ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ކޮންމެ ބޭފުޅަކު ހުންނެވިއަސް އެބޭފުޅެއްގެ ވެރިކަން ދެމިއޮތުމުގައި ސިފައިންގެ ރުހުމާއި ތާއީދަކީ ވަރަށް މުހިއްމު އެއްޗެކެވެ. ޕާކިސްތާނުގައި ޑިމޮކްެރަސީއެއް އޮތަސް ނެތަސް ސިޔާސީގޮތުން އެންމެ ބާރުގަދަ މުއައްސަސާއަކީ ސިފައިންނެވެ. ސިފައިންގެ ތާއީދާއި ނުލައި އެއްވެސް ސަރުކާރަކަށް ވެރިކަމެއް ނުކުރެވެއެވެ. ކުރިއަށްމިދާ އެޕްރީލްމަހުގެ އެގާރަވަނަ ދުވަހު ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝަހުބާޒު ޝަރީފު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވީދު ބަޖުވާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މިއީ އައު ބޮޑުވަޒީރަށް ސިފައިންގެ ރުހުން ނެތުމެއް ކަމަށް މާނަކުރެވިދާނެ ކަމެކެވެ. މިކަމާ ގުޅިގެން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކިގޮތްގޮތަށް ވަރަށް ގިނަ ވާހަކަތައް ވަނީ ދެކެވިފައެވެ.

ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީފަހުން އެޕްރީލް 19 ވަނަ ދުވަހު ޖެނެރަލް ބަޖުވާ ވަނީ ބޮޑުވަޒީރާ ބައްދަލުކުރައްވައިފައެވެ. މިއީ މުޅި ޕާކިސްތާނުވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ބައްދަލު ކުރެއްވުމެކެވެ. މިބައްދަލު ކުރެއްވުމަށްފަހު ބޮޑުވަޒީރުގެ އޮފީހުންވެސް އަދި ސިފައިންގެ ފަރާތުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އައު ބޮޑުވަޒީރަށް ސިފައިންގެ ރުހުން ނެތްކަމަށް ދެކެވޭ ވާހަކަތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. ސިފައިންގެ ފަރާތުން ބުނެފައިވަނީ އައު ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސިފައިންގެ އެންމެ އިސްވެރިޔާއަށް ބައިވެރިވެވަޑައި ނުގެންނެވުނީ އާލާސްކަންފުޅެއްގެ ސަބަބުން ކަމަށާއި އެކަން ނިމުމާއެކު ބޮޑުވަޒީރުގެ އަރިހަށް ވަޑައިގެންފިކަމުގައެވެ.

ޝަހުބާޒަށް ސިފައިންގެ ރުހުން އޮތްތޯ ނެތްތޯ ބެލުމުގެ ޝައުގުވެރިކަން އެހާ ބޮޑުވުމުގެ ސިއްރަކީ ޝަހުބާޒުގެ ބޭބޭފުޅު ނަވާޒް ޝަރީފަށް ވެރިކަން ގެއްލުމުގައި ކޮންމެ ފަހަރަކުވެސް ސިފައިންގެ ދައުރެއް އޮތުމާއި ނަވާޒް ޝަރީފަކީ ސިފައިންގެ ރުހުން އޮންނަ ބޭފުޅެއް ނޫންކަން އެންމެނަށްވެސް އެނގިފައި އޮތުމުންނެވެ. ޕާކިސްތާނުގެ މިނިވަންކަމަށް 75 އަހަރު ވެފައިވާއިރު އޭގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ސިފައިންގެ ވެރިކަމެވެ. ސިފައިންގެ ތެރެއިން އެންމެފަހުން ވެރިކަމެއް ކުރެއްވީ ޖެނެރަލް ޕަރުވޭޒް މުޝައްރަފެވެ. މުޝައްރަފުގެ ވެރިކަމަކީ ނަވާޒް ޝަރީފުގެ ވެރިކަން އިންގިލާބު ކުރެއްވުމަށްފަހު ކުރެއްވި ވެރިކަމެކެވެ. ޖެނެރަލް މުޝައްރަފުގެ ކުރިންވެސް ސިފައިންގެ ތިން ޖެނެރެލަކު ވެރިކަން ކުރެއްވިއެވެ. ޖެނެރަލް ޒިޔާއުލް ހައްގަކީވެސް އޭގެތެރެއިން ބޭފުޅެކެވެ.

ދާދިފަހަކުން ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާނަށްވެސް ވެރިކަން ގެއްލުމުގެ ހަގީގީ ސިއްރަކީ ސިފައިންގެ ތާއީދު ގެއްލުމެވެ. ކުރިން އިމްރާނަށްވެސް އެތާއީދު އޮތެވެ. މަންޒަރު ބަދަލުވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔަކަށް ސިފައިން ހަމަޖެއްސި ލެފްޓިނަންޓް ޖެނެރަލް ނަދީމް އަހުމަދު އަންޖުމް ބަލައިގަތުމަށް ބޮޑުވަޒީރު އިމްރާން ދެކޮޅު ހެއްދެވުމުންނެވެ. ފަހުން އެ ނިންމުން ބަދަލުކުރެެއްވިއަސް ސިފައިންނާއި އިމްރާނުގެ ގުޅުން އޮތީ މަރާމާތު ނުކުރެވޭ މިންވަރަށް ގޯސްވެ ހީނަރުވެފައެވެ. ވެރިކަމުގެ އެންމެ ފަހު ދެދުވަހުގެ ތެރޭގައި ސިފައިންގެ ވެރިކަމުން ޖެނެރަލް ގަމަރު ޖާވީދު ބަޖުވާ ދުރުކުރެއްވުމަށްވެސް އިމްރާން މަސައްކަތް ކުރެއްވިއެވެ. އެކަން ކާމިޔާބުނުވީ ދުރާލައި އެ މައުލޫމާތު ޖާސޫސީ އިދާރާއަށް ލިބި، ސިފައިން އެކަމާ ދެކޮޅުހަދައި އިމްރާނަށް އިންޒާރު ދިނުމުންނެވެ.

ޕާކިސްތާނުގެ ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ބޭފުޅަކީ ޖެނެރަލް އައްޔޫބު ޚާނެވެ. އެއީ ޕާކިސްތާނު އުފެދުނުތާ އެގާރަ އަހަރު ފަހުން 1958 ގައެވެ. އެންމެ ފުރަތަމަ ވެރިކަން ކުރެއްވީ ބޮޑުވަޒީރު ފީރޯޒް ޚާން ދުރުކުރައްވައި ޗީފް މާޝަލް ލޯ އެޑްމިނިސްޓްރޭޓަރުގެ ގޮތުގައެވެ. ކުޑަދުވަސްކޮޅެއްފަހުން ސީދާ ރައީސްގެ ގޮތުގައެވެ. ސިފައިންގެ ދެވަނަ އިންގިލާބު ފެނިގެންދިޔައީ 1969 ގައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތީ ޖެނެރަލް ޔަހުޔާ ޚާނެވެ. ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫގެ ވެރިކަން ނިމުމަކަށް ގެންނަވައި ސިފައިންގެ ތިންވަނަ އިންގިލާބުގައި 1977ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޖެނެރަލް ޒިޔާއުލް ހައްގެވެ. އޭގެފަހުން 1999 ވަނަ އަހަރު ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލައްވައި ޖެހެރަލް ޕަރުވޭޒް މުޝައްރަފެވެ.

މުޅިއެކު 227 މިލިޔަން މީހުންގެ އާބާދީޔަކާއެކު ޕާކިސްތާނަކީ ދުނިޔޭގެ އެންމެ އާބާދީބޮޑު ފަސްވަނަ ނުވަތަ ހަވަނަ ގައުމެވެ. ޕާކިސްތާނު އުފަންވީ 14 އޮގަސްޓް 1947 ގައެވެ. އިންޑިޔާ ދެބައިވެ ޕާކިސްތާނު އުފަންވުމާއެކު އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ސަރަހައްދީ އިމުގެ މައްސަލަ ފެންމަތިވެ ހަނގުރާމައިގެ ބަނަވިލާތައް އަބަދުވެސް އޮންނަނީ ބޯމަތީގައި ފެތުރިފައެވެ. އިންޑިޔާއާއެކު މިހާތަނަށް ބޮޑު ތިން ހަގުރާމައެއް ވަނީ ކޮށްފައެވެ. އެހެންވީމާ ޕާކިސްތާނުގައި ސިފައިންގެ ބާރާއި ނުފޫޒު ގަދައީއެވެ. ސިފައިންގެ ރުހުމާއިނުލައި އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ކުރެވޭނޭ މާހައުލެއް ނޯންނަނީއެވެ. ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ބޮޑުވަޒީރުންނަށްވެސް ސިފައިންގެ މައްޗަށް ބާރުފޯރުވައި ކޮންޓްރޯލްކުރެވޭނޭ ގޮތެއް ނޯންނަނީއެވެ.