްރޫއުގައި ހިމަނައިދިނުމަށް އެދި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ ނެރު ކައިރިއަށް ދެވޭނެހެން ބޮޑުހިލަ ޖެހުމުގެ ބަދަލުގައި ޝީޓްޕައިލް އަޅަން، މާލޭގެ ބަނދަރު ހަދާފައިވާ ގޮތަށް، އެކަން ކޮށްދިނުމަށްއެދި ވަރަށް ގިނަ ފަހަރު ސިޓީ ފޮނުވައިފިން، އަޅުގަނޑުމެން މާލެއަށް ކުރި ދަތުރުގައި ހަމަ ސީދާ އަސްލަމްއާ ވެސް ބައްދަލުކޮށް އެ ވާހަކަ ދެންނެވިން، އެކަމަކު އަދި އެދެވޭ ޖަވާބެއް އެއްވެސް ފަރާތަކުން ނުލިބޭ." ޝަހާމަތު ވިދާޅުވިއެވެ.
ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ކުރެވެންދެން ބޭރުތޮށީގެ މަސައްކަތް ހުއްޓާލުމަށް މިނިސްޓްރީއަށާއި މަސައްކަތް ކުރަމުންދާ ހެވީފޯސް ކުންފުންޏަށް ކައުންސިލުން ވަނީ އެތަކެއް ފަހަރު އަންގާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭރުތޮށީގެ މަސައްކަތް ފިޔަވައި ބަނދަރާއި ގުޅޭ އެހެން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ގޮތަށް ކުރިއަށް ގެންދިޔުމަށް ހެވީފޯސް ކުންފުންޏަށް އަންގާފައިވާނެކަމަށް ވެސް ޝަމާހަތު ވިދާޅުވިއެވެ.
ކޮލަމާފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރާ ކަންބޮނޑުވުންތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ހޯދަން މީޑިއާ ކޯޑިނޭޓަރަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވެއެވެ.