ދީން

ޤުރްއާނާއި ތަޤްވާއާއި ރޯދައިގެ ގުޅުން

އަބްދުﷲ ފާރޫގް ހަސަން

މާތްވެގެންވާ ޤުރްއާން އިންސާނާގެ ކިބައިގައި އުފައްދަން ބޭނުންވާ މަތިވެރި އާރާއި ބާރާއި ޤާބިލިއްޔަތުގެ މަންބަޢަކީ ތަޤްވާއެވެ. އަރަހުށި މާތް اللّــه އެކަލާނގެ ފޮތުގެ ފަށްޓަވައިގެންނެވުމުގައިވަނީ އެކަން ބަޔާންކުރައްވައިފައެވެ. އެމާތް ފޮތުން ތެދުމަގުފެނި އެމަގަށް ތިމާގެ މިސުރާބު ސީދާކުރެވި ކުރިޔަށް ހިނގައިގަނެވޭނީ ތަޤްވާވެރީންނަށެވެ. ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. "މިއީ އެފޮތް ކަމާމެދަކު ޝައްކެއްނެތެވެ. (މިފޮތަކީ) ތަޤްވާވެރީންނަށްހުރި ހިދާޔަތެކެވެ." (الـبــقـــرة: 2) އަނެއްކޮޅުން ރޯދައިގެ މަޤްޞަދު ނުވަތަ ރޯދައިން ޙާޞިލުކުރެވޭނެ މޭވާގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ "ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." (الـبــقـــرة: 183) މިފަދައިންނެވެ.

މިމާތް ދެއާޔަތް ގުޅައިލައްވައިގެން ވިދާޅުވެލައްވާށެވެ. ރޯދައާއި الــقـــرآن الـكـــريـم އާ ދެމެދުގައިހުރި ވަރުގަދަ ފުން ގުޅުން ތިބާއަށް އެނގިވަޑައިގެންފާނެއެވެ. ކީރިތި ޤުރްއާނުގެ އަހަރީ މައްސަރު ރޯދަހިފުމަށް ޚާއްޞަކުރައްވައިފައިވާ ސިއްރު އެނގިވަޑައިގެންފާނެއެވެ. ރޯދައިގެ ޒަރީޢާއިން ތަޤްވާވެރިކަން ލިބިގަތުމަށް މަސައްކަތްކުރާންވީ އެންމެ ޚާއްޞަ މޫސުމަކީ ބަރަކާތްތެރި ރަމަޟާންމަސްކަންވެސް އެނގިވަޑައިގެންފާނެއެވެ. ޤުރްއާނުގެ ޙަޤީޤަތަށް ވާޞިލުވާން އެންމެ ފަސޭހަފުޅުވާނީ ރަމަޟާންމަހުގައިކަންވެސް އެނގިވަޑައިގެންފާނެއެވެ. ޤުރްއާނުގެ އަމާނަތުގެ ބަރު އުފުއްލެވުމުގެ އެކަށޭނަކަން ލިބިވަޑައިގަންނަވާނީ އޭރުންކަންވެސް ވިސްނިވަޑައިގެންފާނެއެވެ.

ތަޤްވާއަކީ ކޮބައިތޯއެވެ؟

ތަޤްވާއަކީ ވަރަށް މަތިވެރި އަދި އެހައިމެ އަގުހުރި ސިފައެކެވެ. الــقـــرآن الـكـــريـم އެފޮތަށް އީމާންވާ މީހުންގެ ކިބައިގައި އަށަގަންނުވާންއެދޭ ހުރިހައި ފުރިހަމަ ސިފަތަކެއްގެ މަޖްމޫޢާއަކީ ތަޤްވާއެވެ. އަރަހުށި މާތް اللّــه ވަނީ ތަޤްވާގެ ސިފަލިބިގެންވާ މީހުންނަށް ހުރިހާ ހެވަކާއި މަންފާއެއް ދެއްވާނެކަމަށް ޖާމިނުވެވޮޑިގެންފައެވެ. ދުނިޔެއާއި އާޚިރަތުގައެވެ. ތަޤްވާއަކީ ހުރިހައި އުނދަގުލަކާއި ތުރާލަކާއި މުޞީބާތްތަކެއްގެ ތެރެއިން ނުކުމެވުމުގެ މައިދޮރެވެ. އެދޮރުގެ މައިތަޅުދަނޑިއެވެ. ތަޤްވާއަކީ ރިޒުޤުގެ ހުރިހައި ދޮރުތަކެއް ތަންމިނަށް ހުޅުވި ފަސޭހަވުމުގެ ސިއްރެވެ. ތަޤްވާއަކީ ދުނިޔެއާއި އާޚިރަތުގެ ހުރިހައި ކަމެއް ފަސޭހަވުމުގެ ސަބަބެވެ. އަރަހުށި މާތް اللّــه ތަޤްވާވެރިޔާ ހުރިހާ ނުބައިކަމަކުން ސަލާމަތްކުރައްވައެވެ. މަތިވެރި ދަރުމަތައް ހިބަކޮށްދެއްވުމުގައި ދީލަތިވަންތަވެ ވޮޑިގަންނަވައެވެ. ތަޤްވާވެރީންނަކީ ސުވަރުގޭގެ ބަޝާރަތު ލިބިގެންވާ މީހުންނެވެ. ކޮންކަހަލަ ސުވަރުގެއެއްތޯއެވެ. އެސުވަރުގޭގެ ތަނަވަސްކަން އުޑުތަކާއި ބިމާ ދެމެދުގެ ތަނަވަސްކަމަށްވުރެވެސް މާދިގުވެފައި މާފުޅާކަން ބޮޑު ސުވަރުގެއެވެ. ތަޤްވާވެރީންނަށްވަނީ މަޣުފިރަތުގެ ވަޢުދު ކުރައްވައިފައެވެ. ސުވަރުގެއާދިމާޔަށް ދެވޭނީ އެބަޔަކާމެދު މަޣުފިރަތުގެ ވަޢުދުވެވިގެންވާ ނަސީބުވެރީންނަށެވެ. ސުވަރުގޭގެ ވާރިސުންކަމުގައި ވެވޭނީ އެމީހުންނަށެވެ. އުޑުތަކާއި ބިމުގައިވާހައި ބަރަކާތެއްގެ ތުންހުޅުވައިލެވޭނީ އެމީހުނަށްޓަކައެވެ. އާދެ އެއީ އީމާނާއި ތަޤްވާގެ ރީތި ގަހަނާއިން ޒީނަތްތެރިވެގެންވާ މީހުންނެވެ. އަރަހުށި މާތް اللّــه ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ރަށްތަކުގެ އަހްލުވެރީން އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި ބިމުން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ." (الأعـــــراف: 96)

ތަޤްވާއަކީ ކޮންއެއްޗެއްތޯއެވެ؟ ކުރުކޮށް ޚުލާޞާކޮށްލައިފައި ދަންނަވާނަމަ ތަޤްވާއަކީ އަޅުގަނޑުމެން ނުރަނގަޅުކަމުގައި ދެކޭކަންކަމާ ކައިރިޔަށްނުގޮސް ހުއްޓުމަށް އެހީވެދޭ ބާރެވެ. އަޅުގަނޑުމެން ރަނގަޅުކަމުގައި ޤަބޫލުކުރާ ކަންކަމުގައި މަޝްޣޫލުކުރުވައި ސާބިތުކޮށްދޭ ސިއްރެވެ. ހިތާއި ރޫޙާއި، ޝުޢޫރާއި، ދަނެގަތުމާއި ގަސްދާއި ޢަޒުމާއި، ކަންކަމުގެ އިންތިޒާމުތަކާއި ގަވާއިދާއި ޢަމަލާއި ޝަޚްޞިއްޔަތުގެ ބާރުގައެވެ. ތަޤްވާގެ ބަހަވީ މާނައަކީ ސަލާމަތްވެގަތުމެވެ. ރައްކައުތެރިވެގަތުމެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް މިހުށަހަޅައިލީ ތަޤްވާގެ ވަރަށްވެސް އަސާސީ އަދި އިބްތިދާޢީ މަފުހޫމެކެވެ. ގެއްލުންލިބޭ ކަންކަމުންނާއި އުނދަގޫވާ ކަންކަމުން ސަލާމަތްވެގަތުމަކީ އިންސާނީ ފިޠުރަތުގައި ލައްވައިފައިވާ ކަމެކެވެ. ހަމައެފަދައިން މަންފާތައް ލިބިގަތުމަށާއި ފައިދާހޯދަން އެދުމާއި ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގައި ވަދީޢަކުރައްވައިފައިވާ ކަމެކެވެ. މިކަންކަން ނުވާނަމަ އިންސާނުންގެ ދިރިދެމިތިބުންވީހީ ނާމުމްކިން ކަމެއްކަމުގައެވެ. އިންސާނާއަށް ތަރައްޤީވަމުން ކުރިޔަކަށް ނުދެވުނީސްމެއެވެ. އަޅުގަނޑުމެން އަނގުރު އަލިފާނަކު އަތެއް ނުލަމުއެވެ. އަޅުގަނޑުމެންނަށް ބޭއިޚްތިޔާރުގައިވެސް އަތްގެންދެވޭނީ އަލިފާނާ ދުރަށެވެ. އަޅުގަނޑުމެންގެ ތުއްތުކުއްޖަކު ނޭނގިގެންވެސް އަލިފާނާ ކައިރިވެލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންގެ ހައްޓަކު ހެޔެއް ނުހުރެއެވެ. ނުހަނު ކަންބޮޑުވެގެން އެކުއްޖާއާ ދިމާޔަށް އަވަސްވެގަންނަމުއެވެ. އެކުއްޖާ އަލިފާނާ ދުރަށް ގެންދިޔުމަށްޓަކައެވެ. އެކުއްޖާ ސަލާމަތްކުރުމަށްޓަކައެވެ. ކީއްވެގެންތޯއެވެ؟ އަލިފާނުގައި އަތްލައިފިނަމަ އަޅުގަނޑުމެންގެ އަތްފިހޭނެކަން އެނގެއެވެ. ކުޑަކުއްޖަކު އަލިފާނާ ކައިރިވެއްޖެނަމަ ފަހަރެއްގައި އެކުއްޖާގެ ގައިގައި އަލިފާން ރޯވެދާނެކަން އަޅުގަނޑުމެން ޔަޤީންކަމާއެކު ދަންނަމުއެވެ. ފަހަރެއްގައި އެކުއްޖާ މަރުވެސް ވެދާނެއެވެ. މިއީ ދުނިޔެމަތީގެ އަލިފާނާމެދު ވެވޭ ތަޤްވާއެވެ. ދުނިޔެމަތީގެ އަލިފާނުން ލިބޭ ގެއްލުމަކީ އަޅުގަނޑުމެން ތަޖުރިބާކޮށްފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ ލޯމަތީން ފެންނަމުންދާ ކަމެކެވެ. އަލިފާނުން ރައްކައުތެރިވުމުގެ އެދުން އަޅުގަނޑުމެންގެ ހިތްތަކުގައި އެހައިވަރަށް އޮންނަނީ އެހެންވެގެންނެވެ.

އަދި އެހެން އަލިފާނެއްގެ ވާހަކަވެސް ދައްކާންޖެހެއެވެ. އެއަލިފާންގަނޑު އަނދައިގަންނަނީ އީމާނާއި ޢަމަލާއި ވިސްނުމާއި އަޚްލާޤުގައި ހުންނަ ދޭސީކަމުންނެވެ. ނުރަނގަޅު ކަންކަމުގެ ސަބަބުންނެވެ. އެއަލިފާނަށް ވެއްޓުމުން މިދުނިޔެއާއި އަންނާންއޮތް ދުނިޔޭގައި މާތް اللّــه ލައްވައިފައިވާ ހަލާކުގެ އަލިފާންގަނޑަށް ވެއްޓި އެނދުމުގެ އެކަށޭނަކަން އެބައޮތެވެ. الــقـــرآن الـكـــريـم އަޅުގަނޑުމެންނަށް އެޚަބަރު ދެއެވެ. މާތް ޤުރްއާން އަޅުގަނޑުމެންނަށް އިންޒާރުދެނީ އެ އަލިފާނާ ކައިރިނުވުމަށެވެ. ނަސޭހަތްދެނީ އެ އަލިފާނުން ރައްކައުތެރިވުމަށެވެ. ޙައްޤަށް އިންކާރު ކުރުމާއި، ދީނީ އިރްޝާދުތަކާމެދު ނޭއްގާނިވެ ނުކިޔަމަންތެރިވުމާއި އަނިޔާވެރިވުމާއި ދޮގުހެދުމާއި ޙަރާމް މުދާ ކެއުމާއި އަނެކުންގެ ޙައްޤުތައް ފޭރިގަތުމާއި މީހުންނަށް ދުއްޕާންކޮށް އުނދަގޫކުރުމާ މިހިރީ ހައްތާވެސް އަލިފާނެވެ. ދިމާޔަށްހުރި އަނގުރު އަލިފާނެވެ.

މިދެންނެވި އަލިފާން އަޅުގަނޑުމެންގެ ލޯތަކަކަށް ނުފެނެއެވެ. އަޅުގަނޑުމެންނަށް އެ އަލިފާން މާއްދީގޮތުން އަނދާތަނެއް ނުފެނެއެވެ. ތަޖްރިބާކުރެވިފައެއްވެސް ނެތެވެ. އެ އަލިފާނުން އަޅުގަނޑުމެން ފިހިފައެއްވެސް ނެތެވެ. ދުނިޔެމަތީގެ އަލިފާނާމެދު އަޅުގަނޑުމެން ބިރުވެތިވަނީ އެ އަލިފާނުގައި މީހުނާއި މުދާ އަނދައިގެންދާތަން އަޅުގަނޑުމެންގެ ލޮލަށްފެނި ތަޖްރިބާކުރެވިފައި ވާތީއެވެ. އޭގެ ގެއްލުމާއި ހަލާކު އަޅުގަނޑުމެންނަށް ފެނިފައިވާތީއެވެ. ދޮގުހެދުމުން އަޅުގަނޑުމެންގެ ދޫތައް އަލިފާނުން އެންދޭނެކަން އަޅުގަނޑުމެންނަށް ތަޖްރިބާކުރެވިފައި ވާނަމައެވެ. ޙަރާމް މުދާ ކެއުމުން އަލިފާނުން އަޅުގަނޑުމެންގެ ބަނޑު ފުރައިލެވޭނެކަން ކަށަވަރުވެފައި ވާނަމައެވެ. ޙަރާމްކުރައްވައިފައިވާ މަގުމަގުން ހިނގުމުން އަޅުގަނޑުމެންގެ ފޭރާމެއް ކަމުގައްޔާއި ތަންމައްޗެއް ކަމުގައްޔާއި ކެއިންބުއިމެއް ކަމުގައި އަލިފާން ވާނެކަން ޔަޤީންވެފައިވާނަމައެވެ. އެހެންނަމަ އެކަންކަމުން ސަލާމަތްވުމުގައި ކާމިޔާބު ހޯދަން ބޭނުންވާ ޢަޒުމާއި ސާބިތުކަމާއި ބާރު އަޅުގަނޑުމެންގެ ކިބައިގައި އުފެދުނީހެވެ.

އިސްވެދެންނެވި އަލިފާނަށް ބިރުވެތިވުމަކީ މާތް اللّــه އަށް ތަޤްވާވެރިވުމެވެ. އެކަލާނގެ ތައްޔާރުކުރައްވައިފައިވާ ޢަޒާބުގެ އަލިފާނާމެދު ތަޤްވާވެރިވުމެވެ. އެތަޤްވާގެ އެންމެފުރަތަމަ މަންބަޢަކީ ޣައިބަށް އީމާންވުމެވެ. ޤުރްއާނުގެ ހިދާޔަތް ލިބިގަންނަ ތަޤްވާވެރީންނާމެދު ވަޙީކުރައްވައިފައިވަނީ އެބައިމީހުންނަކީ ޣައިބަށް އީމާންވާ މީހުންކަމުގައެވެ. ނަމާދު ޤާއިމުކޮށް މާތް اللّــه ދެއްވާ ރިޒުޤުން ހޭދަކުރާ މީހުންކަމުގައެވެ. (الـبــقـــرة: 3) މިއަދު އަޅުގަނޑުމެން އީމާންކަން ދޭސީކޮށް ކުޑަކޮށްލުމާއި ޢަމަލުގައި ފަރުވާކުޑަކޮށް ކަންނެތްވުމަކީ މާދަމާގެ އަލިފާނެވެ. އަޅުގަނޑުމެންގެ ލޯތަކަށް އެ އަލިފާން ނުފެނުނުކަމުގައި ވިޔަސްވެހެވެ. އަޅުގަނޑުމެންނަށް ތަޤްވާވެރިވެވޭނީ މިކަންކަން ހިތުން ކަށަވަރުކޮށްގެންނެވެ. ޤުރްއާން ދައްކާ ސީދާމަގުން ހިނގަމުންދާން ބޭނުންވާ ހަކަތައާއި ބުންވަރު އަޅުގަނޑުމެންގެ ކިބައިގައި އުފެދޭނީ އެޔަޤީންކަމުންނެވެ. އަޅުގަނޑުމެންގެ އާޚިރަތުގެ މަގުގައި ދަތުރުކުރާން ބޭނުންވާ ދަތުރުމަތީގެ ކޮއްތު އަޅުގަނޑުމެންނަށް ލިބޭނީ އޭރުންނެވެ.

ތަޤްވާގެ މި ޙަޤީޤަތް ކުރިފުޅުމަތީގައި ބާއްވަވައިގެން ވިސްނައިވަޑައިގަންނަވާށެވެ. ތިބާއަށް ވިސްނިވަޑައިގަންނަވާނީ އަޅުގަނޑުމެން އެންމެފުރަތަމަ ކުރާންޖެހޭ ކަމަކީ އަޅުގަނޑުމެން ކަންތައްތަކެއްގެ ރަނގަޅު ނުރަނގަޅު އުނގެނި ދަސްކޮށްގަތުންކަމެވެ. ޙަޔާތުގެ އަގުތަކުގެ ދާއިރާގައެވެ. އަޚްލާޤާއި ޢަމަލުތަކުގެ ދާއިރާގައެވެ. މިކަންކަމުގައި ރަނގަޅު ނުރަނގަޅުކަމާއި ޙައްޤާއި ބާޠިލުގެ މިންގަނޑެއް ޤަބޫލުކުރާންޖެހެއެވެ. އެކަންކަމަށް ފަރުވާތެރިވެ ހިފަހައްޓާންޖެހެއެވެ.

ތެދުފުޅެކެވެ. ބައެއްމީހުންނަކީ ޢަޤީދާއާއި އަޚްލާޤާއި، ހެވާއި ނުބައިގެ މުސްތަޤިއްލު ވުޖޫދެއްވާކަން ޤަބޫލުނުކުރާ މީހުންނެވެ. ހަމަތަކަކާއި މިންގަނޑުތަކެއް ބަލައިނުގަންނަ މީހުންނެވެ. އެފަދަ މީހުން ބުނާގޮތުގައި މިއީ އަސްލެއްނެތް އެއްޗެހިތަކެކެވެ. ޒަމާނާއި ޙާލަތާ ގުޅިގެން ބަދަލުވަމުންދާ އެއްޗެހިތަކެކެވެ. މިއަދު ކުށެއްކަމުގައި ބެލެވޭކަމެއް މާދަމާ ރަނގަޅުކަމަކަށްވެސް ވެދާނެއެވެ. މީހަކު އީމާންތެރިޔަކަށްވިޔަސް ނުވިޔަސް ފަރަގެއްނެތެވެ. މިފަދަ ބަޔަކު ތަޤްވާވެރިވުމަކީ އެކަމެއްގެ ސުވާލު އުފެދޭކަމެއް ނޫނެވެ.

ނަމަވެސް އަޅުގަނޑުމެން އެފަދަ މީހުންގެ ބޯކޮޅު ބަލާކަށެއް ނުޖެހެއެވެ. އަޅުގަނޑުމެންވަނީ މާތް اللّــه سبحـانــه وتـعــالــى އަކީ އަޅުގަނޑުމެންގެ ރައްބުކަމުގައި ޤަބޫލުކޮށްފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކުރިމަތީގައި ރަނގަޅުގޮތަކީވެސް އަދި ޙައްޤަކީވެސް އެކަލާނގެ ޙުކުމްފުޅާ ގުޅިފައިވާ ކަމެކެވެ. އެކަލާނގެ ރުހިވޮޑިގަތުން ލިބޭނީ އެކަލާނގެ އަންގަވައިފައިވާގޮތަށް ކުރިޔަށް ހިނގައިގެންނެވެ. އެކަލާނގެ ރުހިވޮޑިގެންނުވާކަން އަންގަވައިފައިވާ ކަންކަން ކުރުމަކީ އެކަލާނގެ ކޯފާވެވޮޑިގަންނަވާނެ ކަންތައްތަކެވެ. އެކަންކަމުން ރައްކައުތެރިވާން ޖެހެއެވެ.

އަރަހުށި މާތް اللّــه سبحـانــه وتـعــالــى އަކީ އަޅުގަނޑުމެންގެ ރައްބުކަމުގައި ޤަބޫލުކުރުމުން އެނޫން ބައެއް ޙަޤީޤަތްވެސް ޤަބޫލުކުރާންޖެހެއެވެ. އެއީތޯއެވެ؟ ބައެއް ޙަޤީޤަތްތަކަކީ އަޅުގަނޑުމެންނަށް އަތްލައިބެލޭނެ އެއްޗެއްސެއް ނޫންކަމެވެ. ރަހަބެލޭނެ އެއްޗެހިތަކެއް ނޫންކަމެވެ. އެކަންކަންވަނީ އަޅުގަނޑުމެންގެ ހިއްސުތަކުގެ ދާއިރާއިން ބޭރުގައެވެ. ހަށިގަނޑާއި ފުރާނަޔަށްވުރެ މަތީގައެވެ. އެއީ އަޅުގަނޑުމެން މިހާރު ހިތްކިޔާ ކަންކަމަށްވުރެ މާމީރު މާ އަގުހުރި ކަންތައްތަކެކެވެ.

އަޅުގަނޑުމެން ޤަބޫލުކުރާންޖެހެއެވެ. ކަމެއްގެ ރަނގަޅު ނުރަނގަޅާމެދު ޙުކުމެއް ކަނޑައެޅުއްވޭނީ އެކަންކަމުގެ ޙަޤީޤަތް ރަނގަޅަށް ދެނެވޮޑިގަންނަވާ ފަރާތަކަށެވެ. ޙަޤީޤަތުގެ ޢިލްމު ފުރިހަމަޔަށް ލިބިވޮޑިގެންވުމުގެ ސަބަބުން މިހާރު ހިނގަމުންދާ ހުރިހައި ކަމަކާއި ފަހުން ހިނގާނެ ހުރިހައި ކަމެއްގެ ޙަޤީޤަތް އެނގިވޮޑިގެންވާ ފަރާތަކަށެވެ. ހެޔޮނުބައި ވަކިކުރުމުގެ މިންގަނޑަކަށްވާނީ އެމަތިވެރި ފަރާތުގެ ރުހިވޮޑިގަތުމާއި ކޯފާވެވޮޑިގަތުމެވެ.

ތަޤްވާވެރިޔަކަށްވެވޭނީ މިދެންނެވި ޣައިބުގައިވާ ކަންތައްތައް ޤަބޫލުކުރާ މީހަކަށެވެ. އެކަންކަން ޤަބޫލުކުރާ މީހާގެ ކުރިމަތީގައިވަނީ އެންމެ މަގެކެވެ. އެންމެ ގޮތެކެވެ. އެއީ ތިމާގެ ހަށިގަނޑާއި ފުރާނަޔާއި ޒަމީރާއި ހުރިހައި މިލްކިއްޔާތާއި ލޯބިވާ ފަރާތްތަކާ މިހުރިހައި އެއްޗެއްސެއް މާތް اللّــه ގެ ރަސްކަންފުޅާ ޙަވާލުކުރުމެވެ. ތިމާގެ އިށީނުމާއި ތެދުވުމާއި ހެލިފެލިވުމާއި ވިސްނުމާއި ފިކުރު ހިންގުމާއި ވާހަކަދެއްކުމާ މިހުރިހައިކަމެއް އެކަލާނގެ ޙުކުމްފުޅާ އެއްގޮތްކުރުމެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމަށްޓަކައި ވަޤުފުކުރުމެވެ. ޙަޤީޤަތުގައި މިހުރިހައި ކަމަކީވެސް އެކަލާނގެ ދެއްވައިފައިވާ ދީލަތި ދެއްވުންތަކެވެ. އަޅުގަނޑުމެންގެ ލޮލުފިޔަ ޖެހުމާއި ހޭދަކުރާ ވަގުތާއި، މާއްދީ ހުރިހައި ނިޢުމަތްތަކަކާއި މަޢުނަވީ ނިޢުމަތްތަކެއް އެކަލާނގެ މަގުގައި ހޭދަކުރުމެވެ. މާދަމާ އެކަލާނގެ ރަސްކަންފުޅާ ބައްދަލުވާނެކަމުގެ ފިކުރުގައި މުޅި ޙަޔާތު ހޭދަކުރުމެވެ. އަޅުގަނޑުމެންގެ ޙަޤީޤީ ކާމިޔާބީއަކީ އެވަގުތުގެ ކާމިޔާބީއެވެ.

އަރަހުށި މާތް اللّــه سبحـانــه وتـعــالــى އެކަލާނގެ ފޮތް ކީރިތި ޤުރްއާން ފައްޓަވައިގެންނެވުމުގައި ބަޔާންކުރައްވައިފައިވާ ތަޤްވާއަކީ މިއީއެވެ.____ ޣައިބަށް އީމާންވުމެވެ. ހިތާއި ނަފުސުން އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމެވެ. ނަމާދުގެ ސިފައިގައެވެ. އެކަލާނގެ ދެއްވި ތަކެތީން އެކަލާނގެ މަގުގައި ހޭދަކުރުމެވެ. ޙައްޤާއި ބާޠިލު ވަކިކުރާ މިންގަނޑެއްގެގޮތުން އެކަލާނގެ ވަޙީއަށް އީމާންވުމެވެ. އާޚިރަތާމެދު ޔަޤީންކަން ބޭއްވުމެވެ.

اللّــه سبحـانــه وتـعــالــى އަކީ ތިމާގެ ރައްބު ކަމުގައި އިޤްރާރުވުމަށްފަހުވެސް ތިމާގެ ހިތާއި ފުރާނައިގެ ބާރާއި، ތިމާގެ ވަގުތާއި މުދާ އެކަލާނގެ ރުހިވޮޑިގެންނުވާ ގޮތްގޮތަށް ހޭދަކުރާ މީހާއަކީ ތަޤްވާއިން މަޙްރޫމުވެފައިވާ މީހެކެވެ. އެކަލާނގެ ކޯފާގެ އަލިފާން ރޯކުރެއްވުމަށް ދަޢުވަތުދޭ މީހެކެވެ. ތަޤްވާއަކީ ހުސްއެކަނި ބޭރުފުށުގެ ރަސްމުތަކަކަށް ތަބާވުމަށްކިޔާ ނަމެއްނޫނެވެ. ތަޤްވާއަކީ ތިމާގެ އެތެރެފުށުގެ ބާރާއި ޔަޤީންކަމަށް ކިޔާނަމެކެވެ. އެހެންކަމުން ކައުސާހިބާ صلّــى اللّــه عليـه وسلّـم އެއްފަހަރަކު އެމާތް ސާހިބާގެ ބަރަކާތްތެރި ހިތްޕުޅަށް އިޝާރަތްކުރައްވައިފައި ޙަދީޘުކުރެއްވިއެވެ. "ތަޤްވާވަނީ މިތާނގައެވެ." (މުސްލިމު، أبـــو هـــــريــــــــرة)