ޚަބަރު

ރަޝިއާގެ ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް އަންނަ މަހު 13ގައި އަލުން ފަށަނީ

ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ސީދާ ދަތުރުތައް އަންނަ މަހު 13 އިން ފެށިގެން ރާއްޖެއަށް އަލުން ފަށަން ނިންމައިިފިއެވެ.

ރަޝިއާއިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެއިރޯފްލޮޓްގެ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑައިލައިފައި އޮތުމަށްފަހު، އަންނަ މަހުން ފެށިގެން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން އެ އެއާލައިނުން ވަނީ ނިންމައިފައެވެ. އަދި އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ވިއްކަންވެސް މިހާރު ވަނީ ފަށައިފައެވެ.

ރަޝިޔާ ޔޫކްރޭންގެ ހަނގުރާމަ އާއި ގުޅިގެން ރަޝިޔާއަށް ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެއިރޯފްލޮޓްގެ ދަތުރުތައް މުޅި ދުނިޔެއަށް ވަނީ ހުއްޓައިލައިފައެވެ. ނަމަވެސް އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ބޭނުންވާތީ ރާއްޖެ ސަރުކާރަށް ސިޓީއަކުން އެކަން ހުށަހެޅުމުން ސަރުކާރުން ވަނީ ދަތުރުތައް އަލުން ފެށުމަށް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މީގެ ކުރިން ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ އެއްވެސް ގައުމެއްގެ އެއާލައިނަކަށް ރާއްޖެ އައުމަށް ހުރަހެއް ނެތް ކަމަށާއި ރާއްޖެއިން ހުރިހާ ގައުމެއްގެ ފަތުރުވެރިންނަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއިރޯފްލޮޓްގެ ދަތުރުތައް ވީހާވެސް އަވަހަކަށް ރާއްޖެއަށް ފެށުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

އެއިރޯފްލޮޓް އިން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 13އިން ފެށިގެން އެ އެއާލައިންގެ ސީދާ ޝެޑިއުލް ދަތުރުތައް މޮސްކޯ އާއި ރާއްޖެއާ ދެމެދު ބޭއްވުމަށެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ އެއާބަސް މަރުކާގެ އޭ-330 ބޯޓުތަކުގަ އެވެ. އަދި އަންނަ މަހުގެ 13ގެ ކުރިން ރާއްޖެ އައުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުން ރާއްޖެއަށް ދަތުރު ކުރާނީ ކޮލަމްބޯ މަގުން ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކުގައި އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ރަޝިއާގެ ގައުމީ އެއާލައިން، އެރޮފްލޯޓުން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލީ މިދިޔަ މަހުގެ 6 ގައެވެ. އެރޮފްލޯޓް ގެ ދަތުރުތައް މެދުކަނޑައިލުމުގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މުޅި ދުނިޔެއަށް ވަގުތީގޮތުން ހުއްޓާލީ އެގައުމުން ޔޫކްރޭނަށް ހަމަލާ ދިނުމުގެ ސަބަބުން، ދުނިޔޭގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ގައުމީ އެއާލައިނުން ކުއްޔަށް ނަގާފައިވާ އެހެން ކުންފުނިތަކުގެ ބޯޓުތައް ދޫކޮށްލަން ޖެހުމުންނެވެ.