ދުނިޔެ

ޑުބާއީގެ ސަރުކާރުން ހުއްޓާލާށޭ އަންގަންދެން އެމިރޭޓްސްއިން ރަޝިޔާއަށް ދަތުރުކުރާނެ

އެމިރޭޓްސް އެއަރލައިނުން ރަޝިޔާއަށް ކުރާ ދަތުރުތައް އެއަރލައިނުގެ ވެރިފަރާތުން ހުއްޓާލާށޭ އަންގަންދެން ކުރިއަށް ގެންދާނޭ ކަމަށް އެމިރޭޓްސް އެއަރލައިނުގެ މެނޭޖްމަންޓުން ބުނެފިއެވެ. އެމިރޭޓްސް އެއަރލައިނުގެ ވެރިފަރާތަކީ ދުބާއީ ސަރުކާރެވެ.

އެމިރޭޓްސް އެއަރލައިނުޕގެ ޕްރެޒިޑެންޓް ސާރ ޓިމް ކްލާކް ބީބީސީއަށް ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވީ ދުނިޔޭގެ ގިނަބަޔަކު އަދި ކޮންމެ ޕްރެޝަރެއް ޖެއްސިޔަސް ރަޝިޔާއަށް އެ އެއަރލައިނުން ކުރާ ދަތުރުތައް ހުއްޓާނުލާނެ ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ ދުބާއީގެ ސަރުކާރުން ކަމުގައެވެ.

ޔުކްރޭނުގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅުތަކާހެދި ދުނިޔޭގެ ބޮޑެތި ގިނަ އެއަރލައިންތަކުން ވަނީ ރަޝިޔާއަށް ދަތުރުކުރުން ހުއްޓާލާފައެވެ. އެމިރޭޓްސްއަކީ ހުއްޓާނުލައި ދަތުރުތައް ކުރިއަށް ގެންދާ އެފެންވަރުގެ ހަމައެކަނި އެއަރލައިނެވެ. އެމިރޭޓްސް އިން ރަޝިޔާގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ މޮސްކޯ އާއި ސެންޓް ޕީޓާރސްބާގަށް ދަތުރުކުރެއެވެ.

ރަޝިޔާއަށް ޕެސިންޖަރުން އުފުލުމުގެ އިތުރަށް ކާނާޔާއި ބޭސް ހިމެނޭގޮތުން ކާގޯގެ ވަރަށް މަތީ މިންވަރެއްވެސް އެމިރޭޓްސް އިން އުފުލައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ބޭހާއި ކާނާ ގެންދިޔުން މަނަލެއް ނޫނެވެ. އެމިރޭޓްސް އެއަރލައިނުގެ ޕްރެޒިޑެންޓް ވިދާޅުވީ ރަޝިޔާގައި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް އެބަތިބިކަމަށާއި ރަޝިޔާގެ ގިނަ ރައްޔިތުންނަކީ ހަނގުރާމައިގެ ބައިވެރިން ނޫންކަމަށެވެ. އެހެންވީމާ ޔުކްރޭނުގައި އަދި ހަނގުރާމައެއް ހިނގިޔަސް ރަޝިޔާގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި އުފުލުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.