ފީޗާރޑް

ކެޕްޓަން އަރްޒާ: ޑޮކްޓަރުކަމުގެ ހުވަފެނުން ޕައިލެޓުކަމަށް! ޖައްވުތެރޭގައި އުދުހިލެވޭ ކޮންމެ ހިނދުކޮޅެއްވެސް ތަފާތު

މުހައްމަދު ޖަމްޝަތް ވަހީދު

1

ކެޕްޓަން އައިޝަތު އަރްޒާ އަބްދުﷲ އަކީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް 8 ގެ ކެޕްޓަނެކެވެ. އުމުރުން އެންމެ 25 އަހަރުގައި ކިޔެވުން ފުރިހަމަ ކޮށް ކެޕްޓަން ކަމުގެ ސެޓްފިކެޓް ހާސިލުކުރި އަރްޒާ އަކީ މޯލްޑިވިއަންގައި މިވަގުތު ތިބި އަންހެން ތިން ކެޕްޓަނުންގެ ތެރެއިން އެއް ކެޕްޓަނެވެ.

ސްކޫލު ދައުރުން ފެށިގެންވެސް އަރްޒާ ނިންމާފައި އޮތީ ޑޮކްޓަރަކަށް ވާށެވެ. ޒަމާންތަކެއް ވާންދެން ދެކެމުން އައި ހުވަފެން ބަދަލުކޮށް ޕައިލެޓަކަށް ވުމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނު ގޮތުގެ ވާހަކަ އަރްޒާ ވަނީ 'ވަން' އަށް ކިޔައިދީފައެވެ.

އަރްޒާ ކިޔައިދިން ގޮތުގައި އޭނާ އޭލެވެލް ކިޔަވައި ނިންމައިލި އިރުވެސް ދެކެމުން އައި ހުވަފެނަކީ ޑޮކްޓަރަކަށް ވުމެވެ. އޭލެވެލް ނިމުނު އިރު އަރްޒާގެ އާއިލާއިންވެސް ދިޔައީ އޭނާ އެމްބީބީއެސް ކިޔަވަން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ތައްޔަރީތައް ކުރަމުންނެވެ. ސްކޫލް ނިމި، އެމްބީބީއެސް ކިޔަވަން ދިއުމާ ހަމަޔަށް ލިބުނު ހުސް ދުވަސްކޮޅުގައި އަރްޒާ އުޅުނީ ފްލައިމީގެ ގްރައުންޑް ސްޓާފަކަށެވެ. 2013 ވަނަ އަހަރު އެ އެއާލައިންގެ ގްރައުންޑް ސްޓާފްއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުން އެއީ ޕައިލެޓް ކަމުގެ ކެރިއަރާ ދިމާއަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް އަރްޒާ ބުންޏެވެ.

"އޭލެވެލް އަށް ފަހު އަޅުގަނޑު ޖޮއިން ކުރީ އެއާލައިނެއްގެ ގްރައުންޑް ސްޓާފަކަށް. ދެން އެކޮޅުން ފެނުނު ޕައިލެޓުންނަށް އޮންނަ ރެސްޕެކްޓާ އެމީހުންގެ ޝަޚްސިއްޔަތު ފެނުނީމަ ދެން ހަމަ ބޭނުންވީ މި ކެރިއާއިން ކުރިއަށްދާން."

އަރްޒާ ކިޔައިދިންގޮތުގައި ޕައިލެޓަކަށް ވުމަކީ ކުޑައިރުވެސް އޭނާ ޝައުގުވެރިވި ކަމެކެވެ. ނަމަވެސް އެ ދާއިރާއިން ކިޔަވައިގެން ކުރިއަށްދިއުމަކީ އޭރު ވިސްނި ކަމެއް ނޫނެވެ. އެއީ ރާއްޖޭގައި އަންހެން ކުދިން ޕައިލެޓިންގެ ދާއިރާއިން ފެނުމާ ދޭތެރޭ، އެއިރު މީހުން ދެކެމުން އައި ގޮތްތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއާލައިން އިންޑަސްޓްރީއަށް ވަދެވި، ޕައިލެޓުންނަށް ލިބޭ އިހުތިރާމާއި ގަދަރު އަދި އެމީހުންގެ ހިދުމަތް ފެނި، އޭނާވެސް ޕައިލެޓަކަށް ވުމުގެ އަޒުމް ކަނޑައެޅީއެވެ.

"އަސްލު ކުޑައިރުއްސުރެ އަބަދުވެސް އިންޓްރެސްޓް ހުރޭ ޕައިލެޓަކަށް ވާން. އެކަމަކުވެސް ރާއްޖޭގަ އަންހެން ކުއްޖަކު ޕައިލެޓަކަށް ވުމުގެ ސްޓިގްމާއެއް އިނދޭ ދެއްތޯ! އެ ސްޓިގްމާއާ ހެދި އެހާ ބޮޑަކަށް ހިޔާލެއް ނުކުރަން މި ކެރިއާއިން ކުރިއަށްދާކަށް"

މިހާރު އުމުރުން 27 އަހަރުގެ އަރްޒާ ޕައިލެޓުކަން ކިޔެވުން ނިންމާލައި ގައުމީ އެއާލައިނާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އަދި 2019 ވަނަ އަހަރު އޭނާ ވަނީ ސާޓިފައިޑް ކެޕްޓަނަކަށް ވެފައެވެ. އޭނާ މޯލްޑިވިއަންގައި ހިދުމަތް ކުރަމުން އަންނަތާ މިހާރު ހަ އަހަރު ވެފައިވާއިރު ޕައިލެޓް ކަމަކީ އޭނާ ވަރަށް ކުރާހިތުން ކުރާ ކަމެއް ކަމަށް އަރްޒާ ބުންޏެވެ. އަދި ޖައްވު ތެރޭގައި އުދުހިލަން ލިބޭ ކޮންމެ ދުވަހަކީ އަބަދުވެސް ހާއްސަ ދުވަހެއް ކަމަށް އޭނާ ބުންނެވެ.

"އެވްރީޑޭ އިޒް އަ ޑިފަރެންޓް ޑޭ. ޑިފަރެންޓް އޮފީސް އެންވަޔަރްމަންޓެއް. ޑިފަރެންޓް ވެދާ އޮވެދާނެ. ރީތިވެދާނެ. ސޯ އެވްރީޑޭ އިޒް ސްޕެޝަލް ފޮ މީ. ވަރަށް ކުރާހިތުން ކުރާ ކަމެއް. އެވްރީޑޭ އިޒް އަ ގުޑް ޑޭ ފޮ މީ." އަރްޒާ ބުންޏެވެ.

އަރްޒާ ކިޔައިދިން ގޮތުގައި ޕައިލެޓް ކަމުގެ ކެރިއަރުގައި އޭނާ އެންމެ އުފާވި ދުވަހަކީ ކެޕްޓަނަކަށް ވި ދުވަހެވެ. ޕައިލެޓަކަށް ވާން އަރްޒާ ނިންމި ނިންމުމަށް އޭނާގެ މަންމަ އާއި ބައްޕަ މަރުހަބާކިޔައި ދިން އެއްބާރުލުމަކީ އޭނާ އަބަދުވެސް ޝުކުރުވެރިވާ ކަމެއް ކަމަށް އަރްޒާ ބުންޏެވެ. އަދި ގައުމީ އެއާލައިންގައި މަސައްކަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށާއި ނިމިގެން ދިޔަ ޕެންޑަމިކް ތެރޭގައިވެސް މޯލްޑިވިއަން އިން ޕައިލެޓުންނަށް ދިން އަހައްމިއްޔަތުކަމަށް އޭނާ ފަށްފަށުން ޝުކުރުވެރިވެ އެވެ.