ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ހާއްސަ ދިރާސާތަކެއް ހަދައި, މުރަކަތައް އެހެން ތަނަކަށް ބަދަލުކުރަނީ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް އިން ބުނެފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް 27 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ.

ވެން އޫޑްއިން ނެރުނު ބަޔާނެއްގައި ބުނީ, އެ މަޝްރޫއުގެ ދަށުން ހިތަދޫ އާއި މަރަދޫ/ މަރަދޫފޭދޫގެ ބިމާއި ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން ތިން ރަށް ހިއްކާނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ އެޗްއޭއެމް 318 އިން ކަމަށެވެ. އަދި އެ ޑްރެޖަރު ބޭނުން ކޮށްގެން އައްޑޫ ފަޅުތެރޭގެ ދެ ތަނަކުން ވެލި ނަގާނެ ކަމަށް ބުންޏެވެ.

ވެން އޫޑް އިން ބުނީ, އައްޑޫއަކީ މުއްސަނދި މާހައުލީ ނިޒާމެއް އޮތް އަތޮޅެއްކަމުން ތިމާވެށި ރައްކާތެރިކުރުމަކީ އެ މަޝްރޫއުގެ ހުރިހާ ކަމެއްގައި އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. އެގޮތުން އެހެން މަޝްރޫއުތަކުގެ އަލީގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.