އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސ) އަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ނަތީޖާ ނެރެދީގެން ކަމަށާއި އަޒުމަކީ އެފަދަ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތާ 31 އަހަރު ފުރުނު ދުވަހާ ގުޅިގެން އިއްޔެ ދެއްވި ހިތާބުގައި ޝާމިލް ވިދާޅުވީ އޭސީސީއަކީ ނަތީޖާ ނެރެވޭ މުއައްސަސާއަކަށް ބަދަލުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ހަމައެކަނި ވާހަކަތަކެއް ދައްކައިގެން, އޭސީސީއާ މެދު ލޮބުވެތި ރައްޔިތުން ކުރާ އުންމީދުތައް ފުރިހަމަކޮށްދީ ނަތީޖާ ނެރެވޭ މުއައްސަސާއަކަށް އޭސީސީ ނުހެދޭނެކަން އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން. އޭސީސީއަށް ލޮބުވެތި ރައްޔިތުންގެ އިތުބާރުކުރަން ފަށާނީ ނަތީޖާ ނެރެދީގެން. އަޅުގަނޑުގެ އަޒުމަކީ އޭސީސީއަކީ ނަތީޖާ ނެރެދޭ މުއައްސަސާއަކަށް ބަދަލުކުރުން," އޭނާ ވިދާޅުވިއެވެ.

ޝަމީލް ވިދާޅުވީ ނަތީޖާ ނެރެދޭ މުއައްސަސާއަކަށް ހެދުމަކީ ވަރަށް ގޮންޖެހުން ބޮޑު, ޒަމާންވީ މަސައްކަތުގެ ސަގާފަތެއް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އޭސީސީއަށް ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ފަހަކަށް އައިސް ސިޔާސީ ވެރިން އެންމެ ފާޑުކިޔާ އެއް މުއައްސަސާއަކީ އޭސީސީއެވެ. އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގައި ލަސްތަކެއް އުޅޭތީއެވެ. އަދި އޭސީސީއަށް ނުފޫޒު އޮތް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން މިމަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފެއްދި ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ އިދާރާތަކާއެކު އެ ކޮމިޝަނުން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ހެކިތަކާއި ޑިޖިޓަލް އެވިޑެންސް ގެނައުމާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެންމެ ހާއްސަ އިސްކަމެއްދޭނީ ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އޭސީސީއަށް އާ މެންބަރުން އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭސީސީއަށް އާ މެންބަރުން އައްޔަންކޮށްފައިވަނީ ކުރިން ތިއްބެވި މެންބަރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދަނިކޮށް އެ ހުރިހާ މެންބަރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭސީސީއަށް އާ މެންބަރުން އައްޔަންކުރެވިފައިވަނީ އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮއްވައެވެ.