ފުވައްމުލަކު ސިޓީގައި މަޑުޖެހިފައިހުރި ޕީއެސްއައިޕީ މަޝްރޫއުތައް އަވަހަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްއާ މަޝްވަރާ ކުރައްވައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއެކު ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު ބޭއްވި ބައްދަލުވުމުގައި އެ ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
އެގޮތުން، އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަށް މިހާރަށް އެންމެ ބޭނުން ހިފޭނެ ސަރަހައްދުތަކަށް އިސްކަންދިނުމާއި އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތަކާ ގުޅޭ މަޝްވަރާތައް ވަނީ ކޮށްފައެވެ.
ފުވައްމުލަކު ސިޓީގެ ސްކޫލާއި ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަޝްވަރާކޮށްފައިވާއިރު، އެ ސިޓީގައި މަޑުޖެހިފައިހުރި ޕީއެސްއައިޕީ މަޝްރޫއުތައް އަވަސް ފުރުސަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ވަޒީފާގެ ފުރުސަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުސަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި މީހުންނާއި ދިރިއުޅުމުގެ ހާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު