ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ފިޒިޝަނެއްގެ މަގާމުން ވަކިކުރި ށ. ބިލެތްފަހި، ދިލްބަހާރުގެ، އަލީ ޝަރީފް، އެ މަގާމަށް ރުޖޫއަ ކުރުމަށް ނުވަތަ އެއާ އެއް ފެންވަރެއްގެ މަގާމަކަށް އޭނާ އަނބުރާ ރުޖޫއަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ފިޒިޝަނެއްގެ މަގާމު، ފަހެއް ޖޫން 2018 އިން ފެށިގެން އަދާކުރަމުން ދަނިކޮށް، 25 ސެޕްޓެމްބަރު 2021 ގައި އަލީ ޝަރީފް އެމަގާމުން ވަކި ކޮށްފައިވާ މައްސަލައެކެވެ.
އަލީ ޝަރީފްގެ ފަރާތުން މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ އޭނާ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީން ދީފައިވާ މުއްދަތު ހަމަވެފައިވާތީ އެ މުއްދަތު އިތުރު ކޮށްދިނުމަށް އެދުމުން، މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އަންގާފައިވާތީއެވެ. އަދި އެއްވެސް އިންޒާރެއް އަދި ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި، ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަލުން އަނބުރާ އިއާދަކުރުމާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ އޭނާއަށް ދިނުމަށާއި ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000 ރުފިޔާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދިއެވެ.
ޓްރައިބިއުނަލުން މި މައްސަލަ ބެއްލެވި، މަރިޔަމް ރިޝްފާގެ ރައުޔުގައި ވަނީ އަލީ ޝަރީފް ވަޒީފާއިން ވަކިކުރީ، ހުޅުމާލެ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރުމަށް ހެލްތު މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އެ މިނިސްޓްރީން އަންގާފައިވާތީ ކަމަށާއި އެގޮތަށް ވަކި ތަނެއްގައި މަސައްކަތްކުރުމަށް ހުއްދަދެވެން ނެތްކަމަށް މިނިސްޓްރީއަކުން އެންގުމަކީ އޭގެ ޒާތުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރަންޖެހޭ ގާނޫނީ ސަބަބެއްކަމުގައި ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.
ވަކިތަނެއްގައި ވަޒީފާ އަދާކުރުމަކީ މަޖުބޫރު ކަމެއްކަމުގައި ބެލެވޭނެ ގާނޫނީ ހުއްޖަތެއްވެސް ނެތް ހިނދު، ހެލްތު މިނިސްޓްރީއަކީ ވަކިވަކި ޑޮކްޓަރުން ވަކި ތަނެއްގައި މަސައްކަތްކުރުމަށް ކަނޑައެޅުމުގެ ގާނޫނީ ބާރުވެރިކަން ލިބިދީފައިވާ މުއައްސަސާއެއް ނޫން ކަމަށާއި އެފަދަ ސަބަބެއް ދައްކައި މައްސަލަ ހުށަހެޅި އަލީ ޝަރީފް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އަލީ ޝަރީފް އަދާކުރަމުންދިޔަ މަގާމަށް ނުވަތަ އެ މަގާމާ އެއް ފެންވަރުގެ މަގާމަކަށް އޭނާ އަނބުރާ ރުޖޫއަ ކުރުމަށާއި އަލީ ޝަރީފަކީ އެއްވެސް ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް ރިޝްފާގެ ރައުޔުގައިވެއެވެ.
އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ ވަޒީފާއިން ވަކިކުރި އިރު، އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް ކަނޑައަޅައި އެކަންތައްތައް 30 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަން ހަމަޖެހޭތާ ތިންދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް ދިވެހި ދައުލަތް (ހުޅުމާލެ ހޮސްޕިޓަލް) އަށް ޓްރައި ބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު