ހަޔާތުގެ ދަތުރުގައި އައި ގަދަ ވިއްސާރައެއްގައި އެތަކެއް އުއްމީދުތަކެއް ފެނަށްވެގެން ދިޔަ އައިޝަތު މޫސާގެ ވާހަކަ އިވިފައި ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އަސަރުކުރާނެކަން ޔަގީނެވެ. ނުހަނު އުފާވެރި ދިރިއުޅުމެއްގައި ލޯބިވާ ފިރިއަކާއި ލޯބިލޯބި ދެދަރިންނާއެކު އުޅެމުންދިޔަ އައިޝަތުގެ ހަޔާތަށް އައި ތޫފާނުގެ ވާހަކަ "ވަން" އަށް ހިއްސާކުރި ވަގުތު އަޑު އަހަން އިނދެވުނީ ވެސް ހިތްވަރުންނެވެ. ލޮލަށް މަންޒަރު ފެނުމުން އިހުތިޔާރަކާ ނުލައި އެއްފަރާތަކަށް މޫނު އަނބުރާލައި ލޯ މަރައިލެވުނެވެ. މޭބޮޑުވެ ހެޔަށް ގޮތެއް ނުވީ ކިރިޔާއެވެ. އައިޝަތުގެ ބުރިކޮށްލެވިފައިވާ ފައިގެ ޒަހަމުގައި ހުރި ދޮހާއި ލޭ ފެނުމުން ވީވަރަށްވުރެ ހިތަށް ކުރި އަސަރު ބޮޑެވެ.

ތ.ތިމަރަފުށީ ލުނބޯމާގޭ، 39 އަހަރުގެ އައިޝަތު މޫސާއަކީ އުފާވެރި ދިރިއުޅުމެއް އޭނާގެ ދެކުދިންނާއި ފިރިމީހާއާއެކު އަމިއްލަ ރަށުގައި އުޅެމުން ދިޔަ ސިއްހަތުވެސް ހަމަ ރަނގަޅު އަންހެނެކެވެ. 11 އަހަރުގެ އަންހެން ދަރިފުޅަކާއި 7 އަހަރުގެ އަންހެންދަރިފުޅެއްގެ ޒިންމާ އުފުލަމުން ދިޔަ މަންމައެކެވެ. މީގެ ތިން އަހަރު ކުރިން ސުކޫލަށް ދަރިންކޮޅު ލައި އެކުދިން ސުކޫލުން އަނބުރާ ގެންގޮސް އެހެނިހެން ކަންތަކުގައިވެސް ހޭލަމޭލަވެ އުޅުނު ހީވާގި މީހެކެވެ. އޭނާގެ ހަޔާތުގައި މިފަދަ ހިތްދަތި އަދި ކެތްކުރަން ދަތި ނިކަމެތި ހާލެއްގެ ދުވަހެއް ދެކެން ޖެހިދާނެކަމުގެ އެއްވެސް ހިލަމެއް ނެތި އުޅެމުންދިޔަ ހީވާގި ގެވެހި އަންހެނެކެވެ. އެހެންނަމަވެސް އެއްދުވަހެއްގެ ހެނދުނުގެ އިރު އެރީ އައިޝަތަށް ނުރައްކާތެރި ކަމުގެ ސިގްނަލެއްގެ ގޮތަށް ނިޝާނެއް އޭނާގެ ފިޔަވަޅަށް ދޫކޮށްފައެވެ.

ފާއިތުމިވީ ތިން އަހަރު ތެރޭ އެތައް ހަރުފަތްތަކެއް ސިއްހީ ނިކަމެތިހާލުގައި އެތަކެއް ވޭނުގައި އުޅެމުން އައިސް މިއަދު ހިނގާބިނގާވެ އުޅުމުންވެސް މަހުރޫމު ވެފައި އިން މިޒުވާން އަންހެންމީހާގެ އަސަރުގަދަ ތަޖުރިބާ އަކީ އެންމެނަށް ހުރި އިބުރަތެއްކަން ޔަގީނެވެ.

މިއަދު މުޅި ހަށިގަނޑުގައި ހިނގާ ލޭގައި ޖަރާސީމު ހުރުމުން ތާއަބަދު ބޭސްކެއުމަށް މަޖުބޫރުވެފައިވާ އައިޝަތުގެ ހަށިގަނޑުގެ އެކިތަންތަން އަދިވެސް ދަނީ ފާރުވަމުންނެވެ. އަތުގައި ނެގި ފޮޅުތައް އިރާދަކުރައްވައިގެން ރަނގަޅުވިޔަސް ސަލާމަތުން ހުރި ފައި މަޑުމަޑުން ހަލާކުވަމުންދާކަމަށް އައިޝަތު ވަނީ ބުނެފައެވެ.

އައިޝަތު ބުނީ މިއީ ކިހިނެއްވެގެން ވާކަމެއް ކަން ނޭނގޭކަމަކަށެވެ.

"މިއީ ފައިތިލަ މަތީ ނެގި އާދައިގެ ބިއްސެއް، ފާޑެއްގެ ފޮޅެއް ކަހަލަ ގޮތަކަށް، ދެން ހަމަ ފައި ދުޅަވެ ހަލާކުވީ. މިހާރު އަތުގަ ނަގަނީ. އެއީ ޖަރާސީމުކަމަށް ބުނަނީ، ރާއްޖެއަކުން އެއްވެސް ވަރަކަށް ނޭނގުނު، އެއްވެސް ވަރަކަށް ރަނގަޅެއްވެސް ނުވި، އިންޑިޔާއިން ފަރުވާ ދިން ފަހަރު ރަނގަޅުވި، އެކަމަކު މިހާރުދެން އިންޑިޔާއަށް ދެވޭވަރަށްވުރެ ހާލަތު ދެރަ ވީމަ އެހެނެއް ނުދެވޭ. ވީމަ މިހާލެއްގައި ޝުކުރުކޮށްލައިގެން މިއިންނަނީ ކޮންމެވެސް ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވާތޯ."

ރާއްޖެއިން ޑޮކްޓަރުންނަށް އައިޝަތުގެ ފަޔަށް ވަމުންދިޔަ ގޮތް ބުނެނުދެވުނީ ނޭނގިގެން ކަމެއް ނުވަތަ އެހެން ސަބަބަކާ ހެދިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ފައިގެ ހާލަތު ދެރަވެ އެއް އޮޕަރޭޝަނުން ރަނގަޅު ނުވިކަމެވެ. ފުރަތަމަ، ފިޔަވަޅުގެ މަތިން ކުޑަހުޅާ ހަމައިން ބުރި ކޮށްލީ ފައިތިލައެވެ. ދެންވެސް ރަނގަޅެއް ނުވިއެވެ. ދޮހާއި ދޮސްފެންލޭ ފައިބަނީ ބަލަބަލައި އިންދާ ކޯރުލައިފައެވެ. ބެންޑޭޖްކޮށް ކުނިވެ މުޅި ފައިގެ ބޭނުން ކެނޑިގެން އެންމެ ފަހުން ބުރިކޮށްލަން ޖެހުނީއެވެ. ފައިމައްޗަށް ކޮޅަށް ހުރި، ފުރިހަމަ ސިއްހަތުގެ ވެރިޔާ ބަލި، އުނިމީހަކަށްވީއެވެ.

އިންޑިޔާއިން ސެޕްސިސްއަށް ޑައިގްނޯސް ކުރިއިރު އައިޝަތުގެ ފައި ޖެހުނީ ބުރިކޮށްލާށެވެ. ރާއްޖެއިން މިއީ ސެޕްސިސް ކަމަށް ބުނެނުދިން ސަބަބެއް ނޭނގޭ ކަމަށް، އައިޝަތު ހައިރާންކަމާއި އަސަރާއެކު ބުންޏެވެ. ހަމައެންމެ ތިން އަހަރު ތެރޭގައި އައިޝަތުގެ މުޅި ދިރިއުޅުންވެސް ބަދަލުވެ އެފުށްމިފުށަށް ޖެހުނީއެވެ.

އިންޑިޔާގައި ހުރި ދެމަސްދުވަހު ވަރަށްވެސް ލުއިކަމަށް އައިޝަތު ބުންޏެވެ. ބައްޔަށް މުޅިން އެެކީ ފަސޭހަ ނުވިޔަސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ. އެންމެ ފުރަތަމަ ފައިތިލަ މަތީގައި ނެގީ ފޮޅެއްކަމަށާއި އެފޮޅު ބޮޑުވަމުން މުޅި ފިޔަވަޅާއެކު ދުޅަވަމުން ދިޔައީއެވެ. އެންމެ ފުރަތަމަ މިފިޔަވަޅު ހަލާކުވެގެން އައިޖީއެމްއެެޗުން ކަކުލު ހުޅުން ތިރީ ކަށިމަތިން ބުރިކޮށްލުމަށްފަހު އެތަން ފަސޭހަވީކަމަށް އައިޝަތު ކިޔައިދިނެވެ. ނަމަވެސް ދެން ހުރި ހިސާބު ފައިގެ ކަށިމަތި ރަނގަޅު ނުވެ އައިޖީއެމްއެޗުގައި ހަތަރު މަސްވަންދެން އޮތްއިރު އެއްވެސް ވަރަކަށް ރަނގަޅު ނުވެ ދޮސް ފައިބާ ފައި ހަލާކުވަމުންދާވަރަކަށް އައިޖީއެމްއެޗުން ބެންޑޭޖްކުރީއެވެ. އައިޝަތު ބުނި ގޮތުގައި ބެންޑޭޖް ކުރަމުން ދިޔައިރު ރަނގަޅު ނުވާކަން އެނގޭއިރުވެސް ހަމަދެންވެސް ބެންޑޭޖު ކުރީއެވެ.

އެހައިހިސާބުން އާއިލާގެ އެންމެންގެ އެހީއާއެކު ދިޔައީ އިންޑިޔާއަށެވެ. ދޮސްފައިބާ ވަރުން ތިކިތިކިޖަހަމުންދިޔަ ހާލުގައި އިންޑިޔާއަށް ދިޔުމަށް ދަތުރުފެށީއެވެ. އެންމެ ފަހުން ގޮތްހުސްވެގެން މުޅި ހަށިގަނޑަށް ޖަރާސީމުގެ އަސަރުކޮށްފާނެތީ މަޖުބޫރުވެގެން، އިންޑިޔާގެ ނިރުމަލާއިން ކަކުލު ހުޅުން މަތިން، ކަށިމަތީގައި ބާކީ ހުރި ބައި ބުރިކޮށްލީއެވެ.

ކައިވެންޏަށް 21 އަހަރުވީއިރު ފުރަތަމަ 10 އަހަރުވީފަހުން އަލަތުދަރިފުޅު ލިބުނުކަމަށާއި މިވީ ހުރިހާ ދުވަހެއްގައިވެސް ފިރިމީހާގެ ފަރާތުން ލިބެމުން އަންނަ އޯގާތެރިކަމާއި ލޯތްބާއި އަޅާލުމަށް މިއަދުވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށް އައިޝަތު ބުންޏެވެ. މިނުކުޅެދޭ ހާލަތަށް މީހާ ދިއުމަށްފަހުވެސް ފިރިމިހާ ހުރީ އަދިވެސް ގާތުގައި ކަމަށާއި ކުރިއަށްވުރެ މިހާރު މާބޮޑަށްވެސް އޯގާތެރިކަމަށް އައިޝަތު ބުންޏެވެ. އެފަދަ ލޯބިވާ ފިރިޔަކު ނެތްނަމަ އައިޝަތުގެ ދރިއުޅުން މިހާލަތުގައި އޮންނާނެ ގޮތް ހިތަށްވެސް ނުގެނެވޭނެއެވެ.

ނޯތުވެސްޓަން މެޑިސިން ރީޖަނަލް މެޑިކަލް ގްރޫޕްގެ މެޑިކަލް އެޑްވަައިޒަރ، ޑޮކްޓަރ ކެވިން މާޓިނީޒް (އެމްޑީ) ސެޕްސިސް އާ ބެހޭ ގޮތުން ލިޔެފައިވެއެވެ. ސެޕްސިސްއަކީ ހަށިގަނޑުން ހަށިގަނޑަށް ދޭ އެންމެ މަތީ ދަރަޖައިގެ ނުރައްކާތެރިކަމާއިދެކޮޅު ވަރުގަދަ ރައްދެކެވެ. މިއީ އާއިލާގެ ފަރާތުން ނުވަތަ އެހެން ގޮތަކުންވެސް ވާރުތަ ވާ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިއީ ހަށިގަނޑަށް އެތެރެވެގަންނަ ޖަރާސީމުތަކެއް، ބެކްޓީރިޔާ، ފަންގަސް، ނޫނީ ވައިރަލް އިންފެކްޝަނަކުން ދިމާވާ މައްސަލައެކެވެ. ޖަރާސިމުގެ ވިހަ ހަށިގަނޑުގައި އަށަގަނެ، ރަސްކަންކުރަން ފެށުމުގެ ކުރިން އެވިހަ ނައްތާނުލެވިއްޖެނަމަ ގުނަވަންތަކަށް އޭގެ އަސަރުކޮށް ލޭ ވިހަވެގެން ޖަރާސީމު ގަދަވެ މީހާގެ ހަށިގަނޑު ނައްތާލަންފަށައެވެ. މީގެ އެންމެ ކުރީކޮޅުގައި ފެންނަ އަލާމާތްތަކަކީ ނޭވާކުރުވުމާއި ހިތުގެ ވިންދު ނުވަތަ ތެޅުން ބޮޑުވުމާއި ހުންއައިސް ހީކަރުވައި ފިނިވުން، ހަމަނުޖެހޭފަދަ އުނދަގޫ ތަދުތަކެއް ހުރުން، ހަންގަނޑު ތެތްކޮށް ހުންނަން ފެށުން ފަދަ ވަރަށް ތަފާތު އަލާމާތްތަކެކެވެ. މީގެ ކުރީކޮޅުގައި ވީހާވެސް އަވަހަކަށް ފަރުވާ ދެވި، އެންޓިބަޔޮޓިކް ދީގެން އަދި އެޖެހުނު ގުނަވަން ނުވަތަ އަސަރުކޮށްފައިވާ ޓިޝޫސްތައް ހަށިގަނޑާއި ވަކިކޮށްލުން ނޫން އިތުރު ފަރުވާއެއް އޮންނަކަމަކަށް ނުވެއެވެ.

މިއީ ދުނިޔެއަށް އާންމުކަމެއް ނަމަވެސް ރާއްޖެއިން ފެންނަލެއް މަދުވިޔަސް މިއީ ދިވެހިންވެސް ހޭލުންތެރިވާން ޖެހޭ މައްސަލައެކެެވެ. މިއީ އަމިއްލަ ހަށިގަނޑަށް ހަށިގަނޑުން އަންނަ ރީއެކްޝަނެއް ނުވަތަ އިންފެކްޝަނެއް ޖެހުމުން އެ ރަނގަޅު ނުވާނެކަން ހަށިގަނޑަށް އެނގުމުން އެބައި ހަށިގަނޑުން ނައްތާލުމަށް ހަށިގަނޑު އަމިއްލައަށް ދޭ ރައްދަކުން ޖެހޭ ބައްޔެކެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ދިވެހިން ހޭލުންތެރިވާން ޖެހޭ ސީރިޔަސް ބައްޔެކެވެ.

ކޮންމެއަކަސް އައިޝަތުގެ ހަޔާތުގައި އޭނާއަށް ދިމާވެފައި މިވާ ހިތްދަތި އަސަރުން ފުރިފައިވާ ހާލަތަށް އެހީގެ އަތެއް ދިއްކޮށްލުމަށް އޭނާ ވަނީ އެދިފައެވެ. ބައެއް މީހުން އޭނާ ސޯޝަލް މީޑިޔާގައި ހިއްސާކުރި ވާހަކަތަކަށް މަލާމާތް ކުރާކަމަށާއި މައުލޫމާތު ހޯދަން އިންޓަވިއުއެއް ދިނުމަށް އެދި ގުޅައި ވާހަކަދެއްކުމަށްފަހު ދެން އެއްވެސް ހަބަރެއް ނުވުން ކަހަލަ ކަންތައް ދިމާވާތީ ވަރަށް ދެރަވާ ކަމަށް ބުންޏެވެ.

މިހާރުވެސް އެއްފައި ނެތުމުގެ ވޭނުގައި ނުކުޅެދުމުގައި އުޅެމުން އަންނައިރު އަނެއްފައި ހަލާކުވާން ފަށާފައިވާތީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް އިންތިހާއަށް ބޭނުންވާ ވާހަކަ ފެންފަޅިވެފައި އިނދެ އާދޭހާއެކު އައިޝަތު ބުންޏެވެ. ދެކުދީންނަށް އޭނާ މިހާރު އެއިން ހާލުންވެސް ވެވޭ ކުޑަކުޑަ އެހީއާއި ދެވޭ އަޅައިލުންވެސް ނުދެވޭފަދަ ކަމެއް ވާން އެއްގޮތަކަށްވެސް ނޭދޭކަމަށާއި ނަމަވެސް މާލީ ހާލަތު އޭނާއަށް ފަރުވާ ހޯދުމަށް ތަނަކަށް ދާން ފުރުސަތު ނުދޭތީ އެކަމާ ނުހަނު ހިތާމަކުރާ ވާހަކަވެސް އައިޝަތު ބުންޏެވެ.

އައިޝަތު އެދެނީ އޭނާގެ މިނިކަތި ހާލަށް އެހީވެ ބޭސްފަރުވާ ކުރުމަށް ﷲގެ ވަޖުހު ފުޅަށްޓަކައި ދީލަތި އެހީއެއް ވާނެ ފަރާތެއް ހުރިނަމަ އެއެހީތެރިކަން ފޯރުކޮށްދިނުމެވެ. އައިޝަތަށް އެހީވުމަށް އެދޭ ފަރާތެއްވާނަމަ ތިރީގައިމިވާ ނަންބަރަށް ގުޅުއްވާލައްވާށެވެ.

އައިޝަތު މޫސާ: 7811082

ބީއެމްއެލް ރުފިޔާ އެކައުންޓް، އައިޝަތު މޫސާ: 7730000259840