ވާހަކަ

ކުރުވާހަކަ: އަމުރަށް ތަބާ

މަރިޔަމް ޝަފާ އިބްރާހިމް

2

ސައިންސަކީ އެންމެންވެސް ހައިރާންކުރުވާފަދަ އަޖައިބު ކުރުވަނިވި އެއްޗެކެވެ. އެކަމަކު މިސައިންސަކުން މިޝަލްގެ ބޮޑުބޭބެއަކަށް އޭނާ ބޭނުން ކަންތައްތަކެއް ނުކުރެވުނެވެ. މިޝަލް ގަބޫލު ކުރާ ގޮތުގައި ސައިންސްވެރިންނަކީ މޮޔައިންނެވެ. އެހެން އެއްވެސް ކަމަކަށް ވަގުތު ނުދީ އެހެން އެކްސްޕެރިމެންޓެއްގެ ތެރޭގައި އުމުރު ނަގާލަފާނެއެވެ. އެހެން އުޅުނޭ ކިޔާފައި ވަކިންބޭނުން ވެގެން އުޅޭ ކަމެއް ކުރެވޭ ބައެއްވެސް ނޫނެވެ.

މިޝަލްގެ މައިންބަފައިން އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގައި ދިމާވި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާއެއްގައި ނިޔާވީއެވެ. އެދުވަހުން ފެށިގެން އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ އޭނާގެ ބައްޕައާއި އެއްްބަނޑު އެއްބަފާ ބޭބެ ޖޯނާ އެވެ. އެއީ ބޮޑުބޭބެގެ ސައިންސްގެ ދުނިޔޭގައި އުޅޭން ފެށިފަހުން ހަރުލިނަމަކަށްވިޔަސް ބޮޑުބޭބެގެ އަސްލު އުފަން ނަމަކީ ޔަހުޔާއެވެ. ބައެއްފަހަރު ބޭބެއަށް ޖޯނާކިޔާތީ މިޝަލް ހީނހީނފައި ޖެއްސުންކޮށްލައެވެ. ޔަހުޔާއާއި ބޮޑުބޭބެއާ ހުރިހާ ގޮތަކުންވެސް ގުޅޭއިރު އެހާ ގުޅޭ ނަމެއް ދޫކޮށްލާފައި ޖޯނާ ކިޔާތީ މިޝަލް ބޮޑުބޭބެއަށް މަލާމާތް ކުރެއެވެ.

ޖޯނާ، ނުވަތަ ޔަހުޔާއަކީ ސިފައަށް ބަލައިލައިފިނަމަ އެއްވެސް ވަރަކަށް ރީތި ނުވަތަ އަޅައިގަންނަ، ހިތްދަމައިގަންނަ ފަދަ އެއްވެސް ސިފައެއް ހުރި މީހެކޭ ނުބުނެވޭނެއެވެ. މީ މިޝަލް ޖޯނާއަށް މަލާމާތް ކުރުމަށް ބޭނުންކުރާ އެންމެ ވަރުގަދަ ބަހުގެ ހަތިޔާރެވެ. އިސްކޮޅުން ކުރެވެ. ކުލަ ކަޅުވެފައި ހަންގަނޑު ކުރަތްކެވެ. ދެލޯ ގުރުނޑުފާޑަކަށް ލޮލުގެ ބޮނޑިތެރެއަށް ވަދެފައެވެ. ތުންފަތް ބޯވެފައި ކުރުގެޅިފައިހުންނަ ކަހަލައެެވެ. ބޯނޭފަތް ފަތާވެފައި ކުރެވެ. ވަށްމޫނުގެ ބައްޓަން ރީތި ކުރުމަށްކަމަށް ހީކޮށްފައިކަމަށްވެސްވެދާނެއެވެ. ޖޯނާ ތުނބުޅި ބެހެއްޓުމުން މޫނުގެ ސިފަ އިތުރަށް ހުތުރު ކަމަށް އެންމެންވެސް ބުނެއެވެ. އިސްތަށިގަނޑެއް އޮވެއެވެ. އެހެންނަމަވެސް ކިސުޅިވެފައި އޮންނަ ކިހާގަނޑެއް ހާވާލާފައި އޮންނަފާޑަކަށް އޮންނަ އެ އިސްތަށިގަނޑު މުޅިން ތުނިކުރުމުންވެސް ގުޅޭކަމަކަށް ނުވެއެވެ. ކޮންމެއަކަސް ޖޯނާގެ މިސިފަތަކާއެކުވެސް އޭނާދެކެ ލޯބިވާނެ މީހުން ތިބޭތީ މިޝަލްވެސް ހައިރާންވެއެވެ. އެކަމަކު ހަގީގަތަކީ ޖޯނާ ދެކެފަރިތަ، ދަންނަ ކޮންމެ މީހަކުވެސް އޭނާދެކެ ވަރަށް ލޯބިވާކަމެެވެ. މިޝަލް ފިޔަވައެވެ. ހިތުގެ އަޑިން ސިފައަށް ބެލުމަކާ ނުލައި ލޯބިވާން ޖެހޭ މީހަކީ މިޝަލް ކަމަށްވިޔަސް އޭނާ ޖޯނާއާއެކުގައި އުޅުމަށްވެސް ނުރުހެއެވެ. އަމުދުން ދަންނަ މީހެއް ގާތުގައިވެސް ޖޯނާއާ ތިމާގެ ވާހަކަ ބުނަންވެސް މިޝަލް ލަދުގަނެއެވެ.

މިޝަލްގެ ބޯމަތިން މައިންބަފައިންގެ ހިޔާވަހިކަން ކެނޑުމަށްފަހު އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަން ފެށީ ޖޯނާއެވެ. ހުދު ޖޯނާއަކީވެސް ޔަތީމުޣަރީބެކެވެ. އެހެންނަމަވެސް އޭނާގެ ގަދަފަދަ ބުރަ މަސައްކަތުން ވަރަށް މޮޅަށް ވަނީ ކިޔަވާފައެވެ. ސައިންސްގެ ދުނިޔޭގައި ޖޯނާއަކީ ހަމައެއްވަނައިގެ ކުޅަދާނަ އެދުރެކެވެ. ކޮންމެ ސިފަޔަކަށް ހުއްޓަސް އޭނާ ކިޔެވީ އޭނާއާ އެއްކޮޅަށް މީހުންނަށް އަރަން މަޖުބޫރު ވާފަދަ، އޭނާގެ އެހީ މީހުންނަށް ބޭނުންވާފަދަ ދާއިރާއަކުންނެވެ. އެހެންކަމުން އަމިއްލަ އެދުމުގައި ނަމަވެސް ޖޯނާއަށް ތަބާވާން ޖެހޭ މީހުން ވަރަށްވެސް ގިނައެވެ.

ޖޯނާ ދިރިއުޅެމުން ދިޔައީ އޭނާ އަމިއްލަ ފައިސާއާއި މުދަލުން ބޮޑުއަގުދީފައި ފެއަރީލޭންޑުން ގަނެފައިހުރި ގެއެއްގައެވެ. މިޝަލްއަށް މަތީތައުލީމު ހާސިލުކުރަން ބޭނުން ގައުމަކަށް ދެވޭނެމަގު ހަމަޖައްސައިދިން އިރުވެސް ޖޯނާގެ އުއްމީދަކަށް ވެފައި އޮތީ މޮޅު ޑިގްރީއެއް ނަގައިގެން މިޝަލް އޭނާގެ ގާތަށް، ފެއަރީ ލޭންޑަށް އަންނާނެ ކަމަށެވެ. އެހެންނަަމަވެސް ލަންޑަނުގައި ކިޔެވުން ނިމޭ ހިސާބަށް ދިއުމުން މިޝަލްގެ ހިޔާލުތަކާއި އުއްމީދުތައް ޖޯނާއާ ވަރަށް ދުރަށް ހިނގައްޖެއެވެ. ޖޯނާއަށް ވަގަށް މިޝަލް ކިޔެވީ އާޓްސް އާއި ފޮޓޯގްރަފީ އަދި އެކްޓިން އެވެ. އޭނާގެ މުސްތަގުބަލު އޮތީ މޮޑެލިން ކެރިއާގައި ލަންޑަނުގައެވެ. ހޮލީވުޑަށް ދިއުމަށް ހުރިހާ ކަމެއް ނިންމާފައި ޖޯނާއަށް އޭނާ އެންގީ އޭނާގެ ހަނދާން ނައްތާލުމަށެވެ.

ޖޯނާއަށް އެލިޔުނު ސިޓީއަށްފަހު ތިންއަހަރުވީއިރުވެސް އެއްވެސް ހަބަރެެއް މިޝަލްއަކަށްނުވެއެވެ. ހަގީގީތެދަށް ބުނާކަމަށްވާނަމަ މިޝަލްއަށް ޖޯނާގެ ހަނދާން ކުރާނެވަރުގެ ކަމެއް ކުރިއަކުން ދިމައެއް ނުވެއެވެ. ކިޔަވަން އުޅުނު ދުވަސްތަކުގައި ޖޯނާއަތުން އަތުލި އެތައްބައިވަރު ފައިސާއަކުން އޭނާއަށް ގިނަދުވަހު އުޅެވުނީ ކުރަމުން ދިޔަ މަސައްކަތާވެސް އެކީގައެވެ. އެހެންނަމަވެސް ހޮލީވުޑަށް ދިއުމުގެ އުއްމީދުގައި ކުލަ ޖެއްސުމަށް ފައިސާ ބޭނުންވެއެެވެ. އަމިއްލަ އާއިލާގެ އެހީ ބޭނުންވެއްޖެކަން އިހުސާސްވުމުން ޖޯނާ ކޮބައިތޯ ބަލަން އަމިއްލަ ގައުމަށް ގުޅުމުން އެނގުނީ ޖޯނާ އެރަށަށް ދިޔައީ ހަމައެންމެ ފަހަރަކު ކަމަށެވެ.

އެއީ ކައިވެނި ދަތުރެއްކަމަށާއި އެދަތުރު ވަރަށް ހިތްދަތި ގޮތަަކަށް ނިމިގެން ޖޯނާ ފުރައިގެން ދިޔައީ އޭނާގެ ނަމުގައި ހުރިއްޔާ ހުރި ފައިސާއަކާއި ގަހަނާއަކާއި މުދަލެއް އެއްކޮށްގެން ޑޮލަރަށް ބަދަލުކޮށްގެން ކަމެވެ. އެންމެ ފަހަށް ހުރި ގެގަނޑު ވީރާނާވެފައި ހުއްޓާ އެތަން ބިމާއެކު ވިއްކާލަން އެތައް ބަޔަކު އެދުމުންވެސް ޖޯނާ އެބިންކޮޅު ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ. އެބިމަކީ މިޝަލްގެ ބިމެއްނަމަވެސް އެތަން އޮތީ ޖޯނާގެ ނަމުގައެވެ.

މިޝަލް އަށް ޖޯނާ ހޯދުމަށް މަސައްކަތް ކުރާން ޖެހުނީއެވެ. ޖޯނާ ހުރީ ކޮން ހިސާބެއްގައިކަމާއި ކޮންތާކުކަން ދެނެގަތުމަށް މިޝަލް އަތޮޅު އޮފީހަށް ގުޅުމުން އޭނާއާ ހަވާލުކުރުމަށް ޖޯނާ އަހަަރެއްހާ ދުވަސްކުރިން ފޮނުވާފައިވާ ސިޓީއެއް އޮތްކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ސިޓީ ވީހާވެސް އަވަހަށް ލިބުމަށް އެދުމުން އެކަން ހަމަޖެއްސުނެވެ.

ޖޯނާގެ ސިޓީގައި އޮތީ އޭނާގެ އެންމެ ފަހުގެ ބަސްތަކެވެ. އެސިޓީގައިވާ ބަސްތައް މިޝަލްއަށް މުހިންމު ނުވިޔަސް ޖޯނާ ބުނެފައި އެވާ ލެބޯޓްރީން އޭނާ ހަޒާނާ ހޯދަން ބޭނުމެވެ. ޖޯނާގެ އަތުގައި އަގު ނުކުރެވޭވަރުގެ ހަޒާނާއެއް ހުންނަކަމުގެ އިޝާރާތެއް އެސިޓީގައި އޮތެވެ. ހަތަރު ސޮފްހާގެ އެސިޓީގައިވާ އެންމެ މުހިންމު ވާހަކަ މިޝަލްއަކަށް ނުފެނުނެވެ. މިޝަލްއަށް ކިޔުނީ ފުރަތަމަ ސޮފްހާއެވެ. އޭގައިވާ ގޮތުން ޖޯނާގެ ހަށިގަނޑު ވާނީ މިސިޓީ ލިބޭއިރު ޖޯނާގެ ލެބޯޓްރީގައި ވަޅުލެވިފައެވެ.

ޖޯނާގެ ލެބޯޓްރީ ހުރީ ފެއަރީލޭންޑުން ޖޯނާ ގަނެފައިވާ ޖާދޫގެ ގަނޑުވަރުގައެވެ. އެތަނަށް ދިއުމަށްފަހު އެގަނޑުވަރަށް ވަދެގެން މިޝަލް ދިޔައީ ހައްތަހާވެސް އަޖައިބުވާކަހަލަ މަންޒަރުތަކާ ކުރިމަތިލަމުންނެވެ. ޖޯނާގެ މިރީތި ބިއްލޫރީގެ ގޭގެ އެއް ފަރާތް އޮތީ މުޅީން ފުޑުފުޑުވެފައެވެ. ލެބޯޓްރީ ހަދާފައި ހުރީ ގޭގެ ފަހަތުބައިގެ އަޑީގައެވެ. ލެބޯޓްރީގެ ތެރޭގައި ޖޯނާ އެންމެ ފަހުގެ ތަހުލީލުގެ ނަތީޖާ ލިބުމަށްފަހު އަމިއްލައަށް ލެބޯޓްރީއާއެކު ގޮއްވާލީ ނާއުއްމީދުވެގެން ދުނިޔެމަތިން މުޅިން ފޫހިވެގެންނެވެ. ގޮވުމުގައި އަޑިއަށް ވެއްޔާއި ގަލާއި ފަހާއެކު ވަޅުލެވިފައިވާ ޖޯނާގެ ހަށިގަނޑު ހޯދައިގެންވެސް ހަޒާނާއާ ހަމައަށްދާން މިޝަލް ބޭނުމެވެ.

ބޮޑުގަނޑުވަރެއް ފަދަ ގޭގެ އެފަރާތަށް ނުކުމެ ސަލާމަތުން ހުރި ބަޔަށް މިޝަލް ވަނެވެ. ލެބޯޓްރީ ގޮއްވާލެވުނީ މިބައިގެ އެއްފަރާތުން އަޑިއަށެވެ. އެއީ ލެބޯޓްރީގެ ހާއްސަ ތަހުލީލު ކޮޓަރިއެވެ. ބާކީ ސަލާމަތުން ހުރީ ޖޯނާގެ ސްޓަޑީރޫމާއި ޑައިނިންރޫމެވެ. ސްޓަޑީތެރެއިން ފާހާނާއެއް ހުއްޓެވެ. ޑައިނިން ރޫމުގައި ބޮޑު އައިސްއަލަމާރިއަކާއި ޓޯސްޓަރ، ޑިޝްވޮޝަރ، ސްޓީމްކުކަރ ފަދަ ސާމާނުތަކެއް ހުއްޓެވެ. ދެވަނަ ފަހަރަށް ސްޓަޑީއާ ދިމާއަށް ގޮސްގޮސް ހުރެފައި މިޝަލްއަށް ހުއްޓެވުނެވެ. ސްޓަޑީގެ ބޭރުން އަދި އެހެން ކޮރިޑޯއެއް އެބައޮތެެވެ. ހަނި ކޮރިޑޯތެރެއިން ލާފައި ދެވެނީ ސްޓަޑީގެ ފަހަތުގައި ހުރި ކޮޓަރިއަކަށެވެ. އެކޮޓަރިން ސްޓަޑީއަށް ވަދެެވޭ ގޮތަށް ހުރި ކޮޓަރިއެކެވެ. ކޮރިޑޯތެރެއިން މިޝަލްއަށް އެންމެ އާދަޔާ ހިލާފު އެއްޗަކަށް ފެނުނީ ބޯޓެއްގެ ހުންގާނުކަހަލަ އެނބުރޭ އެއްޗެކެވެ. އޭގައި ނުލާއި ކަޅުން ހުރި ދެމުށްގަނޑު ހުއްޓެވެ. އެއަޖައިބެއް ކަހަލަ ހުންގާނަށް ބަލަމުން ގޮސް ސްޓަޑީގެ ފަހަތުން ވަދެވެން ހުރި ކޮޓަރީ ދޮރުހުޅުވާލިއެވެ.

ހައިރާންކަމަކަށްފަހު ކަމެކެވެ. ކޮޓަރިތެރެއިން މިޝަލްއަށް މަރުހަބާކީ ރީތިހުސްކޮށްގެން އިން އަންހެންކުއްޖެކެވެ. ގަލަމަކުން ބަޔާން ނުކުރެވޭހާ ފުރިހަމަ ރީތިކަމެކެވެ. ޖޯނާ ދެޔޯއިންގެ މިގަނޑުވަރުގައި ގައިދުކޮށްފައި މިއިނީ ކޮންފަދަ ޕަރީއެއްބާވައެވެ؟

ލޫޅާފަތި، ހަންއޮމާން، ނޫކުލައިގެ ކަޅިރަވައިގެ ވެރި، ތުނިތުނި ހަށިގަނޑެއްގެ ވެރި ރޫބީ ހެވިފައި މިޝަލްއާ ސަލާމްކޮށްލިއެވެ. އެވަގުތުން ފެށިގެން މިޝަލްއަށް މެހްމާންދާރީ އަދާކޮށްދީ އެންމެ ފުރިހަމައަށް މިޝަލް ކުރަން އައިކަންތަކުގައި ރޫބީ އެހީވާން ފެށިއެވެ.

އުދައްޔާއި ފަކީރާ ހިފައިގެން ލެބޯޓްރީ ކޮނުމުގެ މަސައްކަތްކުރަމުންދާއިރުވެސް ރޫބީ މިޝަލްއަށްވުރެ މާއަވަހަށް ހަލުވިމިނެއްގައި ކޮންނަމުން މަސައްކަތް ކުރިއަށް ގެންދިޔައެވެ. ދަލުން ފޯވެގެން މާނޭވާ ލެވިގެން މިޝަލް މަޑުކޮށްލާއިރުވެސް ރޫބީ ހަމަ ހޭވެސް އަހައިނުލައި މަސައްކަތުގައި ދެމިހުރެއެވެ. ވަރުބަލިވުމެއް ބަނޑުހައިވުމެއް އަރާމުކުރަން ބޭނުން ވުމެއް މިނާޒުކު އަންހެން ކުއްޖާއަކަށް ނެތެވެ.

ހަތަރުދުވަސްވީއިރު ފުދޭވަރަށް މަސައްކަތްކުރިއަށް ގެންދެވިއްޖެއެވެ. މަސައްކަތާއެކު ރޫބީއާއި މިޝަލްގެ ގުޅުން ވެސް ތަރައްގީ ވެއްޖެއެވެ. ރޫބީއަކީ ޖޯނާގެ އަނބިމީހާ އެވެ. ކައިވެންޏަށްފަހު މިގެއަށް އައި ގޮތަށް ރޫބީ ދުވަހަކުވެސް ބޭރަކަށް ނުދެއެވެ. ލެބޯޓްރީ އާއި ގޭގެ މިފަޅީގެ ހުރިހާ ކަމަކަށް ރޫބީ ވަރަށް ފަރިތައެވެ. އެެކަމަކު ފަހަރެއްގައިވެސް ގޭގެ އަނެއް ފަރާތަށް ދާކަށް އަދި ބޭރަށް ދާކަށްވެސް ރޫބީ އެއްބަހެއް ނުވެއެވެ. ރޫބީ ބުނާ ގޮތުގައި އޭނާއަށް ޖޯނާއަކަށް ލޯތްބެއް ނުދެވުނެވެ. އެކަމަކު ޖޯނާގެ ވަސިއްޔަތުގައިވާ ގޮތަށް މިޝަލްއަށް ރޫބީ އެހީވާނެއެވެ. އަދި މުޅިއުމުރުގައިވެސް ޖޯނާގެ އަމުރަށް ތަބާވެ ބޯލެބުމުގައި ނިމިގެންދާނީ ކަމަށްވެސް ރޫބީ ބުންޏެވެ. މިލެބޯޓްރީން ބޭރަށް ގޭގެ އަނެއްފަރާތަށްވެސް އޭނާ ނުދާނެކަމަށް ރޫބީ ބުންޏެވެ. ކޮންމެއަކަސް ޖޯނާ އޭނާއާއި ވަކިވެގެން ދިޔައީ މިތަނުގައި އޭނާއަށް މުޅި އުމުރު ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިދީފައިކަމަށް ރޫބީ ބުނެދިނެވެ. މިޝަލްދެކެ ލޯބިވެވުނީތީ މިޝަލްއާއެކުގައިވުމަށް ބޭނުންވިޔަސް މިތަނަކުން އޭނާ ނުދާނެކަން ޔަގީނެވެ.

ފަސްވަނަދުވަހުގެ އިރުއޮއްސުނު ވަގުތެވެ، ރޫބީއާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ ނިޔަތުގައި ފެންވަރާލައިގެން ކޮރިޑޯއަށް ނުކުމެ މިޝަލް އުޅާހަކަށް ދެއަތްދަމާލިއެވެ. އެވަގުތު އެއްކަލަ ހުންގާނުގައި އޭނާގެ އަތްޖެހިއްޖެއެވެ. މިޝަލް މިއަޖައިބެއް ފަދަ ހުންގާނާ ކައިރިވެލިއެވެ. އެވަގުތު އޭނާއަށް ދުރުން ރޫބީ ގޮވާލިހެން ހީވިއެވެ. މަޑުކޮށްބަލާށޭ ބުނެފައި މިޝަލް ހުންގާނުގެ ހިފާތަނުގައި އަތް ޖައްސާލިއެވެ. ކަނާތަށް އަނބުރާލެވޭ ގޮތަށާއި ވާތަށް އަނބުރާލެވޭ ގޮތަށް ހުރި ހުންގާނުގެ އަޖާއިބުކުރުވަނިވި ކުލައާއި ވައްޓަފާޅިއެކެވެ.

ވާތަށް….އުނހު….ކަނާތަށް...ވާތަށް...އުނހު…ވިސްނަމުން ގޮސް މިޝަލް އަށް އިހުސާސްވީ ހަޒާނާ ފޮރުވިފައި ވަނީ މިހުންގާނުގެ ފަހަތުގައި ކަމެވެ. ކޮންމެ ކަމެއްގެ ވެސް އެންމެ ރަނގަޅަށް ކަންކުރާ ބޮޑުބޭބެ ނިންމާނީ ކަނާތަށް އޭނާ މިހުންގާނު ނާނބުރާނެކަމަށެވެ. އޭރުން ހަޒާނާ ހުރި ދޮރު ނުުހުޅުވޭނެތާއެވެ. ހިޔަޅުގެ ނުބައިކަން ބަލާބަލާށެވެ. އޭނާލައްވައި ބޮޑުމަސައްކަތެއް ކުރުވަނީއެވެ. ސިޓީގައި އޮތެވެ. ލެބޯޓްރީގައި ހަޒާނާއެއް ވާނެއެވެ. އެހަޒާނާގެ ހުންގާނު އެރައްކާތެރިކުރާނެއެވެ. ކުއްލިއަކަށް ސިޓީގައި އޮތް ތަންކޮޅެއް މިޝަލްއަށް ހިޔާލީފޮޓޯއަކަށް ފެނިއްޖެއެވެ. ފަހުރުގެ ހިނިތުންވެލުމަކާއެކު ހުންގާނުގެ ކަޅުމުށްގަނޑުގައި ހިފައި ކަނާތަށް އަނބުރާލަން ހިފިއެވެ.

އެވަގުތު ފަހަތަށް ކަޅިއެއް އެއްލައިލެވުނެވެ. ފަހަތުން އައިސްއައިސް ހުރި ރޫބީއަށް އޭނާ ފޮނިހީނލުމެއް ހަދިޔާކުރިއެވެ. އެއާއެކު ރޫބީ ދެއަތަކަށް ބޯހޫރާލަމުން ތެޅިގަތްހެން ހީވިއެވެ. އެހިނދުކޮޅު އޭނާ އެނބުރިލުމާއެކު މުށްގަނޑުގައި ހިފާފައިވާ އިނގިލިތަކަށް ބާރުލާފައި ކަނާތަށް ހުންގާނު އަނބުރާލިއެވެ. ގައިގައި ހުރި އެންމެ ބާރަކަށެވެ. ރޯލަކަށް ޓޭޕެއް އޮޅިގެން ދިޔަކަހަލަ އަޑެއް އިވިގެން ދިޔައެވެ. ދެން ކުއްލިއަކަށް ކޮންމެެވެސް ދަގަނޑު އެނދުމެއްގެ ވަސް މިޝަލްގެ ނޭފަތުގައި ޖެހިއްޖެއެވެ.

އެނބުރި ބަލާލީ ރޫބީ ކޮބައިތޯއެވެ. ދެލޯބޮޑުވެ ހައިރާންވެ ތުބަށް އިނގިލިއެރިއެވެ. ރޫބީ ހުރި ދިމާލުން އޮލަދުންތަކެއް އަރަމުން ދިޔައެވެ. އަނދާއަޅިއަށް ވެގެން ފައިބާފައި އޮތް އިންސާނެއްގެ ހަށިގަނޑުގެ ދަގަނޑުކޮޅުކޮޅުން، އޮނިގަނޑު، ފުންޏަކަށް ޖެހިފައި ހުރި އިރު އޭގެން އަރަމުން ދިޔަ އޮލަދުން މުޅިތަނުގައި ދަގަނޑު ދޮންވާ ވަސް ފަތުރަމުންދިޔައެވެ.

ޖޯނާގެ ސިޓީ އެއްކޮޅުން އަނެއްކޮޅަށް ފަރުވާތެރިކަމާއެކު އޭނާ ކިޔާލީ ދެނެވެ. އެސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ގަނޑުވަރުގެ ބޭރު ބަގީޗާތެރޭގައި ވަޅުލާފައިވާ ފޮށްޓެއް މިޝަލް ކޮނެގެން ނެގިއެވެ. އޭގައި އޮތީ ޖޯނާގެ ވަސިއްޔަތެވެ. އެވަސިއްޔަތުގައި ޖޯނާގެ އަމިއްލަ ނަމުގައިވާ ހުރިހާ މުދަލަކާއި ފައިސާއެއް އަދިވެސް ހުރި ހުރިހާ އެއްޗެއް މިޝަލްއަށް ހިބަކޮށްދީފައިވެއެވެ. ވަސިއްޔަތާއެކުގައި އޮތް ނޯޓެކެވެ.

"އަހަރެންގެ އަލަތު އަނބިމީހާ ރޫބީ ކައިވެނީގެ ފުރަތަމަ ރޭ، މަގޭ ހުތުރު ސިފައާއި މޫނު ފެނިފައި ބިމަށް ކުޅުޖެހި ގޮތަށް އަހަންނާ ވަކިވެގެން ދިޔައީއެވެ. ލިބިފައި ހުރި އިލްމުގެ އަލީގައި އަހަރެން ރީތި އަންހެނަކު ތައްޔާރު ކުރީމެވެ. އޭގެ ނަމަކަށް އަހަރެން ހަމަޖެއްސީ ރޫބީއެވެ. އެކަމަކު މިހިއުމަން ރީތި އިލެކްޓްރޯނިކް ރޮބޯބުދު ހެދުމުގައި އަހަންނަށް ކުޑަކުޑަ ކުށެއް ހެދުނީއެވެ. އަހަރެންގެ އަމުރަށް ތަބާވުން މުޅިން ލުމަށް ތައްޔާރުކުރި މިރޮބަޓަށް އަހަންނަށް، ލެވުނީ ރުހުމާއި ނުރުހުން ހަމަހަަމައަށެވެ. އަމުރަށް ތަބާވުން މަޖުބޫރުވިޔަސް ނުރުހޭ ކަންތައް ނުކުރުމުގެ އިހުތިޔާރު ބައެއްފަހަރު ރޫބީގެ ހުންނާނެއެވެ. އެހެންވުމުގެ ސަބަބުން އަހަރެން އަމުރަށް ތަބާވިޔަސް ރޫބީވެސް އަހަރެންދެކެ ލޯތްބެއް ނުވެއެވެ. ފާޅުގައި އެވާހަކަ އޭނާ ބުނެއެވެ.

މިރޮބޮޓްގެ ރިމޯޓު އޮންނާނީ ކޮރިޑޯގައެވެ. އޭގެ ހުންގާނު ކަނާތަށް ކަޅު މުށްގަނޑުން އަނބުރާލުމުން އޭނާ ނިމިދާނެއެވެ. އެކަން އޭނައަށްވެސް އެނގޭނެއެެވެ. އަނެއްފަރާތަށް އެނބުރުމުން އަހަރެން އޭނާއަށް ޕަވަރ ދިން ގޮތަށް ކަނާތަށް އަނބުރާލުމުން އޭނާ ރޫޅާލެވޭނެއެވެ. ހުންގާނެއްގެ ސިފައިގައި އެހެރީ ރޫބީ ތައްޔާރުކޮށް ކޮޅަށް ނެގި މެޝިނެވެ. އޮޅިގެން ވެސް އޭތި ކަނާތަށް ނާނބުރައްޗެވެ. އެއީ އަހަރެންގެ އެންމެ ބޮޑު މަސައްކަތެވެ. އޭނައަކަށް ފަހަރެއްގައިވެސް އެލެބޯޓްރީ ދޫކޮށްލާފައި ދާކަށް ނޭނގޭނެއެވެ. އެހެނީ އޭނަ ޕްރޮގްރާމްކޮށްފައިވާ މެޝިނަކީ އެފެންނަ ހުންގާނެވެ. އަދި އެމެޝިން އެހެރީ ލެބޯޓްރީގައެވެ. ދަމުންދަމުން އަހަރެން ދޫކޮށްފައި މިދާ އެންމެ އަގުބޮޑު ހަޒާނާއަކީ ރޫބީއެވެ. މިރޮބޮޓްގެ ރިމޯޓާއެކު އޭނާ ކޮންމެ ތާކަށްވެސް ގެންދެވޭނެއެވެ. އަހަރެންގެ މިމަސައްކަތުންވެސް ފޭލްވީއެވެ. ރޫބީގެ ނުރުހި އިނދެގެން އަމުރަށް ތަބާވާ ލޯބި ލިބޭކަށް އަހަރެންގެ ހިތް ކެތެއް ނުކުރިއެވެ. އަހަރެން ލެބޯޓްރީއާއެކު މިގޮއްވާލެވިގަންނަނީ މިސަބަބާ ހެދިއެވެ. މިޝަލްކޮއްކޯ އެވެ. ރޫބީގެ ފަރާތުން ކޮއްކޮއަށް ފަސޭހަ، އަރާމު، އެހާމެ މުއްސަނދި ދުނިޔެއެއް ލިބިގަނެވިދާނެއެވެ. ރޫބީއާއި ރިމޯޓް ނައްޓާލައިގެން ހިފައިގެން ދާށެވެ. ގޮސް ކޮއްކޮ ބޭނުން އަރާމު ދިރިއުޅުމެއް އުޅޭށެވެ. ކޮއްކޮގެ ލޯތްބަށްޓަކައި ބޮޑުބޭބެ އުފަލުން ގުރުބާންވަމެވެ."

މިޝަލްއަށް ބާރުބާރަށް ރޮއިގަނެވުނެވެ. ދުވަހަކުވެސް ހިތުގައި ބޮޑުބޭބެއަށް މަލާމާތާއި ނަފުރަތު ނޫން އެއްޗެއް ނެތް މިޝަލްގެ ހިތުގައި މިންނެތްވަރަށް ލޯތްބާއި ގަދަރު އުފުލި ހަމްދަރުދީން އެހިތް ފުރިގެންދިޔައެވެ. ބޮޑުބޭބެގެ އަމުރަށް ތަބާ ވުމުގެ ގޮތުން އެއްވެސް ކަމެއް މިޝަލްއަކަށް ނުވިއެވެ. އެންމެ ފަހުވަގުތު ބަހެއްބުނުމަކާ ނުލައި ބޭބެގެ އަމުރަށް ތަބާ ވަމުންދިޔަ މަސްނޫއީމީހާވެސް ހަލާކުކޮށްލެވުނީއެވެ. ދެންވެސް ބޮޑުބޭބެއަށް ކަމެއްކޮށްދެވޭތޯ، ލެބޯޓްރީއާއެކު މުޅި ގެ ތަޅައި ބިމާހަމަކޮށް އެތަނުގައި ރީތި ޕާކެއް ބިނާކުރުމަށް މިޝަލް އަޒުމުކަނޑައެެޅިއެވެ.

(ނިމުނީ)